އެންޓިބޮޑީ ޓެސްޓިން މި ހަފްތާގައި ފަށަނީ، ފުރަތަމަ ޓެސްޓުކުރަނީ ސްކޫލް ކުދިން

އާންމުންގެ ތެރޭގައި ކޮވިޑް-19 ފެތުރިފައި އޮތް ހާލަތު ވަޒަންކޮށް އެކަމާ ގުޅޭ ގޮތުން ބޭނުންވާ މައުލޫމާތު އެއްކުރުމަށް މި ހަފުތާގައި އެންޓި ބޮޑީ ޓެސްޓިން ހަދަން ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
މި ސްޓަޑީ ޕްލޭން ހަދަނީ އެޗްޕީއޭ އާއި ގައުމީ ޔުނިވާސިޓީ ގުޅިގެންނެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެންޓިބޮޑީ ޓެސްޓު ހަދަން ބޭނުންވާ ތަކެތި ހޯދައި، ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން މި ހަފުތާ ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށާއި އެންމެ ފުރަތަމަ ޓެސްޓު ކުރާނީ ސްކޫލު އުމުރު ފުރައިގެ ކުދިން ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"މި ޓެސްޓުތައް ހަދަން މި ޖެހެނީ މުޅި އާބާދީގެ ހުރިހާ އުމުރުފުރައެއްގައި. އެހެންވީމަ މިވަގުތު އެންމެ ފުރަތަމަ ފެށޭނީ ސްކޫލު އުމުރުފުރައިގެ ކުދިންގެ ތެރޭގައި. މި ހަފްތާގައި ޓެސްޓު ހެދުމުގެ ކަންތައްތައް ފެށޭނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެޗްޕީއޭއިން މީގެ ކުރިން ބުނީ އެންޓިބޮޑީއާ ގުޅޭ މި ސްޓަޑީ ފަށަނީ ރާއްޖޭގެ އާބާދީ ކޮވިޑް-19އަށް އިމިއުން ވެފައިވާ ވަރު ބަލަން ކަމަށެވެ.
މީގެ ކުރިން ފްރަންޓްލައިން މީހުންގެ އެންޓިބޮޑީ ޓެސްޓުތައް އޭޑީކޭ އިން ހަދާފައިވާއިރު އޭގެ ނަތީޖާތައް ދައްކާގޮތުން ޓެސްޓު ހެދި 3،000 މީހުންގެ ތެރެއިން 125 މީހުން ވަނީ އެންޓިބޮޑީ އަށް ޕޮޒިޓިވްވެފަ އެވެ.
ހަށިގަނޑުގައި އެންޓިބޮޑީ ހުރުމުގެ މާނަ އަކީ ވައިރަސް ހުރެ އެއާ ދެކޮޅަށް ހަށިގަނޑު މަސައްކަތް ކޮށްފައި ވުމެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން ނޭނގޭ މީހަކު އެންޓިބޮޑީއަށް ޕޮޒިޓިވްވި ނަމަ އެއީ ބަލީގެ އަލާމާތް ނުފެނި ބަލިޖެހި ރަނގަޅުވެފައި ހުރި މީހަކަށް ވެދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ