ފުލުހުން ހޯދާ މާއްދީ ހެކި ވައިގެ މަގުން އުފުލުމުގައި އަމަލު ކުރާނެ ގަވާއިދެއް ހަދައިފި އެވެ.
ފުުލުހުން ބުނީ މި ގަވާއިދު ހެދުމުގެ މަގްސަދަކީ ފުލުހުން ތަހުގީގު ކުރަމުން ގެންދާ މައްސަލަތަކާ ގުޅިގެން ތަހްލީލު ކުރުމުގެ ބޭނުމަށާއި އެހެނިހެން ބޭނުންތަކުގައި މާއްދީ ހެކި ވައިގެ މަގުން ފޮނުވުމުގައި އަމަލު ކުރާނެ ގޮތްތަކާއި ފުލުހުން ތަހުގީގު ކުރަމުން ގެންދާ އެކިއެކި މައްސަލަތަކުގައި ހިމެނޭ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ވައިގެ މަގުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގައި އަމަލު ކުރާނެ އިޖުރާއަތުތައް ކަނޑައެޅުން ކަަމަށެވެ. އަދި މި ގަވާއިދުގެ ދަށުން ފޮނުވޭ ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގައި އެއް މިންގަނޑެއްގައި އަމަލު ކުރުމަށް ބާރު އެޅުމާ އެކު އެކަން ކަށަވަރު ކުރުން ކަމަށެވެ.
މި ގަވާއިދަށް އަމަލު ކުރުމުގައި އެއާލައިން އޮޕަރޭޓް ކުރާ ފަރާތް މެދުވެރިކޮށް ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ކުރުމަށްޓަކައި އަދި އެއާޕޯޓް އޮޕަރޭޓް ކުރާ ފަރާތާ ގުޅިގެން ކުރަން ޖެހޭ ކަންތައްތައް ކުރުމަށްޓަކައި އެ ފަރާތްތަކާއި މޯލްޑިވްސް ޕޮލިސް ސާވިސް އާ ދެމެދު މެމޮރިންޑަމް އޮފް އަންޑަސްޓޭންޑިން ނުވަތަ އެއްބަސްވުމެއް މި ގަވާއިދާ ތައާރަޒް ނުވާނެ ގޮތުގެ މަތިން ހެދުމަށްފަހު އެ ގޮތުގެ މަތިން އަމަލު ކުރެވިދާނެ ކަމަށްވެސް އެ ގަވާއިދުގައި ބުނެއެވެ.
މި ގަވާއިދުގައި ޕޮލިސް ކޮންސޯލްގެ ގޮތުގައި ފޮނުވޭ ތަކެތި ލޭބަލް ކުރުމާއި އެއާލައިނަށް ފޮނުވުމުގައި އަމަލު ކުރާނެ ގޮތާއި ޕޮލިސް ކޮންސޯލް ފޮނުވުމަށް ކުރާ ހަރަދުތައް ކުރެވޭނެ ގޮތްތަކާއި ޑޭންޖަރަސް ގުޑްސް ފޮނުވުމާއި ޕޮލިސް ކޮންސޯލް އެއާލައިންއާ ހަވާލު ކުރުމާއި ޕޮލިސް ކޮންސޯލާ ހަވާލުވާނެ ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ.
މި ގަވާއިދު މިހާރު ގެޒެޓް ކޮށްފައިވާއިރު ގެޒެޓް ކުރުމާއެކު މި ގަވާއިދަށް އަމަލު ކުރަން ފެށޭނެ ކަމަށް ވަނީ ބުނެފައެވެ.
ފުލުހުން ހޯދާ މާއްދީ ހެކި ވައިގެ މަގުން އުފުލުމުގައި އަމަލުކުރާނެ ގަވާއިދެއް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ