ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ލިބުނީ ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކުން ކުރި ބުރަ މަސައްކަތުން: ރައީސް

ވޯލްޑް ލީޑިން ޑެންޓިނޭޝަންގެ އެވޯޑް ރާއްޖެއަށް ލިބުނީ ރާއްޖެއަކީ ރައްކާތެރި ތަނަކަށް ހެދުމަށް ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކުން ކުރި ބުރަ މަސައްކަތުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް އިން ދޭ އެންމެ ޝަރަފުވެރި އެވޯޑް، "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުނުކަން އިއުލާން ކޮށްފައިވަނީ ރޭ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2020ގެ ގްރޭންޑް ފިނާލޭ ހަފްލާގަ އެވެ. އެ އެވޯޑް ރާއްޖޭން ހާސިލްކުރީ 22 ގައުމަކާ ވާދަ ކުރުމަށްފަހު އެވެ.
އެވޯޑް ލިބުމުން އުފާ ކުރައްވައިކަން ހާމަކުރައްވައި ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ވެސް އެ އެވޯޑް ލިބުމަކީ ޓޫރިސްޓުންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށް ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެންމެހާ ފަރާތްތަކަށް މަރުހަބާ ދަންނަވާ ކަމަށް ރައީސްގެ ޓުވީޓުގައިވެ އެވެ.
މީގެ 27 އަހަރު ކުރިން، 1993 ގައި ދޭން ފެށި ޓްރެވަލް އެވޯޑްސް އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި، މަޝްހޫރު އަދި އެންމެ އިތުބާރު ބޮޑު އެވޯޑެވެ. އެ ވޯޑަކީ ދުނިޔޭގެ ފަތުރުވެރި މަންޒިލްތަކުގެ ފެންވަރާއި މަގުބޫލުކަން ކަނޑައަޅައިދޭ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ ފަރާތްތަކުގެ އިތުބާރު ލިބިފައިވާ އެންމެ މަގުބޫލު އެވޯޑެވެ.
އެ އެވޯޑުގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑަށް ރާއްޖެއާ ދެން ވާދަކުރި ގައުމުތަކުގެ ތެރޭގައި ދުބާއީ، މެލޭޝިއާ، ސްޕެއިން، މޮރިޝިއަސް އަދި ސްރީލަންކާ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ