ނަޝީދަށް ފުރޭނީ ޒިންމާވާނެ މީހަކު ދެއްކުމުން: އުމަރު

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވޭނީ އެމަނިކުފާނަށް އާއިލާ އިން ޒިންމާވެ އާއިލާގެ ބޭފުޅަކު އިގުރާރެއްގައި ސޮއިކުރުމުން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާއިރު ޒިންމާވާނެ ފަރާތެއްގެ ގޮތުގައި އެމަނިކުފާނުގެ އާއިލާގެ ބޭފުޅަކު އެއްވެސް ލިޔުމެއްގައި ސޮއި ނުކުރައްވާ ގޮތަށް ނަޝީދަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި މިއަދު ރިޕޯޓް ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
ުއުމަރު ވިދާޅުވީ ނަޝީދު ބޭރަށް ވަޑައިގަންނަވާނަމަ އެމަނިކުފާނަށް ޒިންމާވާނެ އާއިލާގެ ބޭފުޅަކު ދައްކަވަންޖެހޭނެ ކަމަށާއި އެކަން ދޫކޮށްލާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ "ހުރިހާ އެންމެންނަށް ހިންގާނީ އެއް ގާނޫނެއް" ކަމަށެވެ.
ނަޝީދު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވާއިރު އެމަނިކުފާނަށް އާއިލާއިން ޒިންމާވާ ފަރާތަށް ފަހުން ޖިނާއީ ދައުވާ ކުރެވޭނެ ކަމަށް ބުނެ ނަޝީދުގެ ގާނޫނީ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެއީ ބަލައިގަނެވޭނެ ޝަރުތެއް ނޫން ކަމަށް ވެސް ގާނޫނީ ޓީމުން ބުންޏެވެ.
ގާނޫނީ ޓީމުގެ ކަންބޮޑުވުމާ ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ބައެއް މީޑިއާތަކުގައި ވިދާޅުވީ ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ފުރާވަޑައިގަންނަވާއިރު އެމަނިކުފާނަށް އާއިލާ އިން ޒިންމާވެ އިގުރާރުގައި ސޮއިކުރާ މީހަކަށް އެއްވެސް އިރެއްގައި ފިޔަވަޅު އަޅާފައި ނުވާނެ ކަމަށެވެ.
ރައީސް ނަޝީދަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ސަރުކާރުން ހުއްދަ ދީފައިވަނީ 30 ދުވަހަށެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން 45 ދުވަހަށް މުއްދަތު އިތުރުކޮށްދެވިދާނެ ކަމަށް ސަރުކާރުން އެންގި ކަމަށްވެސް ގާނޫނީ ޓީމުން ބުނެ އެވެ. ނަމަވެސް ގާނޫނީ ޓީމުން ބުނީ ނަޝީދު އެދިވަޑައިގަންނަވަނީ އެމަނިކުފާނުގެ ސިއްހީ ފަރުވާ ނިމުމުން އެނބުރި ވަޑައިގަތުމުގެ ހުއްދައެއް ވަކި މުއްދަތެއް ކަނޑައެޅުމެއް ނެތި ދެއްވުމަށް ކަމަށާއި އެގޮތަށް އެއްބަސްވެ އެމަނިކުފާނު ލިޔުމެއްގައި ކުރިން ސޮއިކުރައްވާފައިވާ ކަމަށެވެ.
ރައީސް ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމްގެ ކުށް ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ 13 މާޗް 2015 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ