ރަޝިޔާ ހެކަރަކީ ސިޔާސީ މީހެއްގެ ދަރިއެއް ކަން ކުރިން ނޭނގޭ - އުމަރު

ރަޝިޔާގެ ހެކަރަކީ ސިޔާސީ މީހެއްގެ ދަރިއެއްކަން ކުރިން އެނގިފައި ނުވާ ކަމަށާއި، އެކަން ކުރިން އެނގުނު ނަމަ އޭނާއާ މެދު ކަން ކުރެވުނު ގޮތް ތަފާތުވީސް ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާޙަކަ ދައްކަވަމުން، ހޯމް މިނިސްޓަރ ޢުމަރ ނަސީރު ވިދާޅިިވީ މި މަހުގެ 5 ވަނަ ދުވަހު އިބްރާހިމް ނާސިރު އިންޓަނޭޝާނަލް އެއާޕޯޓުން ހައްޔަރު ކުރި ރަޝިޔާގެ ހެކަރު ރޯމަން ސެލެޒްނިޔޯވްއާ ބެހޭ ގޮތުން ކުރިން އެނގެފައި ވަނީ އޭނާގެ ކުށާ ބެހޭ މަޢުލޫމާތު އެކަނި ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އެ ހަކަރަކީ ޤާނޫނު ހަދާ މަޖިލީސް ފަދަ މުއައްސަސާއެއްގެ ހައިސިއްޔަތު ބޮޑު ފަރާތެއްގެ ދަރިއެއް ކަން ކުރިން އެނގުނު ނަމަ، ރާއްޖެއިން ރަޝިޔާއާ މިކަމުގައި ފުރަތަމަ ވާހަކަ ދެއްކީސް ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރުމާ ގުޅޭގޮތުން ދެކެނީ ކޮން ގޮތަކަށް ތޯ ބަލާލީސް ކަމަށް އުމަރު ވިދާޅުވި އެވެ.
ޢުމަރު ވިދާޅުވީ، މި ސަރުކާރުން، ރަޝިޔާއިން ހިތްހަމަ ނުޖެހޭނެ ވަރުގެ ކަމެއް ކުރުމަށް ނޭދޭ ކަމަށާއި، ރަޝިޔާއާ އެމެރިކާއާ ދެމެދުގައި އޮތް ވާދަވެރިކަމަށް ސަރުކާރުން ވަންނަން ބޭނުން ނުވާ ކަމަށެވެ.
އެހެން ނަމަވެސް، ހޯމް މިނިސްޓްރީއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރޯމަން ސެލެޒްނޯވް ހައްޔަރު ކުރީ، އޭނާ ހައްޔަރު ކުރުމަށް ރެޑް ނޯޓިސްއެއް އިންޓަޕޮލްއިން ނެރެފައި ވާތީ ކަމަށެވެ. އަދި އެކަމުގައި ރާއްޖެއިން ޢަމަލު ކުރީ، މީގެ ކުރިން ވެސް އިންޓަޕޮލްގެ ރެޑް ނޯޓިސްތަކަށް ޢަމަލު ކޮށްފައިވާ ބީދައިން ކަމަށް ހޯމް މިނިސްޓްޜީގެ ބަޔާނުގައި ވެ އެވެ.
މި މައްސަލައާ ގުޅިގެން، ރަޝިޔާގެ ނުރުހުން ރާއްޖެއަށް ވަރަށް ބޮޑަށް އަމާޒުވެފައި ވާ އިރު، ރަޝިޔާއިން ވަނީ ރާޢްޖެއިން މިކަމަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ބޯއިކޮޓް ކުރުމަށް ރަޝިޔާ ރައްޔިތުންނަށް ގޮވާލާފަ އެވެ.
މި ކަމުގއި ކަން ހިނގައިދިޔަ ގޮތް، ފޮރިން މިނިސްޓަރ ދުންޔާ މައުމޫނާއި ބަންޑާރަ ނާއިބު މުހައްމަދު އަނިލް ވަނީ ސްރީލަންކާގައި ހުންނަވާ ރަޝިޔާ ސަފީރަށް މިދިޔަ ހަފްތާގައި އޮޅުން ފިލުވައިދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ