ޕީޕީއެމްއަކީ ވަރަށް ގިނަ އެއްވަނަތަކެއް ހާސިލުކޮށްފައިވާ ޕާޓީއެއް ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އަސާސީ ޤަވާއިދުގެ ދަށުން، އެ ޕާޓީގެ އުފެދިފައިވާ އެކިއެކި ގޮފިތައް ހިންގުމަށް ހަވާލުކުރަންޖެހޭ ފައިސާ ހަވާލުކުރުމަށް މިރޭ ކުލުނުވެހީގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައީސް މައުމޫން ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ގޮފިތައް ހިންގުމަށް ފައިސާ ދޫކުރުމަށް އެންމެ ފުރަތަމަ ފެށި ޕާޓީއަށް ޕީޕީއެމް ވުމުގެ އިތުރުން ވެސް، ވަރަށް ގިނަ އެއްވަނަތަކެއް ޕީޕީއެމްއިން ހާސިލުކޮށްފައި ވާ ކަމަށެވެ.
"ހަޤީޤަތުގައި ޕީޕީއެމްއަކީ ވަރަށް ގިނަ އެއްވަނަތަކެއް ހާސިލު ކޮށްފައިވާ، އަދި ހާސިލް ކުރަމުންދާ ޕާޓީއެއް." ރައީސް މައުމޫން ވިދާޅުވި އެވެ.
މިކަން ސާބިތު ކޮށްދެއްވަމުން، ރައީސް މައުމޫން ވަނީ ޕީޕީއެމްއަށް އެކިއެކި ދުވަސްވަރުގައި ލިބިފައިވާ ފާހަގަ ކޮށްލެވޭ ކާމިޔާބީތައް ވިދާޅުވެދެއްވާފަ އެވެ.
"އަޅުގަނޑުމެން ޕާޓީ އުފެދިގެން 3000 މެމްބަރުން ހަމަކުރަން ހޭދަކުރި މުއްދަތަކީ އެއްވެސް އެހެން ޕާޓީއަކުން ހޭދަ ކުރި ވަރަށް ކުރު މުއްދަތެއް. އެންމެ ކުރު މުއްދަތެއްގެ ތެރޭގައި 3000 މެމްބަރުން ހަމަކުރި ޕާޓީއަކީ ޕީޕީއެމް. އަދި އެންމެ ގިނަ އިްނތިޚާބުތަކެއް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކާމިޔާބު ކުރި ހަމައެކަނި ޕާޓީއަކީ ވެސް ޕީޕީއެމް. އަޅުގަނޑުމެން ވާދަކުރި 24 އިންތިޚާބަކުން 21 އިންތިޚާބު އަޅުގަނޑުމެން ވަނީ ކާމިޔާބު ކޮށްފައި." ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޕާޓީ އުފެދުނުތާ 2 އަހަރު ނުވަނީސް، ޕީޕީއެމްގެ މެމްބަރެއް ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބު ކޮށްފައި ކަމަށެވެ.
"ޕާޓީ އުފެދުނުތާ 2 އަހަރު ވެސް ނުވަނީސް، އަޅުގަނޑޫމެން މިވަނީ އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރެއް ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުކޮށްފައި. މިއީ އެހެން އެއްވެސް ޕާޓީއަކަށް ކުރެވުނު ކަމެއް ނޫން." މައުމޫން ވިދާޅުވި އެވެ.
މައުމޫން އިތުރަށް ވިދާޅުވީ ޕީޕީއެމްއަކީ، މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދި ހަމައެކަނި ޕާޓީ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ، އަސާސީ ޤަވާއިދުގެ ދަށުން ޕާޓީއަށް ސަރުކާރުގެ ބަޖެޓުން ލބިޭ ފައިސާގެ މަދުވެގެން %50 ޕާޓީގެ އާންމު މެމްބަރުންނަށް ޚަރަދު ކުރަންޖެހޭ އިރު، މާލެއާއި އަތޮޅުތެރޭގެ ގޮފިތަކަށް އެ ފައިސާ މިގޮތަށް ބެހުމަކީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިއީ ޕާޓީގެ މެމްބަރުންނަށް ހިތްވަރު ލިބި، މަސައްކަތް ކުރަން ފަސޭހަ ކޮށްދޭނެ ކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ، މެމްބަރުން އިތުރު ކުރުމަކީ ޕާޓީއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިކަމަކީ، ޕީޕީއެމްއަކީ ވަކި ހަމަތަކަކާއި އުސޫލެއްގެ މަތިން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ނިކުމެ އޮތް ޕާޓީއަކަށް ވާތީ، މި ސިޔާސަތުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.
އަދި، އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ދޭ ފައިސާ ދެވެނީ، މެމްބަރުންގެ އަދަދަށް ބަލާފައި ކަމަށާއި، މެމްބަރުން އިތުރު ވާ ވަރަކަށް ޕާޓީއަށް ލިބޭ ފައިސާ ވެސް ދާނީ އިތުރުވަމުން ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
މިރޭ ޕީޕީއެމްގެ ގޮފިތަކަށް ފައިސާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ފައިސާ ހަވާލު ކޮށްފައި ވަނީ މާލޭގެ 15 ގޮތްޕަކަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި މާލެއާއި އަތޮޅުތެރޭގެ އެހެނިހެން ގޮފިތަކަށް ވެސް ފައިސާ ހަވާލުކުރެވޭނެ ކަމަށް ޕީޕީއެމްއިން މަޢުލޫމާތު ދެ އެވެ.
ޕީޕީއެމްއަކީ ގިނަ އެއްވަނަތަކެއް ހާސިލް ކޮށްފައިވާ ޕާޓީއެއް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ