ޣާޒީ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އަފާފް އަބްދުﷲ

މިދިޔަ އަހަރު ޣާޒީ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަފާފް އަބްދުﷲ ހޮވައިފި އެވެ.
ޣާޒީ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަގާމް އަފާފް ހާސިލްކޮށްފައިވާ އިރު، އޭނާ ވަނީ މިދިޔަ އަހަރު ޖީސީއީ އޯލެވެލް އިމްތިހާނުގައި ގައުމީ ގަދަ ދިހައެއްގެ އެއްވަނަ ހާސިލްކޮށްފައެވެ.
ރޭ ހުޅުމާލޭ ގާޒީ ސްކޫލް ހޯލްގައި ބޭއްވި އެ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ބައިވެރިވެ ވަޑައިގެންފައިވާ އިރު، މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ހަބީބެވެ.
މި ރަސްމިއްޔާތުގައި ހަބީބު ވަނީ އެހާރާއި މިހާރު ތައުލީމީ ދާއިރާއަށް ލިބިފައިވާ ކުރި އެރުންތަކުގެ މައްޗަށް އަލި އަޅުއްވާލައްވާ ވާހަކަ ދައްކަވާފަ އެވެ. ރޭގެ ރަސްމިއްޔާތުގައި ވަނީ ގާޒީ ސްކޫލުން އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ފަސް ދަރިވަރުން ހޮވާފަ އެވެ.
އަހަރީ އިނާމު ދިނުމުގެ މި ރަސްމިއްޔާތުގައި މިދިޔަ އަހަރު އެ ސްކޫލުން އެކި ގޮތްގޮތުން ފާހަގަ ކޮށްލެވުނު 141 ދަރިވަރަކަށް އިނާމު ދީފައިވެއެވެ. އެގޮތުން، މިދިޔަ އަހަރު އެ ސްކޫލުން ޖީސީއީ އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ގައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް ވަނީ އިނާމު ދީފައެވެ. އަދި މިދިޔަ އަހަރު ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެ ސްކޫލަށް ރަން ވަނަ ހޯދައި ދިން ދަރިވަރުންގެ އިތުރުން، ކިޔެވުމާއި ކުޅިވަރު ހަރަކާތްތަކުން ވަނަ ވަނައަށް އައި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް އެދަރިވަރުންނަށް ވެސް މި ރަސްމިއްޔާތުގައި އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ