އަބްދުﷲ ހަމީދުގެ ހަށިކޮޅު މާލެ ގެނެސް ޖަނާޒާ އަށް ތައްޔާރުވަނީ

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، ނިޝާން އިއްޒުއްދީނުގެ ލަގަބު ލިބިވަޑައިގެންފައިވާ އަލްއުސްތާޒް އަލްމަރުހޫމް އަބްދުﷲ ހަމީދުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި މާލެ ގެނެސް ޖަނާޒާ އަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފި އެވެ.
އިންޑިއަން އެއާލައިންގެ މަތިންދާ ބޯޓެއްގައި ބެންގަލޫރުން މާލޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް އަބްދުﷲ ހަމީދުގެ ހަށިކޮޅު ގެނެވުނުއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ދައުލަތުގެ އިސް ބައެއް ވެރިން އެއާޕޯޓަށް ވަޑައިގެން ތިއްބެވި އެވެ. އަދި ހަމީދުގެ ހަށި ކޮޅު މާލެ ގެނައުމުން އިއްޒުއްދީން ފާލަމުން އިހްތިރާމް ދެންނެވީ ހަމީދުގެ ކޮއްކޮ، އަދި ރައީސް އަބްދުﷲ ޔާމީން އެވެ. ހަށިކޮޅު އޮތް ސަންދޯއް އޮތީ ދިވެހި ގައުމީ ދިދައިން ނިވާކޮށްފަ އެވެ.
މައުމޫނުގެ ވެރިކަމުގައި އަބްދުﷲ ހަމީދު ވަނީ އެޓޯލްސް މިނިސްޓަރު ކަމުގެ މަގާމާއި އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަގާމު އަދި މަޖިލީހުގެ ރައީސްކަން ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފަ އެވެ. މައުމޫނުގެ ޒަމާންވީ ވެރިކަމަށް ފަހު އަބްދުﷲ ހަމީދު ސްރީލަންކާގައި ދިރިއުޅުއްވި ނަމަވެސް 2013 ވަނަ އަހަރު ދިރިއުޅުން ރާއްޖެ އަށް ބަދަލުކުރެއްވި އެވެ.
ހަމީދު އަވަހާރަވީ މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ބެންގަލޫރުގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 76 އަހަރެވެ.
އަބްދުﷲ ހަމީދު ފަސްދާނުލުމަށް ހަމަޖެހިފައި ވަނީ ރަސްމީ އިއްޒަތުގަ އެވެ. އަދި ހަމީދުގެ މޫނުފުޅު ދެއްކުން އޮންނާނީ މިއަދު މެންދުރު ފަހު 02:30 އިން ފެށިގެން އިރުއޮއްސި 7:00 ޖެހުމާއި ހަމައަށް އިސްލާމީ މަރުކަޒުގަ އެވެ.
ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
ހަމީދު އަވަހާރަވުމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ވެސް ރައީސް ޔާމީން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ