މޯލްޑިވްސް ޕޮލިސް ސާވިސްއިން ބަލަމުންދާ މައްސަލައެއްގެ ތަޙްޤީގަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕަސަން މޫސާ މަނިކު ޝަހީދު ހުސެއިން އަދާމް ބިލްޑިންގއަށް ހާޒިރުވުމަށް އަންގާފައިވާތީ އެމްޑީޕީ މެމްބަރުން އެ އިދާރާ ދޮށަށް އެއްވުމަށް ގޮވާލައިފި އެވެ.
އެމްޑީޕީން ބުނެފައިވަނީ އެމްޑީޕީގެ ހުރިހާ މެމްބަރުން ތިބީ މޫސާ މަނިކުއާއި އެކުގައިކަން ހާމަކުރުމަށް މިއަދު ހަވީރު 16:00 ޕޮލިސް ހެޑްކުއަޓަރ ކުރިމައްޗަށް ހުރިހާ މެމްބަރުން ދިއުމަށް އެދޭ ކަމަށެވެ.
އެޕާޓީން ބުނި ގޮތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ހުރި މުއައްސަސާއަކުން ވަކި ސިޔާސީ ފިކުރަށް ނިސްބަތްވާ ފަރާތްތަކަށް ޚާއްސަކޮށްގެން މިފަދަ ނޭއްގާނީ ޢަމަލުތައް ކުރަމުންދެ އެވެ. އަދި އެމްޑީޕީގެ ސަޕޯޓަރުންގެ މައްޗަށް “ޖަންގަލީގެ އުސޫލްތައް” ހިންގަމުންދާ ކަމަށް އެޕާޓީން ބުނެ އެވެ.
ފުލުހުން ބުނީ މޫސަ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގީ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމްސް ޑިޕާޓްމަންޓުން ބަލަމުންދާ ދެ މައްސަލައަކާ ގުޅިގެން ކަމަށެވެ. އޭގެތެރެއިން އެއް މައްސަލައަކީ ސުނާމީ ބިނާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި އެއްވުމެއްގައި ރައްޔިތުންގެ ކޯޓުގެ ނަމުގައި ކޯޓެއް ހެދި މައްސަލައެވެ. ދެވަނަ މައްސަލައަކީ ކޯޓުތަކުގެ ހުރުމަތް މޫސަ ކަނޑާލެއްވި ކަމުގެ ތުހުމަތުގައި ހުށަހަޅާފައިވާ މައްސަލައެވެ.
މޫސައާބެހޭ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ ހުށަހަޅާފައިވަނީ މި އަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު އެވެ. އަނެއް މައްސަލަ ހުށަހަޅާފައިވަނީ މި އަހަރުގެ އެޕްރީލް މަހުގެ 24 ވަނަ ދުވަހުކަމަށް ފުލުހުން ބުނެއެވެ.
މޫސަ ފުލުސް އޮފީހަށް ހާޒިރުކުރާ މައްސަލައާގުޅިގެން މޫސަ ބައެއް މީޑިއާތަކުގައި ވިދާޅުވެފައިވަނީ އޭނާ ޕޮލިހަށް ހާޒިރުކުރަނީ ވެސް ބިރު ދެއްކުމަށާއި ލީޑާސް ޑައިލޮގަށް ހުރަސް އަޅަން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އިދިކޮޅު އެމްޑީޕީން ވެސް ބުނެފައިވަނީ މޫސާ މަނިކު ޕޮލިސް ސަރވިސްއަށް ޙާޒިރު ކުރައްވަނީ، އެމްޑީޕީން ސަރުކާރުގައި ބައިވެރިވުމަށް ހުށަހަޅާފައިވާތީ އެކަމާއި ގުޅިގެން ބިރުދެއްކުމަށާއި، މިހާރު ކުރިއަށް ދާ ލީޑަރސް ޑައިލޮގަށް ހުރަސް އެޅުމުގެ ބޭނުމުގައި ކަމަށެވެ.
އެމްޑީޕީ މެމްބަރުން ޝަހީދު ހުސެއިން ބިލްޑިންގ ކައިރިއަށް އެއްވުމަށް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ