އަބްދުﷲ ގާޒީގެ މައްޗަށް ކުރަނީ ކޮރަޕްޝަންގެ ތުހުމަތު: ރައީސް އޮފީސް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރޭ އެމްއެންޑީއެފުން ހައްޔަރުކުރިއިރު، އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އެ މައްސަލަ ބަލައި ދިނުމަށް ރައީސް އޮފީހުން އޮތީ އިއްޔެ ފުލުހުންނަށް އަންގާފައި ކަމަށް "ހަވީރަ"ށް އެނގިއްޖެ އެވެ.
ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީ ހިސާން ހުސެއިން ސޮއިކުރައްވައި ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ފަސީހަށް އިއްޔެ ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ، "ސިޔާސީ ބައެއް ފަރާތްތަކުގެ ނުފޫޒާއި ކޮރަޕްޝަންގެ މައްސަލަތައް، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒް އަބްދުﷲ މުހަންމަދުގެ މައްޗަށް ހުރި ކަމަށް، ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދާ ކަމުގެ މައުލޫމާތު މި އޮފީހަށް ލިބެމުންދާތީ، މި މައްސަލަ ތަހުގީގު ކޮށްދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" މިހެންނެވެ.
އެހެން ނަމަވެސް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ރޭ މީޑިއާތަކުގައި ވިދާޅުވީ، އަބްދުﷲ ގާޒީ ހައްޔަރުކުރީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާއާ މެދު ފިޔަވަޅު އަޅާފައިވާއިރު، އެކަން ތަންފީޒު ނުކޮށް، އަބްދުﷲ ގާޒީ މަސައްކަތް ކުރައްވާތީ އެއީ ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވާތީ ކަމަށެވެ.
އެހެން ނަމަވެސް ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އަބްދުﷲ ގާޒީއާ ގުޅޭ ގޮތުން، ވަކި ބާވަތެއްގެ ސުލޫކީ ފިޔަވަޅެއް އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އަދި މިހާތަނަށް ވެސް ނިންމާފައި ނެތް ކަމަށެވެ. އެހެންވެ އެ ގާނޫނީ ހަމަތަކުގެ މަތިން ނޫން ގޮތެއްގައި ފަނޑިޔާރަކާ މެދު ސުލޫކީ ގޮތުން އެއްވެސް ފިޔަވަޅެއް އެޅުމަކީ ގާނޫނު އަސާސީ އާއި ގާނޫނުގެ ދަށުން ސިފައިންނާއި ފުލުހުންނަށް ލިބިފައިވާ ބާރެއް ނޫން ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.
ޕްރެސް ސެކްރެޓަރީ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމާއި އޭނާ ރޭ 30: 8 އަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ފޮނުވި ޗިޓާ ގުޅުމެއް ނެތް ކަމަށެވެ. ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި އަބްދުﷲ ގާޒީ އަށް ފޮނުވި ޗިޓާ މެދު ގޮތެއް ނިމެންދެން އެއަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ހައި ކޯޓުން ވަނީ ރޭ ނެރެފަ އެވެ. އެހެން ނަމަވެސް އަބްދުﷲ ގާޒީ ގޭގައި އުޅުއްވަނިކޮށް، ރޭ 11 ޖަހަން އުޅެނިކޮށް ސިފައިން ގޮސް ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އޭނާ ހުންނެވި ތަނެއް އެމްއެންޑީއެފުން ހާމަނުކުރި ނަމަވެސް އަބްދުﷲ ގާޒީގެ ވަކީލު ވިދާޅުވެފައި ވަނީ، ސިފައިންގެ ޓްރެއިނިން މަރުކަޒު ކަމަށްވާ ގިރިފުއްޓަށް ގެންދެވި ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ