އައްޑު އަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ދެ މީހަކު ހައްޔަރުކޮށްފި

އައްޑު އަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އިއްޔެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެ މެންދުރު 30: 12 ހާއިރު އަތުލައިގަތް މި ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮތް ބައެއް ކަމަށެވެ.
އެއީ އުމުރުން 21 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި މި ދެ މީހުންގެ އަތުލައި ގަނެފައި ވަނީ މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތަކެއްޗާ އެކު އެވެ. އެގޮތުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއް ރަބަރު ޕެކެޓް ފިލްމު ހުސްކުރި ތިން ދަޅެއްގެ ތެރެއިން ވަނީ ފެނިފަ އެވެ. މި ދެމީހުން ވެސް އަތުލައިގަނެފައި ވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މިދިޔަ އަންގާރަ ދުވަހު ވެސް މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އަށް ޕެކެޓާއެކު 42 އަހަރުގެ މީހަކު އައްޑޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ ގެންދިޔަ އެވެ. ފުލުހުންނަށް ލިބުނު މައުލޫމާތާއެކު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރުމުން އޭނާ ލައިގެން ހުރި ފަޓްލޫންގެ ތެރެއިން ހަތް ޕެކެޓް ފެނިފައިވާއިރު ފަޓްލޫން ޖީބު ތެރޭގައި އޮތް ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއް ޕެކެޓް ފެނިފައިވެ އެވެ. އަދި އޭނާ އަކީ ވެސް ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި ދެމައްސަލަ ވެސް މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ