އިއްދައިގައި އިން އަންހެނަކާ ޒިނޭކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގުކުރި ކަމަށް ގާސިމް އެއްބަސްވެވަޑައިގެންފި

އިއްދައިގައި އިން އަންހެނަކާ ޒިނޭކުރި ކަމަށް ބުނާ މައްސަލައެއް މީގެ 32 އަހަރު ކުރިން ފުލުހުން ތަހުގީގުކުރި ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހީމް އެއްބަސްވެވަޑައިގެންފި އެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ވިދާޅުވީ 1976 ވަނަ އަހަރު އޭނާގެ މައްޗަށް އެފަދަ މައްސަލައެއް ހުށަހެޅި، އެ މައްސަލަ ތަހުގީގުކުރި ކަމަށާއި ނަމަވެސް "އެއްގޮތަކަށް ވެސް ޒިނޭކޮށްފައިނުވާނެ" ކަމަށެވެ.
"ގާސިމް އިބްރާހިމް އ. މާމިގިލި، ހ. ލަވްސައިޑް ( 26 އަހަރު). މީހެއްގެ އިއްދައިގައި އިން އެންހެނަކާ ޒިނޭކުރި ކަމަށް ބުނެ އިއުތިރާފުން ރުޖޫއަވުމާއި އޭނާއާ އެކު ބަދުއަހުލާގީ އަމަލް ހިންގައި ހެދި ކަމަށް އިއުތިރާފްވެގެން 1 އަހަރާއި 2 މަސް ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ހުކުމް ކުރެއްވުމާ ގުޅިގެން 76- 3- 23 ގައި ގޭގައި ބަންދުކުރެއްވި ކަމަށް އެނގިފައި ވެ އެވެ." އިބްރާހިމް ނާސިރުގެ ރައީސްކަމުގައި ނެރުއްވި މޫންލައިޓް ނޫހުގެ 25 މާޗު 1976 ވަނަ ދުވަހުގެ އަދަދުގައި ވެ އެވެ.
ގާސިމްގެ އުމުރުން 26 އަހަރުގައި އޭނާގެ މައްޗަށް ކޮށްފައިވާ އެ ހުކުމާ ބެހޭ ގޮތުން މިހާތަނަށް ފެންނަން އޮތް ހަމައެކަނި ލިޔެކިއުމުގެ ފޮޓޯކޮޕީތައް މާލެތެރޭގައި މިހާރު ދަނީ ދައުރުވަމުންނެވެ.
"...ޒިނޭގެ ތުހުމަތެއްގައި އަޅުގަނޑު ގެންގޮސްގެން ކުރި ތަހުގީގު ހިނގައިދިޔަ. އެކަމުގެ ނަތީޖާ އަކީ 14 މަސް ދުވަހަށް އަޅުގަނޑު ގޭގައި ބަންދުކުރި. އެއީ ސަރުކާރުގެ، ގާނޫނީ ގޮތުން ބާރުލިބިފައިވާ ފަރާތެއްގައި ދޮގު ދަންނަވައިގެންނޭ ކިޔައިފައި. އަދި އޭގެ އިތުރަށް ބަދުއަހުލާގީ އަމަލު ހިންގައިގެންނޭ ކިޔައިފައި،" ޖުމްހޫރީ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ނޫސް ކޮންފަރެންސެއްގައި، މިނިވަން ނިއުސް ވެބްސައިޓުގެ ނޫސްވެރިޔަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި ގާސިމު ވިދާޅުވި އެވެ. "ގާނޫނު އަސާސީގައިވާ ގޮތުން އަޅުގަނޑުގެ ކެންޑިޑޭސީ އަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫން އެއީ."
ގާސިމް ވިދާޅުވީ އޭނާ އިސްލާހީ އެޖެންޑާއެއް ހިފައިގެން ނުކުންނެވީ އެފަދަ ގިނަ އަނިޔާވެރި ކަންތައްތަކެއް ރާއްޖޭގެ އޭރުގެ ސަރުކާރުން ވެސް ހިންގާތީ އެ ކަންތައްތަކާ ހެދި ކަމަށެވެ.
"އެ ބާވަތުގެ ކަންތައްތަކުގައި ވެސް މީހުންގެ ބޮލުގައި ބަދުނާމު އަޅުވަން އޭރު އޮތް ސަރުކާރުން ގެންދިޔައީ މީހުން ޕްރެޝަރައިޒް ކުރަމުން. މީހުންނަށް އަނިޔާވެރިވާނެ ގޮތްގޮތަށް ކަންތައް ކުރަމުން. އެހެންވެ އެ ހިޔާލުތައް ވެރިވެ، އެއްވެސް ކުށެއް ނެތް އާދައިގެ މީހުންނަށް އެ ލިބެމުންދާ އަނިޔާއިން ސަލާމަތްކުރުމުގެ ނިޔަތުގައި އިސްލާހީ އެޖެންޑާ އައިގެން (އަޅުގަނޑު) ނުކުތީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި އިސްލާހީ އެޖެންޑާ އައިގެން ނުކުމެވަޑައިގެން އޭނާ އަދާކުރައްވަން ޖެހިވަޑައިގަތް ކޮންމެ ވަޒީފާއެއް އަދާކުރައްވަމުން ގެންދަވަނީ ގާނޫނީ ހަމަތަކުގެ މަތިންނެވެ.
ރޭގެ ނޫސްކޮންފަރެންސްގައި އޭނާ ވިދާޅުވީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރަނިންމޭޓަކު ކަނޑައަޅުއްވާނެ ކަމަށެވެ. ރަނިންމޭޓަކު ކަނޑައެޅުމުގެ މަސައްކަތްތައް ނިންމާނުލެވި އޮތީ ރިޔާސީ ކެމްޕޭނާ ގުޅޭ މުހިންމު މަސައްކަތްތަކެއް ނިންމެވުމަށް އަވަދިނެތި އުޅުއްވަން ޖެހިވަޑައިގަތުމުގެ ސަބަބުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ