ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިންޑިއާގެ ބެންގަލޫރާއި މައިސޫރުގައި ވޯޓު ފޮށި ބެހެއްޓޭ ގޮތަށް ހަމަނުޖެހުނު ނަމަވެސް އިނގިރޭސިވިލާތުގެ ލަންޑަނުގައި ވޯޓު ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އެސިސްޓެންޓް ޑިރެކްޓަ ޖެނެރަލް މުހައްމަދު ތޮލާލު މިއަދު ވިދާޅުވީ މި މަހުގެ 28 ގައި ބާއްވާ އިންތިހާބުގެ ވޯޓު ފޮށި ހުންނާނީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި ކަމަށެވެ. އަދި އެ ގައުމުގައި ތިބި ވޯޓުލުމަށް ޝަރުތު ހަމަވާ ދިވެހިންގެ ރަޖިސްޓްރީ އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު ކުރައްވަމުން ގެންދަވާ ކަމަށް ތޮލާލު ވިދާޅުވި އެވެ.
"މިއަދު ހަވީރު 00: 5 އާ ހަމައަށް އެ މީހުން ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި. އޭރުން އެނގޭނީ ކިހާ މީހުންނެއް ކަމެއް އިނގިރޭސިވިލާތުގައި ވޯޓުލާނީ،" އޭނާ ވިދާޅުވި އެވެ.
ތޮލާލު ވިދާޅުވީ ބެންގަލޫރާއި މައިސޫރުގައި ވޯޓު ފޮއްޓެއް ނުބެހެއްޓުނީ އިންޑިޔާ ސަރުކާރުން ހުއްދަ ނުލިބުމުން ކަމަށެވެ.
"އިންޑިޔާ ސަރުކާރުން އަންގަނީ އަޅުގަނޑުމެންގެ ރަސްމީ އިދާރާއެއްގައޭ ވޯޓު ފޮށި ހުންނަންޖެހޭނީ. އެކަމަކު އެ ދެ ތަނުގައި (ބެންގަލޫރާއި މައިސޫރުގައި) ވެސް އެފަދަ ތަނެއް ނެތް. އެހެންވެ އެ ދެ ތަނުގައި ވޯޓު ފޮށި ބެހެއްޓޭނެ ގޮތެއް އަދި ނެތް،" އޭނާ ވިދާޅުވި އެވެ.
ދެވަނަ ބުރުގެ ވޯޓުލުން ރާއްޖެއިން ބޭރުގައި މިހާރު ކުރިއަށް ގެންދާނީ ފުރަތަމަ ބުރުގައި ވެސް ވޯޓުލި އިންޑިޔާގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ކޮލަމްބޯ އާއި މެލޭޝިޔާގެ ކުއަލަލަމްޕޫރާއި ސިންގަޕޫރުގެ އިތުރުން ލަންޑަނުގަ އެވެ.
ދެވަނަ ބުރުގެ ވޯޓަށްޓަކައި، މައިސޫރުގައި ވޯޓު ފޮށި ބެހެއްޓުމަށް އެދި، އެ ރަށުގައި އުޅޭ 312 ދިވެހި ޕެޓިޝަނެއްގައި ސޮއިކޮށް ހުށަހަޅައިފައި ވެ އެވެ.
ރިޔާސީ އިންތިހާބު 2008: ބެންގަލޫރާއި މައިސޫރުގައި ވޯޓު ފޮއްޓެއް ނުބެހެއްޓޭ، ލަންޑަނުގައި ވޯޓު ފޮއްޓެއް ބަހައްޓަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ