ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު މުސްތަފާގެ ގޮނޑި ހުސްވާނެ ކަމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި މުޒާހަރާގައި ޕީޕީއެމްގެ އިންތިގާލީ ކައުންސިލް މެމްބަރު އުމަރު ނަސީރު ވިދާޅުވެފައިވާތީ އެކަން ބަލައި ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒަށް މިއަދު ހުށަހަޅައިފި އެވެ.
މއ. ޓޮމާޓޯގޭ އިބްރާހިމް ރަޝީދުގެ ނަމުގައި މި މައްސަލަ ޕީޖީ އަށް ހުށަހެޅި ސިޓީގައި ބުނެފައި ވަނީ އަދުލު އިންސާފު ގާއިމްކުރުމާއި އަދި ގައުމުގެ މަސްލަހަތު އޮތް، ސުޕްރީމް ކޯޓުގައި ޝަރީއަތެއް ހިނގަމުން ދަނިކޮށް، އެ މައްސަލައިގެ ހުކުމް ކުރާނެ ގޮތް އުމަރު އެހާ ފާޅުކަން ބޮޑު ގޮތެއްގައި ގޮވުން އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެއީ މުސްތަފާގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް އުމަރު ހިންގި އަމަލެއް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މެދު އާންމުންގެ ހިތްތަކުގައި ޝައްކު އުފެއްދުމާއި މަސްލަހަތު ނަގާލުމަށް އުމަރު ތަކުރާރުކޮށް އެކި ސްޓޭޖުތަކުގައި އެ ގޮތަށް ގޮވަމުންދާ ކަމަށް ވެސް ސިޓީގައިވެ އެވެ.
"އިއްޒަތްތެރި ޕްރޮސެކިއުޓަ ޖެނެރަލް އެވެ. އުމަރު ނަސީރަށް މިއީ ކޮން ފަރާތަކުން ކާކު ދީގެން އުޅޭ ޔަގީން ކަމެއްކަން ބައްލަވައި ތަހުގީގު ކޮށްދެއްވުން އެދެމެވެ. އަދި ދިވެހި ސަރުކާރާ ސުޕްރީމް ކޯޓާ ވަރަށް ބޮޑަށް ޖެހިފައިވާހެން ހީވާ ގޮތަށް އޭނާ އެކިއެކި ސްޓޭޖުތަކުގައި ވާހަކަ މި ދައްކަނީ ކޮން އެއްޗެއްކަން އެނގިގެންތޯ ވެސް ބައްލަވައި ދެއްވުން އެދެމެވެ. އެހެނީ މުސްތަފާ އަކީ 5000 މީހުން ތަމްސީލުކުރާ މަޖިލީހުގެ މެމްބަރަކަށް ވީ ހިނދު އެ ދާއިރާގެ ރައްޔިތުން އެކަމަށް ނުހަނު ކަންބޮޑުވެ އެވެ،" ޕީޖީ އަށް ފޮނުވި ސިޓީގައިވެ އެވެ.
އެ ސިޓީގައި ރަޝީދާ އެކު 94 މީހަކު ވަނީ ސޮއިކޮށްފަ އެވެ.
މުސްތަފާގެ ގޮނޑި ހުސްވާނެ ކަމަށް އުމަރު ބުނި މައްސަލަ ޕީޖީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ