އަހުމަދު ސަމީރަށް ފުލުހަށް ހާޒިރުވާން އަންގައިފި

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު އަނެއްކާ ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.
ސަމީރަސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހަވީރު 5:00ގައެވެ.
ސަމީރު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ މިދިޔަ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ރޭ މ. ކުނޫޒު ކުރިމަތީގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ފުލުހުންގެ އިދާރާއިން ސަމީރަށް ފޮނުވި ޗިޓްގައި ބުނެފައިވެ އެވެ.
މިދިޔަ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ވާޖިބަށް ސަމީރު ހުރަސް އެޅި ކަމަށް ފުލުހުން ތުހުމަތުކުރި ނަމަވެސް ސަމީރު އެރޭ ހައްޔަރުކުރީ މީޑިއާ ތަކަށް އިންޓަވިއު ދެއްވަން ހުންނަވަނިކޮށެވެ. ފުލުހުން ވަނީ އޭނާ ހައްޔަރުކުރުމަށްފަހު އެންމެންގެ ކުރިމަތީގައި ސަމީރުގެ އަތުގައި ބިޑިއަޅުވައިގެން ފުލުހުންގެ ވެހިކަލަށް އަރުވާފަ އެވެ.
ސަމީރު އެފަހަރު ދޫކޮށްލީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކެއް ކުރިމަތިކުރުމަށްފަހު ކޯޓުން އެންގުމުންނެވެ.
މީގެކުރިން މިދިޔަ ޖުލައި މަހުގެ 27 އަދި 29 ވަނަ ދުވަހު ވެސް ސަމީރު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ