ފާރެއް ވެއްޓި ޓެކްސީއަކަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ ދޭން ޖެހިއްޖެ

މާލޭގެ އެއް ނަންބަރު ކުނިކޮށީގެ ފާރު ވެއްޓި ޓެކްސީއަކަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 481،600 ރުފިޔާ އޭގެވެރި ފަރާތަށް ދިނުމަށް ޗައިނާގެ ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޒޮންޓިއަން ކޮންސްޓްރަކްޝަން ގްރޫޕްގެ މައްޗަށެވެ.
މި ހުކުމް އައީ މިދިޔަ ޑިސެމްބަރު މަހު އެ ކުންފުނިން ކުނި ކޮށީގެ މަސައްކަތެއް ކުރަނިކޮށް ކުނި ކޮށީގެ ފާރު މަގުމައްޗަށް ވެއްޓި، ޕާކްކޮށްފައި ހުރި ޓެކްސީ ކާރަކަށް ގެއްލުން ލިބުނު މައްސަލާގައެވެ.
ކޯޓުން ހުކުމްކުރީ އެ ކާރަށް ލިބުނު ގެއްލުން މަރާމާތު ކުރުމަށް 200،000ރ. އާއި ޓެކްސީ ކޮށްގެން ލިބެމުންދިޔަ އާމްދަނީ ހުއްޓިފައިވާތީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުންފެށިގެން އިއްޔެއާ ހަމައަށް ހިނގާފައިވާ 256 ދުވަހަށް، ދުވާލަކަށް 1،100ރ. ގެ ރޭޓުން 281،000ރ. ދެއްކުމަށެވެ. އަދި މަރާމާތަށް ދައްކަންޖެހޭ 200،000ރ. ދެއްކުމަށެވެ.
ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ، އިއްޔެ އިން ފެށިގެން 15 ދުވަސް ތެރޭގައި، އެ ޓެކްސީގެ ވެރިފަރާތަށް ދޭން ޖެހޭ ފައިސާ ކޯޓު މެދުވެރިކޮށް ދައްކާ ހަލާސް ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ