ގާސިމް ހޮސްޕިޓަލުގައި އެޑްމިޓްވަނީ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވުމުން: ކްރިމިނަލް ކޯޓު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހޮސްޕިޓަލުގައި އެޑްމިޓްވަނީ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވާ ދުވަސް ދުވަހާ ދިމާކޮށް ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ. ގާސިމްގެ މައްޗަށް ދައުލަތުން އުފުލި ރިޝަވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ ސާބިތު ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފަ އެވެ. އެމައްސަލަ ނިންމި ގޮތުގެ ރިޕޯޓު ރޭ ވަނީ އާންމުކޮށްފަ އެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ކޯޓަށް ހާޒިރުވުމަށް ފަހު ބަލިހާލަތު ބަޔާންކޮށް ކޯޓުގައި ވާހަކަދައްކާ ގޮތާއި ކޯޓު އަޑުއެހުން ނިމުމަށްފަހު މީޑިއާ އާ ވާހަކަދައްކާ ގޮތުން ބޭރުފުށުން ފެންނަންހުރި ތަފާތުތަކެއް ފާހަގަކުރެވޭ ކަމަށެވެ. ގާސިމް ބައްލަވާ ޑޮކްޓަރު ލަފާދެއްވާފައިވަނީ ރާއްޖޭން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ދިއުމަށް ކަމާއި އިތުރު ފަރުވާއެއް ހޯދުމަށް ޑޮކްޓަރު ލަފާދީފައިވާ އެއްވެސް ލިޔުމެއް ކޯޓަށް ހުށަހެޅިފައި ނުވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ގާސިމްގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމި ނަމަވެސް މަސްލަހަތަށް އުނިކަން އަންނަ ގޮތަށް މައްސަލަ ނިންމާފައި ނުވާނެ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ހުލާސާ ބަޔާން އިއްވުމާއި ހުކުމް ކުރުމުގެ މަޖިލިސް ފިޔަވައި ހުރިހާ ޝަރީއަތުގެ މަޖިލީހެއްގައި ގާސިމް ބައިވެރިވެފައިވުމެެވެ. އަދި ހުލާސާ ބަޔާން އިއްވާ މަޖިލީހަކީ ޝަރީއަތުގެ މަޖިލީހުގައި ހިނގާ ދިޔަ ކަން ހުލާސާކޮށް ކިޔައިދޭ މަޖިލިސް ކަމަށާއި އެއްވެސް ގޮތަށްކަށް އާ ކަންތައްތަކެއް ހުށަހަޅާ މަޖިލީހެއް ނޫން ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ގާސިމް މިވަގުތު އޮންނެވީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ. އެމަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ކޯޓުގައި ހުންނަވަނިކޮށް އެނބުރުން އަރައިގެން ވެއްޓުމާ ގުޅިގެން ހޮސްޕިޓަލަށް ގެންދިޔުމުންނެވެ. ގާސިމް އިބްރާހިމް ރާއްޖޭން ބޭރުން ހަދަން ޖެހޭ ޓެސްޓްތައް ހެދުމަށް ބޭރަށް ފޮނުވުމަށް ހުކުމުގައި ވަނީ ކަމާބެހޭ އިދާރާތުގެ މައްޗަށް އަމުރުކޮށްފަ އެވެ. ރޭގެ ވަގުތެއްގައި ކަރެކްޝަންސްއިން ނިންމާފައިވަނީ ގާސިމް އިބްރާހިމް ގޭގައި ހުންނަވައިގެން ހުކުމް ތަންފީޒު ކުރާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ