ރައީސް މައުމޫން ޖުމްހޫރީ ޕާޓީއަށް!

ދިގު ތިރީސް އަހަރުގެ ވެރިކަމަށްފަހު، ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގެން، ތަހުޒީބު ދިރިއުޅުމެއް އުޅުއްވާނެކަމަށް ބައެއް މީހުންނަށް ހީވިކަމުގައިވިޔަސް، ރައީސް މައުމޫންގެ ވިސްނުންފުޅުގައި އަދިވެސް އޮތީ ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވުންކަމުގައި ޤަބޫލު ކުރަންޖެހެއެވެ. އުމުރުފުޅުން ގިނަ ދުވަސްވެ، ލޮޑުކަން އިޙުސާސް ކުރައްވާއިރުވެސް، ސިޔާސީ ނޫސް ކޮންފަރެންސްތަކުގެ މައިކު ކޮންޓްރޯލް ކުރައްވާތަން މިހާރުވެސް ފެންނަމުން އެބަދެއެވެ.
އެމަނިކުފާނުގެ ވެރިކަމުގެ ދިގު ތިރީސް އަހަރުގެ ތެރޭގައި ދުޝްމަނުންނަށް އުޅުނު މީހުންގެ މެދުގައި އިންނަވައިގެންނެވެ. ފުޅަ އަވަގުރާނަ ގޮވައި، ހެއްދެވިހައި ހަޑިހުތުރު ނަންނަމުން އެމިނިކުފާނަށް މުޚާޠަބު ކުރި "ބައިގަނޑު" ގެ "ދާދާ" އަށް ހެދިގެންނެވެ. ޤާނޫނީގޮތުން އުފެދިފައިވާ، އެމަނިކުފާނުގެ ކޮއްކޯފުޅު ރައީސްކަން ކުރައްވަމުންގެންދަވާ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ، ޤާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ބައިގަނޑެއްގެ ތެރޭގައެވެ. ވަކި ޕާޓީއެއް ތަމްސީލު ކުރުމެއް ނެތިއެވެ. ސިޔާސީގޮތުން އެއްވެސް ހައިސިއްޔަތެއް ނެތިއެވެ.
ސިޔާސީގޮތުން ގިނަ ދުވަސްތަކެއްވަންދެން ހަތުރުންގެގޮތުގައި ތިބި ބައެއްގެ ތެރެއަށް، ދީނީ އަދި އިޖުތިމާޢީގޮތުން ތަފާތު ފިކުރެއް ގެންގުޅޭ ބައެއްގެތެރެއަށް ރައީސް މައުމޫން ވެދެވަޑައިގަތުމަކީ ދީނީ އެއްބައިވަންތަކަމަށް ލޯބިކުރާ، ޤައުމުގައި ސުލްހަމަސަލަންކަން ޤާއިމުކުރުމަށް ބޭނުންވާ، އިޖުތިމާޢީ އަދާލަތު ދެމެހެއްޓުމަށް ލޯބިކުރާ، އަދި ދިވެހިންގެ ދިވެހިވަންތަކަމާއި ސަޤާފަތާއި އާދަކާދައާއި ދިވެހި ޤައުމިއްޔަތު ދެމެހެއްޓުމަށް ތާއީދުކުރާ އެތައް ބަޔަކު ކަންބޮޑުވި، އަދި ރައީސް މައުމޫންގެ އިޚުލާޞްތެރިކާމެދު ސުވާލު އުފެދިގެންދިޔަ ކަމަކަށެވެ. އިދިކޮޅު ފަރާތްތަތަކުގެ ތެރޭގައި ތބި "އެންޓިމައުމޫނިޒަމް" ގެ ރުޅިގަނޑު ވަކިން ބޮޑުވި، އަދި  އިދިކޮޅު "ގްރާސްރޫޓް" ގެއްލުނު ސަބަބަކަށެވެ. ނަތީޖާއެއްގެގޮތުން، ޤާސިމް އިބުރާހީމާއި ރައީސް ނަޝީދުގެ މޫނުފުޅުގެ ބަދަލުގައި މައުމޫނުގެ މޫނުފުޅު ފެންނަން ފެށިއެވެ. ކުރިން އިދިކޮޅަށް ކުޅުނު ޓީމުގެ ފޯވާޑަކަށް މައުމޫން ނިކުތުމުން މުޅި ޓީމުގެ ރޫޙު ގެއްލުނެވެ.
އިދިކޮޅު ފަރާތްތަކުގެ ލީޑް މައުމޫން ނެންގެވުމުން، އެކަމުގެ އެންމެ ބޮޑު ފައިދާއެއް ލިބުނީ ޕީޕީއެމަށެވެ. ޕީޕީއެމްގެ ހިންގުން ވަރުގަދަކޮށްފިއެވެ. ޙަރަކާތްތައް އިތުރުކޮށްފިއެވެ. ޕީޕީއެމްގެ ތެރޭގައި ތިބި ވައިރަސްތައް މަދުވެއްޖެއެވެ. ރައީސް ޔާމީންގެ ކެތްތެރިކަމާއި، ނުގުޑާ ވަރުގަދަ އަޒުމާއި ޙިކުމަތްތެރިކަމާއި ސިޔާސީ ބުރަދަން ހުރި މިންވަރު ވަޒަންކޮށްލެވުނެވެ. ރައީސް ޔާމީންގެ ތާއީދު އިތުރަށް ބޮޑުވިއެވެ.
ރައީސް މައުމޫން ކުރައްވަން އުޅުއްވަނީ ކޮންކަމެއްކަން ސީދާ ވިދާޅުނުވިޔަސް، މިހާރު ސިޔާސީ މަޝްރަހުގައި ކަންކަން ބަދަލުވަމުންދާގޮތަށް ބަލާއިރު، ރައީސް މައުމޫން މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ އިދިކޮޅުގައި އޮތް ސިޔާސީ ޕާޓީތަކުން ޕާޓީއެއްގެ ލީޑަރޝިޕަށް ވަޑައިގަތުމަށްކަމަށް ބެލެވޭ ކަންތައްތަކެއް ފެންނަމުން އެބަ ދެއެވެ. ސިޔާސީ ކަންކަމާގުޅުގައިގެން ކުރައްވަމުންގެންދަވާ ޓްވީޓްތަކެވެ. ސަރުކާރު ޕްރެޝަރ ކުރުވުމަށް ދައްކަވަމުންގެންދަވާ ވާހަކަފުޅުތަކެވެ. އަދި ސިޔާސީ ޕޮޓޯފުޅުތައް ހޯއްދެވުމަށްޓަކައި އަދި މީޑިއާގެ ސަމާލުކަން ހޯއްދެވުމަށްޓަކައި ކުރައްވާ ކަންކަމެވެ. އިދިކޮޅު ސިޔާސީ އެހެން ބައެއް ޕާޓީތަކުގެ ވެރިންނާ ބާއްވާ ގުޅުމެވެ. ޚާއްޞަކޮށް، މިހާރު އާލާސްކަންފުޅާ އުޅުއްވަމުންގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރާމެދު ބަހައްޓަވާ ގާތްކަމާއި ދައްކަވާ އޯގާތެރިކަމުގެ މަންޒަރުތަކެވެ.
މިހާތަނަށް މަންޒަރުތަކުން ދޭހަކޮށްދޭގޮތުގައި މިހާރުވެސް އިދިކޮޅު އެމް.ޑީ.ޕީ އިން މަސައްކަތް ކުރަމުންދަނީ ރައީސް މައުމޫން، އިދިކޮޅު ޙަރަކާތްތަކުގައި އަތްގަދަ ކޮށްފާނެތީއެވެ. އެމީހުން ތިބީކީ އިދިކޮޅު ބައްދަލުވުންތަކުގައި މައުމޫން ރިޔާސަތު ބަލަހައްޓަން ދޫކޮށްލާގޮތަކަށް ނޫނެވެ. އެމީހުން ބޭނުންވަނީ މިވަގުތުގެގޮތުން، މައުމޫނާއި މައުމޫންގެ އާއިލާގެ ނާޖާއިޒު ފައިދާ ނަގާށެވެ. ޤާސިމް އިބުރާހިމްގެ ހުރިއްޔާހުރި އެސެޓެއް ވިއްކައިގެންވެސް އިދިކޮޅު ޙަރަކާތްކަށް ޚަރަދު ކުރާނެގޮތަށް އުކުޅުތައް ރާވައިގެންނެވެ. އެމް.ޑީ.ޕީގެ ލަނޑުދަނޑިތައް ޙާޞިލު ނުވިޔަސް، އެ ޙަރަކާތްކުން ލިބޭނެ ހުރިހާ ގެއްލުމެއް ޤާސިމަށާއި ރައްޔިތުންނަށް ދަނީ ލިބެމުންނެވެ.
އިދިކޮޅު އެހެން ސިޔާސީ ލީޑަރުންނަށްވުރެ ރައީސް މައުމޫން، ޖުމްހޫރީ ޕާޓީގެ ލީޑަރާއެކު ކުރައްސަވަމުންގެންދަވާ މަންޒަރުތަކުގެ ކުލަ ގަދަކަމަށް ފެނެއެވެ. އިދިކޮޅު އެހެން ޕާޓީތަކުގައި އިސްކޮށް ތިއްބެވި އެހެން މީހުންނަށްވުރެ ޖުމްރޫހީ ޕާޓީގައި ދެން އިސްކޮށް ތިއްބެވި އެހެން ލީޑަރުންނާއެކު ގާތް ގުޅުން ބާއްވަމުން ގެންދަވާތަން ފެނެއެވެ. ރައީސް މައުމޫން މިހާރު މަސައްކަތް ކުރައްވަމުން އެގެންދަވަނީ ޖުމްހޫރީ ޕާޓީއަށް ބަދަލުވެވަޑައިގެން، އެޕާޓީ ހިންގަވަންހެއްޔެވެ! މިއީ، ސިޔާސީ މަޝްރަހުގައި މިއަދު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައެވެ. ވާހަކަ ނިމޭގޮތް ބަލަން މާގިނަ ދުވަސްތަކެއް އިންތިޒާރު ކުރަންޖެހޭނެ ކަމަކަށް ނުފެނެއެވެ. އިންތިޒާރުކޮށްލައްވާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ