ޝިފާގު އާއި އާރިފްގެ ވާހަކަތަކާ ގުޅިގެން މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިސަރުކާރަށް ފާޑުވިދާޅުވެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު އާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވާހަކަދައްކަވާފައިވާތީ އެކަމާ ހިތް ހަމަނުޖެހުން ފާޅުކޮށް ޕީޕީއެމްގެ ކައުންސިލް މެންބަރުންނަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެސްއެމްސް ފޮނުވައިފި އެވެ.
ސަންއަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި އުމަރު ނަސީރުގެ ކެންޕޭން މެނޭޖަރުގެ ގޮތުގައި ވެސް ހަރަކާތްތެރިވި އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ ޝިފާގު އާއި އާރިފްގެ ވާހަކަތަކާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް ހުރިހާ ކައުންސިލް މެންބަރުންނަށް ރައީސް މައުމޫން އެސްއެމްއެސް ކުރެއްވީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ކަމަށެވެ.
މައުމޫން ފޮނުވި އެސްއެމްއެސްގައި ޝިފާގު އާއި އާރިފް ދެއްކި ވާހަކަތަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ވިދާޅުވެފައި ވަނީ ސަރުކާރުން ދެކެނީ އެއީ އެމަނިކުފާނު ކުރުވާ ކަމެއްގެ ގޮތުގައި ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ނުދެއްކުމަށް ޕީޕީއެމްގެ ކައުންސިލުން ވެސް ނިންމާފައިވާ ކަމަށާއި ނަމަވެސް އެ ދެ މެންބަރުންގެ މައްސަލަ ނުބަލައި ޕްރައިމަރީގައި ހިންގާފައިވާ އޮޅުވާލުންތައް ފަޅާއަރުވާލި ދެ ބޭފުޅުންގެ މައްސަލަ ބަލުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަށެވެ.
"ޕީޕީއެމްގެ ކައުންސިލުން ނިންމާފައިވާ ނިންމުމަކާ ޚިލާފަށް ޝިފާގު މުފީދު އާއި އަލީ އާރިފް މަޖިލީހުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ދެ މެންބަރުންގެ މައްސަލަތައް ނުބަލައި ހަމައެކަނި އުމަރު ނަސީރާއި އިބްރާހީމް ނާޒިމްގެ މައްސަލަ ބެލުމަކީ އެއީ ކަންބޮޑުވާންޖެހޭ ކަމެއް. އެކަމުން އެނގިގެންދަނީ ޕީޕީއެމްގެ ތެރޭގައި އިންސާފެއް ނެތްކަން. އެކަމާ އަޅުގަނޑު ވަރަށް ހައިރާންވޭ،" ސަލީމް ވިދާޅުވި އެވެ.
ޕްރައިމަރީގައި މަކަރު ހަދާފައިވާކަމަށް ބުނެ ސާބިތު ނުހިފޭ ވާހަކަދައްކާފައިވާ ކަމަށް ބުނެ އުމަރު ނަސީރު އާއި އެޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހީމް ނާޒިމްގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ގެންދަނީ ބަލަމުންނެވެ.
މިހާރު ފެންނަމުންދާ މަންޒަރުތަކުން ދޭހަވަނީ ސުލޫކީ ކޮމިޓީއަކީ ހަމައެކަނި ހައްގުބަސް ބުނާ މީހުންގެ މައްސަލަތައް ބަލާ އަދި ވަކި ބައެއްގެ މައްސަލަތައް ނުބެލުމަށް ހަދާފައިވާ ކޮމިޓީއެއްކަން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޑީއާރްޕީ ދޫކުރައްވައި ޕީޕީއެމް އުފެއްދެވި މަގުސަދު މިހާރު އޮޅިފައިވާ ކަމަށެވެ.
"ޕީޕީއެމްގެ ޕުރައިމަރީގައި ވޯޓު އޮޅުވާލިކަމަށް އުމަރު ނަސީރު އާއި ނާޒިމް ވިދާޅުވުމުން އެ ދެ ބޭފުޅުންގެ މައްސަލަ ވަރަށް ފުޅާދާއިރާއެއްގައި ބަލަމުން އެބަދޭ. މީގެން މިދޭހަވަނީ ސުލޫކު ކޮމިޓީއަކީ ހަމައެކަނި ހައްގުބަސް ބުނާ މީހުންގެ މައްސަލަ ބަލާ އަދި ވަކި ބަޔެއްގެ މައްސަލަތައް ނުބެލުމަށް ހަދައިފައިވާ ކޮމިޓީއެއްކަން. ޕްރައިމަރީގެ ވޯޓު ވަނީ އޮޅުވައިލައި. އެކަމުގައި ވަނީ ވަރަށް ބޮޑަށް މަކަރާއިހީލަތް ހަދައިފައި. އެހެން ބައެއް ޕާޓީތަކުގެ މެމްބަރުންލައްވައި ޕީޕީއެމްގެ ޕުރައިމަރީގައި ވަނީ އޮޅުވާލައިގެން ވޯޓުވެސް ލައްވައިފައި. މިކަމަކީ ޕީޕީއެމްގެ އަސާސީ ގަވައިދާ އަދި ހިންގާ ގަވައިދާ ވެސް ޚިލާފް ކަމެއް،" ސަލީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ