ބީއެމްއެލްގެ އިސް މުވައްޒަފަކު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެމްއެސްއެމްއީގެ ހެޑުގެ މަގާމުގައި ހުރި މުވައްޒަފަކު ވަޒީފާ އިން ވަކިކުރީ ގާނޫނާއި ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމައިފިއެވެ. ބީއެމްއެލްގެ ވަޒީފާއިން ވަކި ކޮށްފައި ވަނީ ފާތިމަތު މަލީހާ ޖަމާލްއެވެ.
އޭނާ ވަކި ކޮށްފައި ވަނީ 2013ވަނަ އަހަރުއެވެ. ބީއެމްއެލް އިން އޭނާ ވަކި ކޮށްފައި ވަނީ 2012ވަނަ އަހަރު ކުރި ދަތުރެއްގެ ހަރަދު އަނބުރާ ހޯދުމުގައި ނުކުރާ ހަރަދުތަކެއް ހޯދަން އުޅުނު ކަމަށް ބުނެއެވެ. ބީއެމްއެލް އިން އެ މައްސަލާގައި އެންމެ ފުރަތަމަ ނިންމީ އެއް އަހަރުގެ މުސާރައިގެ ކުރިއެރުމާއި އަހަރީ ބޯނަސް ހިފެހެއްޓުމަށެވެ. ނަމަވެސް މަލީހާގެ ފަރާތުން އެ ނިންމުން ބަދަލު ކޮށްދިނުމަށް ބީއެމްއެލްގެ ހިއުމަން ރިސޯސް ޑިޕާޓުމަންޓުގައި އެދުމުން އެ ނިންމުން ބަދަލު ނުކުރެވޭނެ ކަމަށް ނިންމިއެވެ. އަދި ފަހުން އޭނާ ވަޒީފާއިން ވަކި ކުރިއެވެ.
އެ މައްސަލާގައި މަލީހާގެ ފަރާތުން ވަނީ އެ މައްސަލަ ޓްރައިބިއުނަލް އަށް ހުށަހަޅާފައެވެ. ޓްރައިބިއުނަލް އިން ވެސް ނިންމީ މަލީހާ ވަކި ކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އެހެންކަމުން އޭނާ އަށް އަލުން ވަޒީފާ ދިނުމަށް ނިންމިއެވެ. އެ މައްސަލަ ބީއެމްއެލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް ހައިކޯޓުންވެސް ބީއެމްއެލް އަށް ކުރިއެރުމެއް ނުލިބެއެވެ. އެންމެ ފަހުން ބީއެމްއެލް އިން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ސުޕްރީމް ކޯޓުންވެސް މިއަދު ނިންމީ މާލީހާ އަށް ވަޒީފާ އަނބުރާ ދިނުމަށެވެ.
ސުޕްރީމް ކޯޓުން ބުނީ އެ ދަތުރުގައި މަލީހާއެކު ދިޔަ އަނެއް ދެ މުވައްޒަފުންގެ ބަހެއް ބީއެމްއެލް އިން ހޯދާފައި ނުވާ ކަމަށާއި މުވައްޒަފުންނާއި މެދު އެއް ހަމައަކުން އަމަލުކޮށްފައި ނުވާ ކަމަށެވެ. އަދި މަލީހާ އަށް ފަހުގެ އިންޒާރު ދިނުމަށް ނިންމުމުން އެނގެނީ އެފަދަ ކުށެއް މަލީހާ ދެން ނުކުރާނެކަން ބޭންކުން ގަބޫލުކުރާކަން ކަމަށް ހުކުމްގައިވެއެވެ.
މި މައްސަލާގައި މަލީހާގެ ފަރާތުން ވަކާލާތު ކުރައްވާފައި ވަނީ އޭނާގެ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށްވާ އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ