ސިޓީގެ ސަސްޕެންޝަން ކޯޓުން އުވާލައިފި

ކުރިއަށް އޮތް ދެ ސީޒަނުގައި ޔޫރަޕްގެ މުބާރާތްތަކުން ސަސްޕެންޑް ކޮށްފައިވާ މެންޗެސްޓަރ ސިޓީގެ މައްސަލަ އިސްތިއުނާފްކޮށް ޔޫރަޕުގެ މުބާރާތްތަކުގައި ސިޓީއަށް އަލުން ވާދަ ކުރެވޭ ގޮތަށް ހަދައިފި އެވެ. މިދިޔަ އަހަރު ޔޫއެފާއިން އެޅި ފިޔަވަޅާއެކު، އެ ޓީމުގެ މައްޗަށް ކުރި 30 މިލިއަން ޔޫރޯގެ ޖޫރިމަނާ ވެސް، ކޯޓުން ވަނީ 10 މިލިއަން ޔޫރޯ އަށް ކުޑަ ކޮށްފަ އެވެ. ސިޓިގެ މައްސަލަ މިދިޔަ އަހަރުގެ ފަހުކޮޅު ޔޫއެފާއިން ތަހުގީގުކުރަން ފެށީ ޖަރުމަނުގެ ނޫހަކުން އާއްމުކުރި ރިޕޯޓުތަކަކާއި ގުޅިގެންނެވެ. އެ ރިޕޯޓުތަކުން އެނގޭ ގޮތުގައި ސިޓީން އައީ ގަވާއިދާ ހިލާފަށް ޔޫއެފާގެ ބައެއް އޮފިޝަލުންތަކަކަށް ރިޝްވަތުދެމުންނެވެ. އަދި، އުސޫލުން ބޭރުން ކްލަބަށް ފައިސާ ހޯދުމާއި، ދަރަނިތައް ފޮރުވައި މުއާމަލާތުތައް އޮޅުންއަރާ ގޮތަށް ކުޅުންތެރިން ގަތުން ވެސް ސިޓީގެ މައްޗަށް ތުހުމަތު ކުރެވުނެވެ. ކޯޓުގެ މި ނިންމުމަށް އިހުތިރާމްކުރާކަމަށް ބުނެ ޔުއެފާ އިން ވަނީ ބަޔާނެއް ނެރެފަ އެވެ. ސިޓީގެ ކަންތައްތަކަށް ރަނގަޅު ހައްލެއް ގެނައުމަށް ޔުއެފާ އިން އިތުރު މަސައްކަތްތަކެއް ކުރިއަށް އޮތްތަނުގައި ކުރާނެ ކަމަށެވެ. ސިޓީން ހުށަހެޅި މި މައްސަލައިގެ ސަބަބުން ވެސް ޔުއެފާގެ ނިންމުންތައް ނިންމަން ކުރިއަށް އޮތްތަނުގައި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ޔުއެފާ އިން ބުނެ އެވެ. މިއަދު ކޯޓުން ކުރި ހުކުމާ ގުޅިގެން މެންޗެސްޓާ ސިޓީން ވަނީ އެ ކުލަބުގެ ގާނޫނީ ޓީމުން ކުރި މަސައްކަތް ފާހަގަ ކޮށް ޝުކުރު އަދާ ކޮށްފަ އެވެ.ސިޓީ އަށް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ނުލިބިއްޖެނަމަ އެ މަގާމު ދޭން ނިންމީ ޕްރިމިއާ ލީގުގެ ފަސް ވަނައިގައި ނިންމާ ޓީމަކަށެވެ. އެކަމަކު މިހާރު ސިޓީ އަށް ޗެމްޕިއަންސް ލީގުގައި ކުޅެވޭނެކަން ކަށަވަރުވުމާ އެކު ޕްރިމިއާ ލީގުން ޗެމްޕިއަންސް ލީގަށް ކޮލިފައިވާނީ ގަދަ ހަތަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ