ގުޅިފައިވާ ޕާޓީ ތަކުގެ ސަރުކާރަކީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު އުފައްދާ އަދި ރައްޔިތުންގެ ބަސް ކިޔޭ ގޮތަށް ހިދުމަތްކުރާނެ ސަރުކާރަކަށް ހަދަން ބޭނުންވާ ކަމަށް ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ. 
އިބްރާހީމް މުހައްމަދު ސޯލިހް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި މިއަދު ހއ. މޮޅަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެެވެ. 
އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ރަށްރަށުގެ ތަރައްގީއަށް ކުރަން ބޭނުންވާ ކަންކަން ކުރާނީ އެރަށެއްގައި ރައްޔިތުން ބޭނުންވާ ގޮތަށް ރަށު ކައުންސިލުން ކަމަށެވެ. ރަށު ކައުންސިލުން ރަށް ތަރައްގީކުރުމަށް ބޭނުންވާ ފައިސާއާއި ވަސީލަތްތަކާއި ބާރުތައް ކައުންސިލްތަކަށް ހޯދައިދޭނެ ކަަމަށްވެސް ވިދާޅުވި އެވެ. 
އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ސާފު ބޯފެނާއި ނަރުދަމާއާއި ކަރަންޓް ފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ރިޔާސީ ވައުދެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކަކަށް ވާތީ އެކަން ކޮށްދެއްވާނެ ކަމަށެެވެ. 												
އިބޫ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި އެއްވެސް ރަށެއް އެއްވެސް ރައްޔިތެއް ތަފާތުކުރުމެއް ނެތި އަސާސީ ހިދުމަތްތައް ފޯރުކޮށްދެއްވާނެ ކަމަށާއި އެގޮތުން މޮޅަދޫގެ އާބާދީ ކިތަންމެ ކުޑަނަމަވެސް މޮޅަދޫއަށް ވެސް އެ ހިދުމަތްތައް ލިބިގެންދާނެ ކަމަށެެވެ. 
އިބޫ މިއަދު ވަނީ އެމަނިކުފާނުގެ ސަރުކާރެއްގެ ފުރަތަމަ އަހަރުގެ ތެރޭގައި މޮޅަދޫގެ ބަނދަރު ހައްދަވައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. މީގެއިތުރުން މޮޅަދޫގެ އާބާދީ ކިތަންމެ ކުޑަނަމަވެސް ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި ލެބޯޓްރީ ގާއިމުކޮށް ކުދި ޓެސްޓުތައް ހެދޭނެ އިންތިޒާމުތައް ހަމަޖައްސަން ނިންމާފައިވާ ސިޔާސަތުގެ ދަށުން އެ ހިދުމަތްތައް މޮޅަދޫގައި ވެސް ގާއިމުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ. 
އިބޫ އިތުރަށް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ގެސްޓް ހައުސް ސިޔާސަތުގެ ދަށުން ގެސްޓުހައުސް އަޅަން މޮޅަދޫއިން ބިން ދޫކުރާނެ ކަމަށެވެ. ގެސްޓް ހައުސް ހިންގަން ބޭނުންވާ ފަރާތްތަކަށް ލޯނު ދޫކުރުމަށް ގާއިމު ކުރާ އެސްއެމްއީ ބޭންކުން ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށްވެސް އިބޫ ވަނީ ވައުދުވެވަޑައިގެންފަ އެވެ.
    
    އިއްތިހާދު ސަރުކާރުގައި ރައްޔިތުންނަށް ގޮތް ކިޔޭނެ: އިބޫ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ