އޭދަފުށީ ރައްޔިތުން ވޯޓުން ރައީސް ޔާމީނަށް ބޮޑު ނަތީޖާ ދައްކާނެ: ސަލީމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭދަފުށީ ރައްޔިތުން ވޯޓުން ރައީސް ޔާމީނަށް ބޮޑު ނަތީޖާ ދައްކާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ. އޭދަފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިންމުން ފާހގަކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގެން ދުވަހުން ފެށިގެންވެސް އޭދަފުއްޓާ މެދު ހާއްސަ ގޮތްތަކެއް ބެހެއްޓެވި ކަމަށެވެ. އެހެންކަމުން އޭދަ ފުށީ ރައްޔިތުން ރައީސް ޔާމީނަށް ޝުކުރު އަދާކުރަން ޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ. "އަޅުގަނޑުމެން ވަރަށް ކުރިންސުރެއް ޒަމާނުއްސުރެ ކުރަމުން އައި އުންމީދެއް (ބިން ހިއްކުން) މި ހާސިލް ވެގެން މިދިޔައީ. މިއީ އަޅުގަނޑުމެން އެންމެހާ ރައްޔިތުން ރައީސް ޔާމީނާ ދޭތެރޭގައި ޝުކުރު އަދާކުރަން ޖެހޭ ކަމެއް،" ސަލީމް ވިދާޅުވި އެވެ. ހުރިހާ ކަމަކީ އެއްފަހަރާ ކުރެވޭނެ ކަންތައްތަކެއް ނޫންކަން ގަބޫލު ކުރަން ޖެހޭ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އިޝާރާތްކުރައްވައި ސަލީމް ވިދާޅުވީ ގައުމުގައި ކަންތައްތައް އެންމެ ރަނގަޅަަށް ހިންގޭނީ ކޮންބޭފުޅަކަށް ތޯ މީހަކު އިންތިހާބު ކުރާއިރު ބަލަން ޖެހޭނެ ކަމަށެވެ. ރައީސް ޔާމީނަކީ މަޝްވަރާ ކުރުމުން މިސާލު ދައްކަވާ ބޭފުޅެއްކަން ފާހަގަކޮށް ސަލީމް ވިދާޅުވީ ނާކާމިޔާބީތަކުގައިވެސް ރައީސް ޔާމީން ޕާޓީގެ މެމްބަރުންނާ މަޝްވަރާ ކުރައްވާފައި އެބަހުރި ކަމަށެވެ. އަދި ވަކި ލީޑަރަކު ނެތިގެން ރައީސް ޔާމީން ނާކާމިޔަބު ވާނެ ކަމަށް ހީކޮށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް ސަލީމް ވިދާޅުވި އެވެ. "ރައްޔިތުންގެ ތެރޭގައި ތިބި އިދިކޮޅު ފަރާތްތައްވެސް އެމީހުންނާ ދޭތެރޭވެސް އިހުލާސްތެރިކޮށް ކަންތައްތައް ކޮށްފިއްޔާ ވޯޓު ދޭނެ،" ސަލީމް ވިދާޅުވި އެވެ. އޭދަފުށީގައި މިއަދު ރައީސް ހުޅުއްވައި ދެއްވީ 25.7 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު އެކެވެ. އެއީ މިހާރު އޭދަފުށީގައި މީހުން ދިރިއުޅޭ ސަރަަހައްދާ އެއްވަރުގެ ސަރަހައްދެކެވެ. މީގެއިތުރުން މިއަދު ރައީސް ޔާމީން ވަނީ އެރަށުގެ ބޯފެނުގެ މަޝްރޫއު ފައްޓަވައި ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ