ބާރުތައް މުށުތެރެއަށް ލައިގެން ކުރާ ވެރިކަމަކީ ރައްޔިތުން ގަބޫލު ކުރާނެ ކަމެއްނޫން - އިބޫ

ހުރިހާބާރެއް މުށުތެރެއަށް ލައިގެން ކުރާ ވެރިކަމެއް ރައްޔިތުން ބަލައި ނުގަންނާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
އިންތިހާބުގެ ކެންޕެއިނަށް ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. މަޑުއްވަރީގަ ތިބި ގުޅިފައިވާ އިއްތިހާދުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވައި، އިބޫ ވިދާޅުވީ ރައީސް ޔާމީން ކުރައްވަމުން ގެންދަވަނީ ޣައިރު ގާނޫނީ ވެރިކަމެއް ކަމަށެވެ.
"މިއީ އަޅުގަނޑުމެން ގާނޫނު އަސާސީ ބަލައިގަން ގޮތެއްނޫން. މިއީ ދިވެހި ރައްޔިތުން ގަބޫލު ކުރާނެ ކަމެއްނޫން" އިބޫ ވިދާޅުވިއެވެ.
ގުޅިފައިވާ އިއްތިހާދުން މި ނިކުންނަނީ ވައްކަމާއި ފަސާދައާއި ކޮރަޕްޝަނާއި އަނިޔާއިން މިގައުމު ސަލާމަތްކުރުމަށް ކަމަށް ވިދާޅުވާ ވިދާޅުވުން، އިބޫ ވަނީ ތަކުރާރު ކުރައްވާފައެވެ. އެގޮތުން އެމްއެމްޕީއާރްސީ ގެ ފައިސާ ނުގެއްލި ހުރި ނަމަ މި ގައުމުގައި ތަރައްގީގެ އެތަކެއް މަޝްރޫއުތަށް ހިންގުނީސްކަމަށް އިބޫ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ލިބިފައި މިހިރަ މައުލޫމާތުން އައިޖީއެމްއެޗްގެ އިމާރާތަށް ހޭދަކުރި ފައިސާ އާއި އެމްއެމްޕީއާރްސްސީ ފައިސާއިން ތިން ހުޅުމާލެ ހިއްކޭނެ. 15 އެއާޕޯޓް އެޅޭނެ. 35 ބަނދަރު ހެދޭނެ" އިބޫ ވިދާޅުވިއެވެ.
އިއްތިހާދުގެ ވެރިކަމެއްގެ ފުރަތަމަ ދުވަހު މި ފައިސާތައް ހޯދުމުގެ މަސައްކަތް ކުރެވިގެން ދާނެ ކަމަށް އިބޫ އިތުރަށް ވިދާޅުވިއެވެ.
މަޑުއްވަރީގަ ދެއްކި ވާާހަކަތަކުގެ ހުލާސާ
މަޑުއްވަރީ ރައްޔިތުން ބޭނުންވާ ގޮތަށް މަޑުއްވަރީގެ ބަނދަރު ހެދިގެން ދާނެ
ާރާއްޖޭގެ ފާއިތުވެދިޔަ ފަސް އަހަރު ހިނގި މަރުތަކުގެ މައްސަލަ ބަލާނަން
އެމްއެމްޕީއާރްސީގެ ފައިސާ ހޯދުމުގެ މަސައްކަތް ފަށާނަން
ސިޔާސީ ކަމެއްގައި ބައިވެރިވެގެން ވަޒީފާ ގެއްލިއްޖެ ނަމަ، ވަޒީފާ ހޯދައިދޭނަން.
އިބޫގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކޮށްފައި ވަނީ ނ. އަދި ރ. އަތޮޅަށް މި ކުރި ޒިޔާރަތުގެ ތެރެއިން ފާހަގަވީ މުޅި ރާއްޖެ ބަދަލަކަށްއެދޭ މިންވަރު ކަމަށްށެވެ. އެގޮތުން ރ. އަތޮޅުވެސް ގުޅިފައިވާ އިއްތިހާދާއެކު ކުރިއަށް ދާން ބޭނުންވެފައިވާ މިންވަރު ފެންނަމުން ދާކަން ފާހަގަ ކުރެއްވިއެވެ.
މަޑުއްވަރީ އަށް މިއަދު އިބޫ ވަޑައިގަތުމުން ވަނީ ތަފާތު މަރުހަބާއެއް ކިޔާފަކަން ފާހަގަކޮށްލެވެއެެވެ. އެގޮތުން އެމްޑީޕީ ދިދަ ހަރުކޮށްފައިވާ ޑިންގީތަކުގައި އިބޫގެ ދަތުރު ކުރެއްވި ލޯންޗާއިއެކި ދަތުރު ކުރި މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ