ޖީއެމްއާރު އަތުން ހުޅުލެ އެއާޕޯޓް ނެގުމަށް ބޮޑު އަދަދެއް ދައްކަން ޖެހޭނަމަ އެކަން ކުރަން ނުފެންނަ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވި ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަ ގާސިމް އިބްރާހިމް ދޮގު ކުރައްވައިފިއެވެ.
ބްރިޖް ސަޅި ނަމުގައި ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމާއި ގުޅޭގޮތުން ވާހަކަތަކެއް ހިއްސާކުރައްވާފައެވެ.
"ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން ބޮޑު އަގެއް ދައްކަން ޖެހޭ ނަމަ ގާސިމް އަށް އަތުލަން ނުފެންނަ ކަމަށް ރައީސް ޔާމީން އެ ވިދާޅުވީ ހެދި ބޮޑު ދޮގެއް" ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް ނެގީ ޕީޕީއެމްގެ ފިކުރުގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އެކަމަށް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި ޑީއާރުޕީ އަދި އެމްޑީޕީން ތާއީދު ނުކުރާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޖީއެމް އާރް އަތުން އެއާޕޯޓު ނެގުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން ރައީސް އޮފީހުގައި އޮތް ޖަލްސާއަށް އަދާލަތު ޕާޓީ އިމްރާން ކުޑަ ލަސްވުމުން ރައީސް ޔާމީން އެނބުރިވަޑައިގެންފިކަމަށެވެ. އެއާޕޯޓު އަތުލަން ނިންމީ ގާސިމް އާއި އިމްރާން އާއި ރައީސް ވަހީދު އާއި ތަސްމީން ތިބެގެން ކަމަށް ގާސިމް ވިދާޅުވިއެވެ.
"ރައީސް އޮފީހުގައި އޮތް ޖަލްސާ ނުފެށެނީސް ޔާމީން ނިކުމެގެން ދިޔައީ. އަދާލަތު ޕާޓީ އިމްރާން ކުޑަ ލަހެއްވީމަ ގާސިމް އާއި އިމްރާން އާއި ރައީސް ވަހީދު އާއި ތަސްމީން ތިބެގެން ނަގަން ނިންމީ،" ރައީސް ޔާމީނުގެ ވާހަކަފުޅަށް ރައްދު ދެއްވާ ގާސިމް ޓްވީޓްގައި ވިދާޅުވިއެވެ.
އެއާޕޯޓް އަތުލުމަށް ނިންމައި އެކަން އިއުލާން ކުރަމުން އޭރުގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީގޮތުގައި އެއާޕޯޓް އަތުލައިގެން ދައުލަތުން ދައްކަން ޖެހޭނެ އެންމެ ލޯ ލާރިއެއްވެސް ނޯންނާނެ ކަމަށެވެ. އަދި ޖީއެމްއާރަށް އެއާޕޯޓްދިނުމަށް އެއްބަސްވި އެއްބަސްވުމުގައި އެއްބަސްވުން އުފެދުނުއިރުވެސް ބާތިލް އެއްބަސްވުމެއް ކަމަށްވެސް އަޒިމާ ވިދާޅުވެފައި ވެއެވެ.
އެއާޕޯޓް އަތުލުމުން ޖީއެމްއާރަށް ފައިސާ ދޭން ނުޖެހޭނެކަމަށް އާޒިމް ވިދާޅުވެފައިވަނިކޮށް، ޖީއެމްއާރު އަތުން އެއާޕޯޓް އަތުލި މައްސަލާގައި ދައުލަތުން ޖީއެމްއާރަށް 250 މިލިޔަން ޑޮލަރު ދެއްކުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމިއެވެ.
އެއާޕޯޓު އަތުލުމާ ގުޅޭ ގޮތުން ރައީސް ޔާމީން ހެދީ ބޮޑު ދޮގެއް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ