މޫސުން ގޯސްވުމުން ފުލުހުން ފެރީތައް މޮނީޓާ ކުރަން ފަށައިފި، ސައިކަލު އުފުލުން ރައްކާތެރި އެއް ނޫން!
މާލެ ހިމެނޭ ސަރަހައްދުގެ މޫސުން ގޯސްވެ، ވައި ބާރު ވެފައިވާތީ ހުޅުމާލެ އަދި ވިލިމާލެ ފެރީތައް މޮނީޓާ ކުރުމުގެ މަސައްކަތް މެރިން ޕޮލިސް އިން ފަށައިފި އެވެ. ފުލުހުން ބުނީ ފެރީތަކުގައި ސައިކަލު ގެންދިއުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާއި، އެހެންކަމުން އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ. ހަމައެއާއެކު މާލެ ސަރަހައްދުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފައިވާ ގޮތުގައި މިއަދު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެ އެވެ. ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާ ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާ 50 މޭލުގެ ބާރުމިނަށް ވައި ގަދަވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުނެ އެވެ. ކަނޑުތައް، ދެކުނުގައި އާދައިގެވަރަކަށް މަޑުވެފައިި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ އެވެ. އަދި އެހެންހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަޑުގައި ގަދަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ