ތަހުގީގީ ނަޒަރަކުން އަބްދުﷲ ރަޝީދުގެ މަރަށް ބެލުމުން ފެންނަ މަންޒަރު ތަފާތު: އިމްރާން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިދިޔަ އޮކްޓޯބަރު 25 ވަަނަ ދުވަހު މަރުވި އަބްދުﷲ ރަޝީދުގެ މައްސަލައިގައި، އެ ވަގުތު މަންޒަރު ދުށް މީހުންނަށް މައްސަލަ ފެންނަ ގޮތާއި އެ މައްސަލައަށް ތަހުގީގީ ނަޒަރުން ބެލުމުން ފެންނަ މަންޒަރު ތަފާތު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މައްސަލައިގެ ފެށުން - ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ން ގދ. އަތޮޅުގައި ހިންގި ޑްރަގުގެ ބޮޑު އޮޕަރޭޝަނެއްގައި އަބްދުﷲ ރަޝީދު ހިމެނޭ ގޮތަށް ތިން މީހަކު  ގދ. ހޯނޑެއްދޫން ހައްޔަރުކުރި އެވެ. އެ މީހުން ގޮވައިގެން އެ ރަށުން ފުރައިގެން އެހެން ތަނަކަށް ގެންދަން އުޅެނިކޮށް، އަބްދުﷲ މަރުވީ އެ ރަށު ބަނދަރުގައި ލޯންޗު އޮއްވައި ލޯންޗުމަތީގައި ކަމަށްވެ އެވެ. އެގޮތުން:
އޭނާ މަރުވުމުގެ ކުރިން މެއަށް ތަދެއް އަރާ ކަމަށް ބުނެ އާދޭސް ކުރުމުން ވެސް ފުލުހުން ފަރުވާއަށް ހުރަސް އެޅި ކަމަށް މަންޒަރު ދުށް މީހުން ބުނޭ
އާއިލާ އިން އޭރު ތުހުމަތުކުރީ، އޭނާ މަރުވީ ފުލުހުންގެ އިހުމާލުން
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން މިނިސްޓަރާ ސުވާލުކުރެއްވީ، އެ ވަގުތު ޖެޓީގައި ހުންނެވި އެ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނެވެ.
އެނގުން މުހިއްމު - 'ދައުރު'އާ އޭރު ވާހަކަދައްކަވަމުން ފިރުޝާން ވިދާޅުވެފައިވާ ގޮތުގައި، އޭނާ ޖެޓީގައި ހުންނެވިއިރު އަބްދުﷲ ރަޝީދާއި އޭނާއާ އެކު ހައްޔަރުކުރި މީހުން ތިބީ ލޯންޗުގެ ތެރޭގައި ކަމަށެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި:
އޭރު ވެސް އަބްދުﷲ ރަޝީދު މެއަށް ތަދުވާ ވާހަކަ ބުނަމުންދިޔަ، އެކަމަކު ފުލުހުން ފަރުވާއަކަށް ނުގެންދޭ
އޭނާ އަމިއްލައަށް ވެސް ގޮސް ފުލުހުން ގާތު އެ ވާހަކަ ދެއްކެވި
އެ މަންޒަރު ގާތުން ދުށް މީހެއްގެ ހައިސިއްޔަތުން ފިރުޝާން ގަބޫލުކުރައްވަނީ އަބްދުﷲ ރަޝީދު މަރުވީ ފުލުހުންގެ އިހުމާލުން ކަމަށެވެ. އެކަން ފިރުޝާން މިއަދު މަޖިލީހުގައި ކުރެއްވި ސުވާލުގައި ވެސް ފާހަގަކުރެއްވިއިރު، އޭނާ އެއްސެވީ އެ މައްސަލައިގައި އެއްވެސް ފަރާތަކަށް ފިޔަވަޅު އަޅާފައިވޭތޯ އާއި އާއިލާއާ އެކަމާ ގުޅިގެން އެއްވެސް ވާހަކައެއް ދެކެވުނުތޯ އެވެ.
ބުނީ ކީކޭ؟ - އިމްރާނަށް ޖަވާބު ދެއްވުމަށް ދެއްވި ފުރުސަތުގައި އޭނާ ވިދާޅުވީ އެ މައްސަލައިގައި ރަށު ކައުންސިލާއި މަޝްވަރާކޮށް، ތަހުގީގީ ރިޕޯޓެއް ވެސް ހޯއްދެވި ކަމަށެވެ. އަދި އާއިލާއާ އެކުގައި ވެސް މަޝްވަރާކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިމްރާނުގެ ޖަވާބު އެ ހިސާބުން ނިންމަވާލެއްވުމުން ފިރުޝާން ނިޒާމީ ނުކުތާއެއް ނަންގަވައި އެ މައްސަލައިގައި އެޅި ފިޔަވަޅެއް ސާފުކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ.
އަނެއްކާވެސް އިމްރާނަށް ޖަވާބު ދެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމުން އޭނާ ވިދާޅުވީ "އެ މައްސަލަ
ތަހުގީގު ކުރީމާ، ތަހުގީގީ ނަޒަރަކުން ބެލީމާ އެ ގަބޫލުކުރެވޭ ގޮތާއި އޭގެ ފަހަތުގައި
ހުރި ކަންތަކާ އެއީ އަޅުގަނޑު ހިތުން ތަފާތު ކަމެއްކަން އެކަހަލަ މައްސަލަތަކުގެ
ތެރެއަށް ވަދެ ތަހުގީގީ ނަޒަރަކުން ބެލީމަ ފެންނާނެ" ކަމަށެވެ.
އިމްރާން ވިދާޅުވީ މަންޒަރު ދުށް މީހުންނަށް ފެންނާނީ އެ ވަގުތު ހިނގާދިޔަ ކަންކަން ކަމަށާއި މުޅި މައްސަލަ ހިނގާދިޔަ ގޮތެއް ނޭނގޭނެ ކަމަށެވެ. އަދި ހަމައެކަނި ފެނުނު މަންޒަރެއްގެ މައްޗަށް ބިނާކޮށް އެއްވެސް ކަމެއްގައި ގޮތް ނިންމޭނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ މެދުތެރެއިން ފެނުނު ބައެއްގެ
މައްޗަށް ބަލާފައި މައްސަލައިގެ ޖަޖްމެންޓެއް ނެރުން އެއީ އަޅުގަނޑު ހިތުން އެންމެ
ރަނގަޅު ގޮތަކަށް ނުވާނެ. ތަހުގީގީ ނަޒަރަކުން އެ މައްސަލަ ޖެހޭނެ ކަމަށް
އަޅުގަނޑު ގަބޫލުކުރަން،" އިމްރާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ