ދިވެހިރާއްޖެ ފަދަ 100 އިންސައްތަ މުސްލިމު ޤައުމެއްގައި ބަރަޙަނާ ސައިޓުތައް ބުލޮކް ކުރެވެން ޖެހޭ ކަމަށާއި އެކަމަކީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމުގައި ދީނީ އިލްމުވެރިޔާ ޝައިހް ޝަފީޢު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިހް ޝަފީޢުގެ ރަސްމީ ފޭސްބުކް ޕޭޖުގައި އިއްޔަ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ލިސްޓު ކުރެވޭ ދެ ޤައުމުން ކުރެ ޤައުމެއް ކަމަށާއި އެހެންކަމުން ރާއްޖޭގައިވެސް ބަރަޙަނާ މަންޒަރު އެކުލެވޭ ސައިޓުތައް (ޕޯން ސައިޓުތައް) ބުލޮކް ކުރެވެން ޖެހޭ ކަމަށެވެ.
"ދެން އޮތީ ސައުދީ އަރަބިއްޔާ. ސައުދީގައި ޕޯން އަށް އެސެސް އެއް ނުވެވޭ. ދިވެހިރާއްޖޭގައިވެސް ބުލޮކް ކުރެވެން ޖެހޭނެ." ޝައިހް ޝަފީޢު ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ބަރަޙަނާ ސައިޓުތައް ބުލޮކް ކުރުމަކީ ދީނީ ގޮތުންވެސް އަދި ޤައުމީ ގޮތުންވެސް ކުރަން ޖެހޭ ކަމެއް ކަމުގައި ޝައިހު ޝަފީޢު ވިދާޅުވިއެވެ.
މީގެ އިތުރުން ޝައިހް ޝަފީޢު ވިދާޅުވީ، ހޯމް މިނިސްޓްރީގެ ވެރިއަކަށް ދީނީ އިލްމުވެރިއަކު ހުރުމާއި އެކު ރާއްޖޭގައި ބަރަޙަނާ ސައިޓުތަކަށް ނުވަދެވޭ ގޮތް ވުމަކީ އޭނާ ކުރާ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އަދި އެކަން އެކަން ވީހާވެސް އަވަހަކަށް ހޯމް މިނިސްޓަރު އިމްރާން ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޝައިހް ޝަފީޢު ވިދާޅުވިއެވެ.
ޝައިހް ޝަފީޢު ވަނީ ބަރަޙަނާ ސައިޓުތައް ބުލޮކް ކުރުމަކީ ވެރިންގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމުގައި ވިދާޅުވެ ވީހާވެސް އަަވަހަކަށް ރާއްޖޭގައި ބަރަޙަނާ ސައިޓުތައް ބުލޮކް ކޮށްދިނުމަށް ގޮވާލައިފައެވެ.
ރާއްޖޭގައި ބަރަޙަނާ ސައިޓުތައް ބުލޮކް ކުރުމަކީ ރައީސްގެ މައްޗަށް އޮތް ވާޖިބެއް : ޝައިހް ޝަފީޢު އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ