މެމްބަރު އަލީ ހުސެއިންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރައްޔިތުންގެ މަޖިލީހުގެ ބ. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ކުރި ޓުވީޓަކާ ގުޅިގެން ފުލުހުންގެ ތަހުގީގަށް އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ގާނޫނީ ވަކީލް އަދި މަޖިލިސް މެމްބަރު އަލީ ހުސެއިން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު އަތުލާފައިވާ ކަމަށާއި އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ފުލުހުންގެ ދައުރު ހުރަސްއެޅި ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އޭނާ ވަނީ ވަކީލަކު ހަމަޖެއްސުމަށް ވަގުތު ދިނުމަށް އެދިފަ އެވެ. "އަޅުގަނޑުގެ ފޯނު ވެސް ކޯޓް އަމުރެއްގެ ދަށުން އަތުލާފައި ވަނީ، އެއީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމަށް ބުނެ، އަޅުގަނޑުކުރި ޓުވީޓަކާ ގުޅިގެން،" އަލީ ހުސެއިން ވިދާޅުވި އެވެ. މިމަހު 22 ވަނަ ދުވަހު އޭނާކޮށްފައިވާ ޓުވީޓުގައި ބުނެފައި ވަނީ ނުހައްގުން ފުލުހަކު މީހެއްގެ ގައިގައި އަތްލައިފި ނަމަ އެމީހެއްގެ އަމިއްލަ ނަފްސުގެ ދިފާއުގައި ކޮންމެ މީހަކަށް ވެސް ފުލުހެއްގެ ގައިގައި އަތްލުމުގެ ހައްގުލިބިގެންވާ ކަމަށެވެ. އަންނަ ހަފްތާގައި ބަޔާން ދިނުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަލީ ހުސެއިންއަށް ވަނީ އަންގައިފަ އެވެ. ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ އަލީ ހުސެއިންއަކީ ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރާ މެމްބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ