ރައީސް މުއިއްޒަކީ ރައީސް ޔާމީންދެކެ އެންމެ ލޯބިވާ އެއް ބޭފުޅާ، އެކަމެއް ބަދަލެއް ނުވާނެ: ސައީދު

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެކެ އެންމެ ލޯބިފުޅުވާ އެއް ބޭފުޅާ ކަމަށާއި އެކަމެއް ބަދަލެއް ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޔާމީން ސަރުކާރުގައިވެސް އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
”…ރައީސް ޔާމީނަށް އޮންނަންވާ ފުރިހަމަ އިހުތިރާމު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިއްޕުޅުގައި އަބަދުވެސް އޮވޭ. އޮންނާނެ. އެއެއްޗެއް ބަދަލެއްވެސް ނުވާނެ. ރައީސް މުއިއްޒަކީ ރައީސް ޔާމީނަށް އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންފުޅުވާ އެންމެ ރައީސް ޔާމީން އަރިހުގައި ހުންނަން ބޭނުންފުޅުވާނެ އެއް ބޭފުޅަކު. އެހެންވީމާ ރައީސް މުއިއްޒުގެ ހިތްޕުޅުގައި ރައީސް ޔާމީނާއި ދޭތެރޭގައި އެއްވެސް ކަހަލަ ހިތް ބުރަ ކަމެއް އޮވެދާނެ ކަމަކަށް އަޅުގަނޑު އަދި ރާއްޖެޓީވީން ތިހެން ބުންޏަސް ގަބޫލެއް ނުކުރާނަން،“ ސައީދު ވިދާޅުވި އެވެ.
ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ސައީދު އިތުރަށް ވިދާޅުވީ، ރައީސް ޔާމީނަކީ ވަރަށް ވިސްނުންތެރި ވަރަށް ވިޝަނަރީ ބޭފުޅެއް ކަމަށާއި ސިނަމާލެ ބްރިޖުގެ އެންމެ ބޮޑު ކްރެޑިޓެއް ލިބޭނީވެސް އެ މަނިކުފާނަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ