ބޮޑު ހިޔާނާތް: ރިޔާޒުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަށް ދައުވާކުރަން ޕީޖީއަށް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރު.ސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވޭ ޕޮޕިއުލާ މޯލްޑިވްސްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާ ކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
އޭސީސީން ބުނީ، އެ މައްސަލަ ޕީޖީގެ އޮފީހަށް ފޮނުވީ މިއަދު ކަމަށެވެ.
ޕޮޕިއުލާ މޯލްޑިވްސްއަކީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނީގެ ހިއްސާދާރުންނަކީ ރިޔާޒުގެ ދެ ދަރިންނެވެ.
އޭސީސީން މިއަދު ބުނީ، 2014 ފެބްރުވަރީން 2015 އޮކްޓޫބަރު މަހުގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެސްއޯއެފް އިން ޕޮޕިއުލާ މޯލްޑިވްސްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.
އެގޮތުން 13 ޖުލައި 2015 ގައި އެސްއޯއެފްގެ ޗެކެއް މެދުވެރިކޮށް 150,000 އެމެރިކާ ޑޮލަރު ޕޮޕިއުލާ މޯލްޑިވްސްގެ ބޭންކް އެކައުންޓަކަށް ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ، އެ ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާއިރު އެ ފައިސާގެ އަސްލު އޮޅުވާލައި، ފައިސާއާ ގުޅޭ ހައްގުތައް ސިއްރުކުރުމަށާއި ފައިސާ ލިބުނު ގޮތް އޮޅުވާލުމަށް ޕޮޕިއުލާ މޯލްޑިވްސް އިން މަސައްކަތްކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
އޭގެ އިތުރުން ބޮޑު ހިޔާނާތުގެ ތެރެއިން ތ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ އޮޅުގިރި ކުރީގެ ސަރުކާރުގައި ޕޮޕިއުލާ މޯލްޑިވްސްއަށް ދީފައިވެ އެވެ. އޭސީސީން ބުނާ ގޮތުގައި އެ ރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ތަހުގީގަށް ވަނީ ހޯދިފަ އެވެ.
އޭސީސީން އިތުރަށް ބުނީ، މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ދައުވާ ކަމަށެވެ.
އަދި ޕޮޕިއުލާ މޯލްޑިވްސްއިން ހޯދާފައިވާ 150,000 އެމެރިކާ ޑޮލަރު، އެ ދައުވާގެ ތެރެއިން ހޯދުމަށްވެސް އެދިފައިވާނެ ކަމަށް ބުނެފައިވެ އެވެ.
އޭސީސީން ބުނީ، އޮޅުގިރި ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ހަދާފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ރަށުގައި ރިޒޯޓެއް ހަދައި ތަރައްގީ ކުރަންވާނެ ކަމަށާއި އެ ކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިހުތިޔާރާއި އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ދީފައިވާ ކަމަށް ބަޔާންކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ޕޮޕިއުލާ މޯލްޑިވްސްއަށް މަތިކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިނުވާތީ، އޮޅުގިރި ދައުލަތަށް އަނބުރާ ނެގުމަށް ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވުމަށްވެސް ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ