ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މުޖުތަމަޢު ބިނާކުރުމުގައި މައިން އަދާކުރައްވާ މުހިންމު ދައުރުގެ އަގުވަޒަންކުރައްވައި ތަޢުރީފު ކުރައްވައިފި

މުޖުތަމަޢު ބައްޓަންކޮށް ބިނާކުރުމުގައި ޤައުމީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގައި މައިން އަދާކުރައްވާ މުހިންމު ދައުރުގެ އަގުވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު، މައިންނަށް ތަޢުރީފުކުރައްވައިފިއެވެ.
މަންމައިންގެ ދުވަހާ ގުޅިގެން 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ޤައުމު ބިނާކުރުމުގައި މައިން އަދާކުރައްވާ މައިގަނޑު ދައުރު އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ކުރިމަގުގެ ބިންގާ އެޅުމަށްޓަކައި ދިވެހި މައިން ދެއްވާ އަޅާލުމާއި، ވެވަޑައިގަންނަވާ ކޮންމެ ޤުރުބާނީއަކާއި، އުނގަންނައިދެއްވާ ކޮންމެ ފިލާވަޅަކަށް އެކަމަނާ ވަނީ ސާބަސްދެއްވާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި މައިންނަށް އެކަމަނާގެ އިޚްލާޞްތެރި ޝުކުރު އަދާކުރައްވަމުން، މައިންގެ ކިބައިގައިވާ ހިތްވަރާއި، އޯގާތެރިކަން، އަދި ނުގުޑާފަދަ ސާބިތުކަމަކީ އާއިލާތަކާއި މުޖުތަމަޢުތަކުގެ ހަމަޖެހުމުގެ ފަހަތުގައިވާ އެންމެ ބޮޑު ބާރުކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސިފަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ