ހުޅަނގު މޫސުން ފެށިއްޖެ، މޫސުމަށް ސަމާލުވޭ!

ރާއްޖޭ ސަރަހައްދަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު ފުރަތަމަ ކުރަން ފަށާފައިވަނީ ދެކުނުގެ ސަރަޙައްދުތަކަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ މޫސުން ބެހިފައިވާގޮތުން މީލާދީ ގޮތުން ބަލާނަމަ، އިރުވައި މޫސުން ދިމާވަނީ ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް ކަމަށެވެ. އަދި ހުޅަނގު މޫސުމަކީ، މެއި މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކަަމަށެވެ.
ރާއްޖޭގެ ބައެއް ސަރަހައްދަށް މިހާރު ހުޅަނގު މޫސުން ފެށިފައިވާއިރު، އާންމު ގޮތެއްގައި ހުޅަނގު މޫސުމުގެ އަސަރު ކުރަން ފަށަނީ ދެކުނުގެ ސަރަހައްދަށް ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. މިމަހުގެ 8ވަނަ ދުވަހު ދެކުނަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. ދެކުނުގެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ވިއްސާރަ ފެށިފައިވާއިރު މިމަހުގެ 13ވަނަ ދުވަހާއި ހަމައަށް ދެކުނާއި މެދުރާއްޖެތެރެއަށް ވައިގަދަވެ ވިއްސާރަކުރާނެ ކަމަށް މެޓްއޮފީހުން ވަނީ ލަފާކޮށްފައެވެ.
މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގައި ދެކުނަށް ހުޅަނގު މޫސުމުގެ އަސަރުކުރަން ފަށާކަމަށް އެއިދާރާއިން ވަނީ ފާހަގަކޮށްފައެވެ. އަދި އޭގެ ފަހުން މެދުރާއްޖެތެރެއަށް ހުޅަނގު މޫސުން ފެށި މެއި މަހުގެ ނިޔަލަށް މުޅި ރާއްޖެއަށް ވިއްސާރަ ކުރަން ފަށާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
ހުޅަނގު މޫސުން ފެށުނު ކަމަށް މެޓް އޮފީހުން ބަލާ ޚާއްސަ މިންގަނޑުތައް ހުރެއެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ ފެށުނު ކަމަށް ބަލަނީ މޭ 1ގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށްވުރެ އިތުރަށް ވާރޭ ވެހުމުންނެވެ. ވަޔަށް ބަލާއިރު، ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރަށް ވައިޖެހުމާއި މި ހާލަތު ދެ ދުވަހަށް ނުވަތަ އެއަށްވުރެ އިތުރަށް ދެމިގެންދިޔުމުން ހުޅަނގު މޫސުން ފެށުނު ކަމަށް ބަލައެވެ. މި ދެ ހާލަތު ދެކުނުގެ އަތޮޅުގެ ސްޓޭޝަންތަކުން ވިދިވިގެން ދެ ދުވަހަށް ރެކޯޑް ކުރެވިއްޖެ ނަމަ ރާއްޖެއަށް ހުޅަނގު މޫސުން ފެށުނު ކަމަށް ނިންމައެވެ.
މި ދުވަސްވަރު ރާއްޖެއަށް ވައިގަދަވެ ވިއްސާރަ ކުރާނެތީ ރާއްކޭތެރިކަމަގެ ފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދެއްވާފައެވެ. އެގޮތުން ވިއްސާރައިގެ ފެންބޮޑުވެދާނެ ކަމަށް ބަލާ ތައްޔާރުވުމާއި ވައިގަދަވާ ހާލަތުގައި އެއްލާލާނެ ފަދަ ތަކެތި ވައު ބޭނުންކޮށް އައްސާފައި ބެހެއްޓުމަށް އިދާރާތަކުން އިރުޝާދު ދެއެވެ. މީގެ އިތުރުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ