ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ތަރައްގީކުރަމުންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް (އެފްއާރުސީ) އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމައި، ކޮންމެ ރަށެއްގައި ޒަމާނީ ފިޓްނަސް ވަސީލަތްތައް ގާއިމުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
"ދަ ޕަލްސް" ގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުޅިވަރާއި މުނިފޫހިފިލުވުމުގެ އިންފްރާސްޓްރަކްޗާ ރަނގަޅުކޮށް، ޒުވާނުންނަށް ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިމުމުން، ރާއްޖޭގެ އެއްވެސް ރަށެއް ބާކީނުވެ، ހުރިހާ ރަށެއްގައި ޒަމާނީ ފިޓްނަސް ސެންޓަރުތަކުގެ ހިދުމަތް ލިބޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަށްރަށުގައި ގާއިމުކުރާ ސެންޓަރުތަކުގެ އިތުރުން، ކުޅިވަރު ތަރައްގީ ކުރުމުގެ ބޮޑެތި މަޝްރޫއުތަކެއް ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ. އޭގެ ތެރޭގައި ސަލްޓަން ޕާކާއި ހުޅުމާލޭގައި ގާއިމުކުރާ އިންޑޯ ގޭމިން ސެންޓަރުތަކާއި، ރޭސިން އަދި ޑްރިފްޓިން ޓްރެކެއްގެ އިތުރުން ހުޅުމާލޭގައި ތަރައްގީކުރާ ޒަމާނީ ގޯ-ކާޓް އެރީނާ ހިމެނެއެވެ. މި ވަސީލަތްތައް 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
"މަސައްކަތްތައް ކުރިއަށް އެބަދޭ. ބައެއް ރަށްރަށުގެ ވަސީލަތްތައް މިހާރު ވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ނިޔަލަށް ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ހުންނާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، 15 ރަށެއްގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ކޮމްޕްލެކްސްތަކަކީ ގާތްގަނޑަކަށް 1،200 ބެލުންތެރިންގެ ޖާގަ ހިމެނޭ ގޮތަށް، ކުޅިވަރު މުބާރާތްތަކާއި އިޖުތިމާއީ ހަރަކާތްތަކަށް ހާއްސަކޮށްގެން ބިނާކުރާ ތަންތަނެވެ. އަދި މާލެ ސަރަހައްދުން ބޭރުގެ ރަށްރަށުގައި ވެސް މިފަދަ ވަސީލަތްތައް ގާއިމުކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހި، އެއްބަސްވުންތައް ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާ އެހެނިހެން މަޝްރޫއުތަކުގެ ތެރޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ސާފިން ސްޓޭޑިއަމަކާއި، ހުޅުމާލޭގައި ގާއިމުކުރާ އިންޑޯ ބޯލިން އެރީނާއެއްގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގެ ފުޓްސަލް އަދި ނެޓްބޯޅަ ސްޓޭޑިއަމްތައް ހިމެނެއެވެ. މި ހުރިހާ މަޝްރޫއުތަކަކީ ރާއްޖޭގެ ޒުވާނުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ ރެކޯޑް މިންވަރެއްގެ އިންވެސްޓްމަންޓްތަކެއް ކަމަށް ސަރުކާރުން ބުނެއެވެ.
އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރެވޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ