އެމްޑީޕީއަކީ ވަކި މީހެއްގެ ގުރުބާނީން އުފައްވި ޕާޓީއެއް ނޫން ކަމަށާއި އެއީ ވަކި މީހެއްގެ ގުރުބާނީއެއް ކަމަށް ސިފަކުރުމަކީ ޕާޓީ އުފައްދަން އެތައް ގުރުބާނީއެއްވި އެހެން މީހުންނަށް ބުނެވޭ ކުޑައިމީސް ބަހެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިވަގުތު ހުސްކޮށް އޮތް އެމްޑީޕީގެ ޗެއާޕާސަން ކަމަށް މީކާއިލުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަ އެވެ. ދެ ފެކްޝަނަކަށް ބެހިފައި އޮތް އެމްޑީޕީގައި މި އިންތިހާބުގެ ފޯރި ވަނީ ގަދަވެފަ އެވެ.
އެ ޕާޓީގެ ކުރީގެ ރައީސްކަން ވެސް ކުރެއްވި ނަޝީދަށް އެ މަގާމު ދޭން ޖެހޭ ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރައްވަނީ، އެ ޕާޓީ ވުޖޫދުވީންސުރެ ޕާޓީއަށް ބޮޑެތި ގުރުބާނީތަކެއް ވެފައިވާ ބޭފުޅަކަށް ވާތީ ކަމަށެވެ. ނަޝީދު މި ފަހުން ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއްގެ ވާހަކަ އެންމެ ފުރަތަމަ ރާއްޖޭގައި ދެއްކެވީ އެ މަނިކުފާނެވެ. ރައްޔިތުންނަށްޓަކައި އެންމެ ގިނަ ލޭ އޮހޮރިފައިވާނީ ވެސް އެމަނިކުފާނުގެ ގައިން ކަމަށް ވިދާޅުވި އެވެ.
ތަފްސީލް - އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލްގެ ކެމްޕޭން ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވާހަކަތަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މީކާއިލް ވިދާޅުވީ، އެއީ އެންމެ މީހެއްގެ ޕާޓީއެއް ނޫން ކަމަށެވެ. ޕާޓީ ވުޖޫދުކުރަން ގުރުބާން ވެފައިވަނީ ވެސް އެންމެ މީހަކު ނޫން ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ ޕާޓީއަށްޓަކައި ނަޝީދު ކޮށްދެއްވި ހިދުމަތް ބަލައިގަންނަ ކަމަށެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މި ޕާޓީ އުފެއްދެވުމަށް ގުރުބާންވެވަޑައިގެންނެވީ އެންމެ ބޭފުޅެއް ކަމަކަށް. ވަރަށް ގިނަ މީހުންގެ ވަރަށް ގިނަ ގުރުބާނީއަށް ފަހު ރާއްޖެއަށް އައި ނިޒާމެއް، މިނިވަން ސިޔާސީ ޕާޓީތަކުގެ ނިޒާމު [މިއީ]. ސިޔާސީ ޕާޓީތަކަށް އިންތިހާބުތަކުގައި ވާދަކޮށް ކެންޑިޑޭޓުން ލީޑުކޮށް، ސިޔާސީ މައިދާނުގައި ފައިހަމަކޮށްލަން ލިބުނީ ވަރަށް ގިނަ ބައެއްގެ ގުރުބާނީން،" މީކާއިލް ވިދާޅުވި އެވެ.
އެމްޑީޕީއަށް ގުރުބާންވި މީހުންގެ ގޮތުގައި، ޕާޓީގެ އެއް ފައުންޑަރު މުހައްމަދު ލަތީފު (ގޯގޯ ލަތީފު) އާއި 2003ގައި އަނިޔާކޮށް މަރާލި، އީވާން ނަސީމުގެ މަންމަގެ މަސައްކަތް މީކާއިލް ފާހަގަކުރެއްވި އެވެ.
އެ މީހުންގެ ގުރުބާނީތަކުގެ ވާހަކަ ދެއްކުން މަދުކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެކަންކަން ބާއްވާފައި، އެމްޑީޕީއަކީ، އެންމެ މީހެއްގެ ގުރުބާނީއެއްގެ ގޮތުގައި ސިފަކުރުމަކީ އެމީހުންނަށް ބުނެވޭ ކުޑައިމީސް ބަހެއް ކަމަށެވެ.
"މިހާ ގިނަ ގުރުބާންވި ޕާޓީއެއްގައި އަޅުގަނޑަށް ހީވަނީ އެބައި މީހުންނަށް ބުނެވޭ ކުޑައިމީސް ބަހެއްހެން މިއީ ކޮންމެވެސް އެކެއްގެ، އެއް ފަރުދެއްގެ ގޮތަށް ސިފަކުރީމާ. އަޅުގަނޑަށް ހީވަނީ ވަރަށް ބޮޑު ބޭއިންސާފެއް ހެން،" މީކާއިލް ވިދާޅުވި އެވެ.
ނަޝީދަށް ބޮޑެތި ފާޑުކިއުންތަކެއް ވެސް އަމާޒުކުރެއްވި އެވެ. އެގޮތުން ރިޔާސީ އިންތިހާބަށްޓަކައި ޗެއާޕާސަންކަން ހޯދަން އުޅުއްވާތީ އާއި 2028ގައި ސަރުކާރު އެކުލަވާލާނެ ގޮތުގެ ޕްލޭންތައް ނަޝީދު ހުށަހަޅުއްވަމުންދާތީ އެކަމަށް ވެސް މީކާއިލް ފާޑުވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ:
މިއީ ރިޔާސީ އިންތިހާބުގެ ޕްރައިމަރީއެއް ނޫން؛ މިވަގުތު ދައްކަންވީ ބޮޑުވަޒީރާއި ރައީސްގެ ވާހަކައެއް ނޫން
މިވަގުތު ދައްކަންވީ 2023ގެ ރިޔާސީ އިންތިހާބު ގެއްލެން ދިމާވީ ކަންކަމުގެ ވާހަކަ އާއި އެ ހާލަތުން ޕާޓީ އަރައިގަންނަން ކުރެވިދާނެ ކަންކަމުގެ ވާހަކަ
2023ގެ އިންތިހާބާ ދިމާކޮށް، ޕާޓީން ވަކިވެގަނެގެން އެހެން ޕާޓީއެއް އުފައްދައި އިދިކޮޅާ ބައިތު ހިފައި މި ސަރުކާރު ގެންނަން ރައީސް މުހައްމަދު މުއިއްޒަށް ވާދަވެރިވީ ނަޝީދު ފެކްޝަނުން ކަމަށް ސިފަކުރެއްވި
އެކަން ކުރީ ނޭނގިގެން ވިޔަސް، ނޫނީ އެނގި ތިބެ ކަމަށް ވިޔަސް، އެދުވަހު އެ ބޭފުޅުން އިސްކުރެއްވީ ޕާޓީގެ މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތު
އެމްޑީޕީން އެންމެ ބޮޑަށް ބޭނުންވަނީ ބަހުގެ އިތުބާރު އޮންނަ ޗެއާޕާސަންނެއް ކަމަށާއި އެ އިތުބާރު ނަޝީދަށް ނެތް ކަމަށް ވިދާޅުވި
އެމްޑީޕީއަށް ގުރުބާންވީ އެންމެ މީހެއް ނޫން، އެހެން ބުނުމަކީ ކުޑައިމީސް ބަހެއް: މީކާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ