ކިލޯއަކަށްވުރެ ގިނަ ޑުރަގާއެކު ދިވެއްސަކާއި ބިދޭސީއެއް ބަންދަށް
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި، އެ ތަކެތި ޕެކްކުރަން ގެންގުޅޭ ސާމާނުތަކާއެކު، ދިވެހި ފިރިހެނަކާއި ބިދޭސީ ފިރިހެނަކު މާލޭން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، އެ ދެ މީހުން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރީ، ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކުރީ 29 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 35 އަހަރުގެ ދިވެއްސެކެވެ. ކޯޓު އަމުރުގައިވާ ގޮތުން، 1.03 ގުރާމުގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ކިރަން ބޭނުންކުރާ ކައްޓާއާއި އެ ތަކެތި ޕެކްކުރަން ބޭނުންކުރާ ސާމާނު ފެނިފައިވަނީ ބިދޭސީ މީހާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުންނެވެ. އަދި މަސްތުވާތަކެތި ފެނުނު އެޕާޓްމަންޓަކީ، މި މައްސަލައިގައި ހައްޔަރުކުރި ދިވެހި މީހާ އާ ގުޅުމެއް ހުރި ތަނެއް ކަމަށް ބެލެވޭ ކަމަށާއި، އެ އެޕާޓްމަންޓުން ފެނުނު ދަބަހެއް ހުޅުވީ އެ މީހާގެ ތަޅުދަނޑިން ކަމަށް، ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައިވެއެވެ. މައްސަލަ ބެއްލެވި ގާޟީ ޞަފްޢަތު ޙަބީބް ވަނީ، މައްސަލައިގެ ދެން އޮންނަ އަޑުއެހުމުގެ ކުރިން، ހައްޔަރުކުރި ބިދޭސީ މީހާއަކީ ގާނޫނާ އެއްގޮތަށް ރާއްޖޭގައި މަސައްކަތްކުރާ ފަރާތެއްކަން ކަށަވަރުކުރުމަށް އަމުރު ކުރައްވައިފައެވެ. މި މައްސަލައިގައި ހައްޔަރުކުރި ދިވެހި މީހާގެ ބަންދަށް 10 ދުވަސް، އަދި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ