ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަށް ވަގު ފޯމު ފުރައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާ މައްސަލަތައް އިތުރުވެފައިވަނިކޮށް އީސީގެ އޮންލައިން ޕޯޓަލެއްގެ ތެރެއިން އީފާސް ބޭނުންކޮށްގެން ނޫން ގޮތަކަށް ޕާޓީތަކަށް މެންބަރުން ނުވެއްދޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ.
އީސީ އިން މިއަދު ގެޒެޓުކޮށް ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް އިސްލާހު ގައި ބުނެފައިވަނީ މީގެ ފަހުން އަލަށް ޕާޓީއެއް އުފައްދަން ހުށަހަޅާ 3،000 މީހުންގެ ފޯމާއި މިހާރު ހުރި ޕާޓީތަކަށް މެންބަރުން އިތުރުކުރަން ފޯމު ހުށަހެޅޭނީ 'ސިމެދަ' ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
އީފާސް މެދުވެރިކޮށް 'ސިމެދަ' ޕޯޓަލްއިން ޕާޓީއަކަށް މީހަކު ވެއްދުމުން އެ މީހާ ޕާޓީގެ ދަފުތަރުގައި ހިމެނުމުގެ ކުރިން ޝަކުވާއެއް އޮތްތޯ ބެލުމަށް އީސީއިން އިއުލާނުކުރަން ވެސް އަލަށް ގެނައި އިސްލާހާއެކު މަޖުބޫރުވާނެ އެވެ.
އޮންލައިންކޮށް ހުށަހަޅާ ފޯމުތައް ޕާޓީތަކުން 10 އަހަރުގެ މުއްދަތަކަށް ބެލެހެއްޓުމަށް ވެސް ގަވާއިދުގެ ދަށުން ވަނީ މަޖުބޫރުކޮށްފަ އެވެ.
ވަގު ފޯމުތައް ފުރައިގެން އާންމުން ޕީއެންސީއަށް ވެއްދި މައްސަލައިގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މީގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރަކާއި ފުލުހުންނާއި ސިފައިންގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ މެންބަރުންތަކެއްވެސް ވަގު ފޯމުތައް ފުރައިގެން ޕީއެންސީއަށް ވައްދާފައިވެ އެވެ.
ވަގު ފޯމުތަކުގެ މައްސަލައިގައި މި ނޫހާ ވާހަކަ ދެއްކި ޕީއެންސީގެ ބައެއް އިސް އޮފިޝަލުން ބުނީ ވަގަށް ފުރި ފޯމުތަކުގެ އަދަދު އެތައް ހާހަކަށް އަރާނެ ކަމަށެވެ. އަދި އެއީ އިންތިހާއަށް ލަދުވެތިވާ ކަމެއް ކަމަށް ވެސް މި ނޫހާ ވާހަކަ ދެއްކި ބޭފުޅުން ވިދާޅުވި އެވެ.
ވަގު ފޯމުތަކުގެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކި ކުރުމުގެ މައްސަލައެއް އިދިކޮޅު އެމްޑީޕީން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އިހުސާނުގެ މައްސަލަ ހުށަހެޅީ، ފޮޓޯތައް ލީކުވިއިރު، ވަގު ފޯމުގެ މަސައްކަތް ކުރި ތަނުގައި އިހުސާނު ވެސް ހުންނެވުމުންނެވެ.
މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ފުލުހުންވެސް ދަނީ ތަހުގީގުކުރަމުންނެވެ. ފުލުހުންގެ ތަހުގީގުގައި ބަލަނީ ފޯޖަރީގެ މައްސަލަތައް އެކަނި ކަމަށާއި ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާބޭހުން މައުލޫމާތު ވަގަށް ނަގައިގެން ފޯމުތަކެއް ފުރި ކަމަށް ބުނާ މައްސަލަ ފުލުހުން ތަހުގީގު ނުކުރެ އެވެ.
ނަމަވެސް، ޑީއެންއާރުގެ ޑޭޓާ ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން އިތުރުކުރަން އެ ޑިޕާޓްމަންޓުގެ އޮފީހުގައި މަސައްކަތްކުރާ ކަމަށް ޝައްކުކޮށް، އެ މަންޒަރު ފެންނަ އެތައް ފޮޓޯއެއްވެސް ވަނީ ލީކުވެފަ އެވެ. އެ ފޮޓޯތަކުގެ ސައްހަކަން ވެސް ވަނީ ކަށަވަރުވެފަ އެވެ.
އީފާސް މެދުވެރިކޮށް ނޫނީ ޕާޓީތަކަށް މީހުން ނުވެއްދޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި އީފާސް މެދުވެރިކޮށް ނޫނީ ޕާޓީތަކަށް މީހުން ނުވެއްދޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ