ކަލާ ފެނިލުމުން... 45

ޖެހިލުންވިނަމަވެސް ހިތުގައިވާ އިޙްސާސްތައް ފާޅުކޮށްލަން އަފްނާން ބޭނުންވީ ބައްޕަ މިރޭ އޭނާގެ އަޑު އަހާނެކަމުގެ ޔަޤީންކަމާއެކުގައެވެ. އޭނާ ވަނީ ކޮންމެ ގޮތަކުންވެސް އެހިތަށް ތަސައްލީއެއް ބޭނުންވެފައެވެ. އެ ހިތްދަތިކަމާއިި އެ ހައިޖާނުގަނޑަށް ނިމުމެއް ގެންނަން ބޭނުންވެފައެވެ. އެ ދުވަހުން ފަށައިގެން ހިތުގައި އަނދަމުންއެދާ ވޭނީ ގިލަންވެރިކަމުގެ އަސަރުތައް ނިއްވާލަން ބޭނުންވެފައެވެ. ނަޖީބު އިނީ އޭނާ ދައްކާ ވާހަކަ އަޑު އަހަން ކަން އެނގި އަފްނާން އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ. ހަމަ އެހާ މަޑުމަޑުން ޖެހިލުންވުމަކާ އެކުގައެވެ. "އެހެން ކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލާކަށް އަޅުގަނޑު ބޭނުމެއް ނުވޭ ބައްޕާ!. އެއްފަހަރު އަންހެން ކުއްޖެއްގެ އިޙްސާސްތަކާ ކުޅެވިއްޖެ. އެ ކުއްޖާގެ ހިތް ހަލާކުކޮށްލެވިއްޖެ. އެހެންވީމަ... އަޅުގަނޑު….. އަޅުގަނޑު ރައްޔާއާ ކައިވެނިކުރިނަމަވެސް ލޯތްބެއް ނުވެވޭނެ. އަދި ލޯބި ނުވެވޭނަަމަ ރައްޔާއާ މެދު އިހުމާލު ވެވިދާނެތީ ބިރުގަންނަނީ. އަލުން އަންހެން ކުއްޖެއްގެ އިޙްސާސްތަކާ ކުޅޭކަށް ބޭނުމެއް ނޫން. އަޅުގަނޑުގެ އަމިއްލަ އެދުން ބޮޑުކަމުން ލިބުނު ދެރައެއް މީވެސް." އަފްނާން ފުންނޭވާއެއް ދޫކޮށްލީ ނޭވާލާންވެސް ދަތިވެފައި ވާފަދަ ގޮތަކަށެވެ. އެވާހަކަތައް ދެއްކުމަކީ އެއްގޮތަކަށްވެސް އޭނާއަށް ފަސޭހަކަމެއް ނޫނެވެ. އަދި އަމްދުން ދެވަނަ ފަހަރަށް އެފަދަ ކަމަކަށް ދަޢުވަތު އޭނާ ދޭނީ ކިހިނަކުން ހެއްޔެވެ؟ "އެނގޭ… މަންމަ ވަރަށް އުންމީދު ކުރިކަމެއްކަން އެއީ. އެކަމަކުވެސް އެ ހިތްވަރެއް ނެތް…. އައި އެމް ސޮރީ ޑޭޑް… ވަރަށް ވަރަށް ބޮޑަށް ސޮރީ… އެނގޭ މަންމައާއި ބައްޕައަށް ވަރަށް ހާރޓްކުރެވިއްޖެކަން. ވަރަށް ދެރަކުރެވިއްޖެކަން ވެސް އެނގޭ. މީހުންނަށް މަންމައާއި ބައްޕަގެ ތަރުބިއްޔަތަށް އިނގިލި ދިއްކުރެވޭ ފަދަ ކަމެއް އަޅުގަނޑުކުރީ. އެކަން ވެސް ޤަބޫލުކުރަން... ސޮރީ...! އެކަމުގައި އެހެން އެކަކުވެސް ވެސް އަތެއް ނެތް. މަންމައާއި ބައްޕަ އަބަދުވެސް އަޅުގަނޑަށް ދަސްކޮށްދިނީ އެހެން މީހުންގެ އިޙްސާސްތަކަށް ޤަދަރުކުރަން. އައި ހޭވް ލެޓް އޯލް އޮފް ޔޫ ޑައުން... އެކަމަށްޓަކައި ކިތަންމެ ވަރަކަށް މާފަށް އެދުނަސް އަޅުގަނޑަކަށް މާފު ހައްޤެއް ނޫން." އަފްނާން އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރަމުން ދިޔަ މިންވަރު ހިތަށް އަރާފައި ނަޖީބު އަފްނާންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އެ ދަރިފުޅުގެ ވިސްނުން އެނގުމުން އެހިތަށް ކުރި އަސަރާއެކު ނަޖީބަށް ރިސާމާއަށް ވެސް އަވަސް ނަޒަރެއް ދެވުނެވެ. އޭރު ރިސާމާވެސް އިނީ ހަމަ އެފަދަ ނަޒަރަކުން އޭނާއަށް ބަލަހައްޓައިގެންނެވެ. "ކުށެއް ކޮށްފައި ކުށް ޤަބޫލުކޮށް، އިސްލާހުކުރުމަކީވެސް މުހިންމުކަމެއް. އެކަމަކު ދަރިފުޅު މާ ލަސްވީ. ކުށުގެ އިޙްސާސްކުރެވުނު އިރު އެ އަންހެން ކުއްޖާގެ ޙަޔާތުން ދެ އަހަރު ގެއްލިއްޖެ." ނަޖީބު ވާހަކަ ދެއްކިއެވެ. "ބައްޕާ…" އަފްނާން އިތުރަށް ވާހަކަ ދައްކަން އުޅުނު ނަމަވެސް، ނަޖީބު އެކަމަށް ހުރަސް އެޅީ އަދި އޭނާގެ ވާހަކަ ނުނިމެޔޭ ބުނާފަދައަކުންނެވެ. "ދަރިފުޅާ." ނަޖީބު އިޝާރާތްކޮށްލީ މަޑުކުރުމަށެވެ. "އެނގޭ އެރޭގެ އެކްސިޑެންޓުގައި ދަރިފުޅުގެ އަތެއް ނުވާކަން. އެކަމަކު އެރޭ އެ އެކްސިޑެންޓު ނުވި ނަމަވެސް، އެ ކުއްޖާ ކިހާ ޓްރޮމަޓައިޒް ވާނެ. ކިހާ ދެރަވާނެ. އަފޫ ގެއްލުވާލީ އޭނަ އަފޫއަށް ކުރި އިތުބާރު. ކޮޅުފައިން ޖެހީ އޭނަ އަފޫ ދެކެ ވީ ލޯބީގަ. ދުވަހަކުވެސް މީހަކަށް އިތުބާރު ކުރާނީ ކިހިނެއް؟ ހިތުގައި ލާ ޒަޚަމަކީ އެހާ ފަސޭހައިން ފަސޭހަ ވާއެއްޗެއް ނޫން. ގެއްލިއްޖެ އިތުބާރަކީ ހޯދަން އެހާ ފަސޭހައެއްޗެއް ވެސް ނޫން. ވީއިރު އެ އަންހެން ކުއްޖާއަށް އަފޫއަށް މާފު ކުރުމަކީ ފަސޭހަކަމަށް ނުވާނެ." ނަޖީބު އަފްނާންއަަށް ވިސްނައިދިނީ މަޑުމައިތިރިކޮށެވެ. އަފްނާން އެއްޗެއް ނުބުނެ އިންނަން ފެށުމުން، ނަޖީބު އޭނާގެ ކޮނޑުގައި ޖަހާލާފައި ތެދުވެގެން ހިނގައިގަތީ އެހާ ލަސްވަންދެން އެތަނުގައި ނީންނަން ބުނެފައެވެ. އޭނާގެ ފަހަތުން ރިސާމާވެސް ތެދުވިއެވެ. އޭނާ އަފްނާންއަށް ބަލައިލާފައި އެއްޗެއް ނުބުނި ނަމަވެސް، އަފްނާންއާ މެދު ކަންބޮޑުވެފައިވާ މިންވަރު އޭނާގެ މޫނުމަތީގެ އަސަރުތަކުން އެކަނިވެސް ދޭހަވަމުން ދިޔައެވެ. ރިސާމާއާއި ނަޖީބާ ދެމީހުން ދިޔުމުން، އަފްނާން ތެދުވެގެން ގޮސް ރެއިލިންގެ ކައިރީގައި ހުއްޓުނެވެ. އޭނާ ރެއިލިންގައި ބުރަކަށި ޖައްސާލިއެވެ. އަދި ފޯނު ނަގާ އޭގެން ކުރީގެ ފޮޓޯތައް ބަލަން ފެށިއެވެ. މައުވާއާއި ޒާޔާއާއި ޔޫޝައުއާ އެންމެން އެކުގައި ނަގާފައި ހުރި ފޮޓޯތައް ބަލަމުން ދިޔަ ވަރަކަށް މާޒީގެ ހަނދާންތައް އޭނާއަށް ވެރިވަމުން ދިޔައެވެ. މައުވާގެ މޫނާ ދިމާލުން ފޯނުގައި އަތުން ފިރުމައިލެވުނު އަފްނާން ފުންނޭވާއެއް ދޫކޮށްލިއެވެ. މައުވާއާ ދުރުގައި އޭނާއަށް ހުރެވެނީއެއް ނޫނެވެ. ބައްޕަ ބުނިހެން މައުވާގެ މާފު އެހާ ފަސޭހައިން ނުލިބޭނެކަން ވެސް އެނގެއެވެ. އެހެންނަމަވެސް އެހެން މީހެއްގެ ދުލުން އެ ބަސްތައް ބުނެލި އަޑު އިވުމުން ވަކީން ބޮޑަށް އޭނާގެ ހިތުގައި ޖެހުނެވެ. އެގޮތުގައި ވިސްނުންތަކުގައި އޭނާއަށް އެތަކެއް އިރަކު އެތަނުގައި ހުރެވުނެވެ. ސިހުން ގެނުވީ ފޯނު ރިންގުގެ އަޑާއެކުގައެވެ. ގޮނޑިމަތީގައި އޮތް ފޯނަށް ބަލައިލުމަށްފަހު، އަފްނާން ގޮސް ފޯނު ނަގާ ބަލައިލިއެވެ. ގުޅީ ރައްޔާއެވެ. އިރުކޮޅަކު އެ ނަމަށް ބަލަން ހުރުމަށްފަހު، ފޯނު ކަނޑާލުމާއެކު އޭނާ ފޯނު ޖީބަށް ލީ އިރު އެ މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވާން ފަށައިފިއެވެ. އޭނާގެ ހަނދާންތަކަށް ނިމުން އައީ ރައްޔާގެ ފޯނު ކޯލުގެ ސަބަބުންކަމަށް ވާތީއެވެ. އަދި މިވަގުތު އޭނާ ހުރީ އެއްވެސް މީހަކާ ވާހަކަ ދައްކާ ކަހަލަ މޫޑެއްގައެއް ވެސް ނޫނެވެ. ***** ރައްޔާގެ ހިތުގައި އަފްނާންއާ މެދުވާ އިޙްސާސްތަކުގެ މައްޗަށް ބާރު ފޯރާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ގުޅިޔަސް އަފްނާންއެއް ފޯނެއް ނުނަގައެވެ. އެކަމުގެ ސަަބަބުން އޭނާގެ ހިތް މާޔޫސްވަމުން ދިޔައެވެ. އަފްނާން ވަގުތު ކޮޅެއް ބޭނުންވެޔޭ ބުނި ވާހަކަ ރިސާމާ އޭނާގެ މަންމަ ރައިހާނާ ކައިރީގައި ބުނެފައިވީނަމަވެސް، މިހާރު ކޮން ދުވަހެއް ހެއްޔެވެ؟ ކޮންމެވެސް ޖަވާބެއް ދޭން ވެއްޖެ ނޫން ހެއްޔެވެ؟ އަފްނާންއަށް އޭނާ ކަމުނުދަންޏާވެސް ބުނަންވީ ނޫން ހެއްޔެވެ؟ އިންތިޒާރުގައި އޭނާ ބަހައްޓަންވީ ކީއްވެގެން ހެއްޔެވެ؟ ސީދާ ސީދަލަށް ޖަވާބު ދިނުން އަފްނާންމެންނަށް ހަމަ އެހާ އުނދަހުލީ ހެއްޔެވެ؟ އެހިތް އިތުރަށް ތަޅުވައިގެން އަފްނާންއަށް ލިބޭނީ ވަކި ކޮން މޮޅެއް ހެއްޔެވެ؟ ގޭގެ ބެލްކަނީގައި ކޮފީއެއް ބޯން ހުރި، ރައްޔާއަށް ވިސްނެނީ އަފްނާންއާ މެދުގައެވެ. އަފްނާންއަށްޓަކައި އޭނާގެ ހިތުގައިވާ ފުން ޖަޒުބާތުތަކާ މެދުގައެވެ. އޭނާ އަފްނާން ދެކެވާ ލޯތްބާ މެދުގައެވެ. އަދި އަފްނާންގެ ފަރާތުން އޭނާއަށް ކުޑަ ވެސް ސަމާލުކަމެއް ނުފެންނާތީ އެކަމާ މެދުގައެވެ. އަނެއްކާ އަފްނާންގެ ޙަޔާތުގައި އެހެން އަންހެން ކުއްޖަކު ވަނީ ހެއްޔެވެ؟ އޭނާއާ ގުޅެން ބޭނުންނުވާ ސަބަބަކީ އެއީ ހެއްޔެވެ؟ އެހެން ހިތަށް އެރުމުން ރައްޔާގެ ހިތުގައި ރިއްސައިލިއެވެ. އަފްނާންއަށްޓަކައި އެހިތުގައިވާ ލޯބި އޭނާ ފޮރުވައިގެން ހުންނާނީ ކިހިނަކުން ހެއްޔެވެ؟ އަފްނާން އޭނާގެ ލޯތްބަށް ޤަދަރުކުރާނެ ނަމައެވެ. އޭނާގެ ހިތުގެ ޙާލު ވަޒަންކޮށްލާނެ ނަމައެވެ. ފޯނުން އަނެއްކާވެސް އަފްނާންގެ ނަންބަރަށް ޑައިލްކޮށްލަން އުޅެފައިވެސް ރައްޔާ މަޑުޖެހުނެވެ. ކޮފީ ތަށި ތުމުގައި ޖެހުމަށްފަހު، ފޯނު ބެލްކަނީ ފާރުމަތީގައި ބޭއްވިއެވެ. އަފްނާން މިރޭވެސް އޭނާ ގުޅުމުން ފޯނު ބިޒީކޮށްލީއެވެ. ދެން އޭނާ ހަދާނީ ކިހިނަކުން ހެއްޔެވެ؟ އަފްނާންގެ ހިތުގައި އޮތް އެއްޗެއް އެނގޭނީވެސް، އޭނާއާ އެކަމާ ބެހޭގޮތުން ވާހަކަ ދެއްކުމުން ނޫން ހެއްޔެވެ؟ ***** ދެދުވަސް ފަހެވެ. ދަންވަރު ޑިއުޓީ ކޮށްފައި، ހެނދުނު އަޒްލަފް ގެއަށް އައިސް ވަތްއިރު، ބޮޑުކޮޓަރީގައި، ރިސާމާއާއި ނަޖީބު ތިއްބެވެ. ސޯފާތަކުގެ ކުރިމަތީގައި ހުންނަ ކުޑަ ބިއްލޫރި މޭޒު ދޮށުގައި ފޯނު ހިފައްޓާލައިގެން ކާޕެޓުމަތީގައި އިށީނދެގެން އިން އާއިން ދިޔައީ ވީޑިއޯ ކޯލުކޮށްގެން ކޮންމެވެސް މީހަކާ ވާހަކަ ދައްކަމުންނެވެ. އަޒްލަފް އެ ދިމާލަށް ދިޔުމާއެކު، އާއިންގެ ލޮލުގައި އޭނާ އަޅައިގަތެވެ. "ޑެޑީ… " އެއާއެކު ފޯނު ބާއްވާފައި އާއިން ގޮސް އަޒްލަފްގެ ގައިގައި ބައްދައިގަތެވެ. "ދަރިފުޅު…" ރިސާމާ އާއިންއަށް ގޮވައިލިއެވެ. "ކޮން ކުއްޖަކާތަ ޑެޑީގެ ޕްރިންސް މި ވާހަކަ ދައްކަނީ؟" އަޒްލަފް، އާއިން އުރާލަމުން ކޮލުގައި ހިފައިލިއިރުވެސް އެއީ ޝައުފާއަށް ވާނެޔޭ އޭނާގެ ހިތް ބުންޏެވެ. ވީވެސް އެހެންނެވެ. "މަންމިއާ..." އާއިން ބުނީ އޭނާ ވާހަކަ ދައްކަމުން ދިޔައީ ޝައުފާއާ ކަމުގައެވެ. "އެހެންވީމަ ދެން ދޭ އަވަހަށް މަންމީ އާ ވާހަކަ ދައްކަން. " އަޒްލަފް އާއިން ތިރީގައި ބެހެއްޓިއެވެ. އަދި ފޯނު ހިފައްޓައިގެން އިން ރިސާމާ ގާތަށް ދިޔުމަށް އެދުނެވެ. "ޑެޑީ ޓޯކް ނުކުރާނެތަ؟" އާއިން އަޒްލަފްއަށް ބަލައިލަމުން ސުވާލުކޮށްލިއިރު، އެ ތުންފަތްމަތީގައިވަނީ ހިނިތުންވުމެކެވެ. އަޒްލަފްއަށްވެސް އާއިންގެ އުންމީދުތަކުގައި ކޮޅުފައިން ޖަހަން ނުކެރިފައި އެއްޗެއް ބުނަންނޭނގިފައި ހުރެވުނީ އާއިންގެ މޫނުމަތީން ފެނުނު އުންމީދުގެ ކުލަވަރުންނެވެ. ކޮންމެހެން ވާހަކަ ދައްކަން ޖެހިއްޖެ ޙާލަތެއްގައި ނޫނީ އަޒްލަފް ޝައުފާއާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ. އޭނާގެ ނަސީބު ކަންނޭނގެއެވެ. އެ ހިނދުކޮޅު އޭނާއަށް ފޯނެއް އައެވެ. "ޑެޑީއަށް ވެސް ގުޅައިފި ކޮންމެވެސް ކުއްޖެއް. އާއިން މަންމި އާ ޓޯކްކޮށްލަބަ މިގަޑީ. ޑޭޑީ ފަހުން ޓޯކްކުރާނީ؟ އޯކޭ؟ ހެޕީ؟" އަޒްލަފް ހީނލަމުން ބުނެލިއެވެ. "ޔެސް." އެހެން ބުނެލާފައި އާއިން ދުވެލާފައި ގޮސް ރިސާމާ އަތުން ފޯނު އަތުލަމުން، ޝައުފާއާ ވާހަކަ ދައްކަން ފެށިއެވެ. ފޯނުން ވާހަަކަ ދައްކަމުން ދިޔަ އަޒްލަފް އޭރުވެސް ހުރީ އާއިންއަށް ބަަލަހައްޓައިގެންނެވެ. ކޯލު ނިންމާލާފައި އޭނާ ގޮސް ސޯފާގައި އިށީނދެލިއެވެ. "ކޮބާ އަފޫ؟ ކޮލެޖަށް ދިޔަތަ މިއަދު؟" ނަޖީބު ރިސާމާއަށް ބަލައިލާފައި ސުވާލުކޮށްލިއެވެ. "އާނ. ވަރަށް ހެނދުނު ގޮސްފި." ރިސާމާ ބުނެލިއެވެ. "ސައިބޯން ބުނީމަވެސް ނުބޮއި ދިޔައީ." ޝައުފާއާ ވާހަކަ ދައްކާލާފައި ފޯނު ބޭއްވި އާއިން އެ ދިޔަ ގޮތަށް ގޮސް ރިސާމާގެ އުނގު ތެރެއަށް ވަނެވެ. އަޒްލަފް އާއިންއަށް ބަލައިލާފައި ކޮންމެވެސް އެއްޗެއް ބުނަން އުޅުނު ނަމަވެސް، އެވަގުތުވީ އަނެއްކާވެސް އޭނާގެ ފޯނު ރިންގުވި ވަގުތަކަށެވެ. ފޯނު ނަގާ ބަލައިލުމާއެކު، ކަންފަތުގައި ޖައްސައިލީ ހޮސްޕިޓަލުން ކަމަށް ވާތީއެވެ. އާއިން އަޑު ގަދަކުރަން ފެށުމުން ރިސާމާ އޭނާގެ ތުންފަތުގައި ޝަހާދާތް އިނގިލި ޖައްސައިލަމުން އާއިން ގާތު އަޑު މަޑުކުރުމަށް ބުނެލިއެވެ. އެއާއެކު އާއިންވެސް އަޒްލަފްއަށް ބަލައިލަމުން ހިމޭންވިއެވެ. "ނޫން. ސޭމް ޑޯޒްގަ ކޮންޓިނިއުކުރޭ.." އަޒްލަފް ބުނެލިއެވެ. ހީވަނީ އެކޮޅުން ވާހަކަ ދެއްކި މީހާއަށް ކަންތައްކުރަންވީ ގޮތުގެ އިރުޝާދު ދޭން ފެށިހެންނެވެ. "ނޫނެކޭ. އެގޮތް ކަމަކު ނުދާނެ. އާއިލާ މީހުންނަށް އެކްސްޕްލެއިންކޮށްދީފަ އަހަރެން މިއައީ ވެސް. އެކަމަކުވެސް އިތުރަށް ސުވާލުކުރަންޏާ ޔޫ ޖަސްޓް އެކްސްޕްލެއިން އިޓް އެގެއިން. ވެދާނެ އެގަޑީ މާ ހާސްވެފަ ހުރީމަ ދެއްކި ވާހަކަ އެހާ ރަނގަޅަށް ނޭނގުނީކަމަށް." އަޒްލަފް ބުނެލިއެވެ. "ޔާ. މޭކް ޝުއާރ ޔޫ ޓެލް ދެމް ދެޓް." އެކޮޅުން ދެއްކި ވާހަަކަ އަޑު އަހަރެން ހުރުމަށްފަހު އަނެއްކާވެސް އަޒްލަފް ބުނެލިއެވެ. "އެންޑް އަދި އެއްވާހަކަ. ރޫމް ނަންބަރު 801 ގަ އޮތް ޕޭޝަންޓަށް އޮންނާނެ އިންޓާރނަލް ރިފަރެލްއެއް ދީފަ. މޭކް ޝުއަރ އިނގޭ އެމީހުން އާދޭތޯ." އަޒްލަފް ބުނެލިއެވެ. އަނެއްކާވެސް އެކޮޅުން ކޮންމެވެސް ވާހަކައެއް ބުނެލިއެވެ. "ޔެސް. ޝީޒް މައި ޕޭޝަންޓް. " އަޒްލަފް ބުނެލިއެވެ. "ޔާ. މައުވާ.. މައުވާ ވަސީމް…" ނުވިސްނާ އިން އަޒްލަފްގެ ދުލުން މައުވާގެ ނަން ނުކުތީ ގަސްތުގައެއް ނޫނެވެ. އެހެންނަމަވެސް އެކޮޅުން ވާހަކަ ދައްކަމުން ދިޔަ ޑޮކްޓަރު ކުރި ސުވާލަކުން ބުނެވުނީއެވެ. އެ ނަން ދުލުން ބޭރުކޮށްލުމާއެކުއެކީ ދެވަނަ ސިކުންތުގައި އަޒްލަފްއަށް ރިސާމާއާއި ނަޖީބަށް ބަލައިލެވުނެވެ. އޭރު އެ ދެމީހުންގެ މޫނުމަތީން ވެސް ފެންނަނީ ހައިރާންކަމުގެ އަސަރެވެ. ފޯނު ބާއްވަމުން އަޒްލަފްއަށް ބުނާނެ އެއްޗެއް ނޭނގުމުން ހިމޭންކަން އިޚްތިޔާރުކުރެވުނެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ