ޖޭމްސް ބޮންޑްގެ ރޯލަށް މިހާރު އެރަން؟
އެންމެ މަގުބޫލު ޖާސޫސީ ކެރެކްޓަރު ކަމަށްވާ "ޖޭމްސް ބޮންޑް"ގެ އެކްޓަރުގެ ވާހަކަތައް ބަދަލުވެ މިހާރު އެ ރޯލަށް، މަގުބޫލު އެކްޓަރު އެރަން ޕިއޭ ހަމަޖައްސަން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފިއެވެ. މިދިޔަ އަހަރުން ފެށިގެން އެންމެ ގަދަޔަށް ދެކެވެމުން ދިޔައީ ޖޭމްސް ބޮންޑްގެ ރޯލަށް މަޝްހޫރު އެކްޓަރު އެރަން ޓޭލާ ޖޯންސަން ހަމަޖައްސަން އުޅޭ ކަމުގެ ވާހަކައެވެ. ޖޭމްސް ބޮންޑްގެ ޕްރޮޑަކްޝަން އެމްޖީއެމްގެ ބޮޑުންނާ އޭނާ ބައްދަލުކޮށްފައިވާ ވާކަމުގެ ވާހަކަތަކެއް ވެސް މިއަހަރު ދެކެވިގެންދިޔައެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައެއް ކަށަވަރު ވެފައެއް ނުވެއެވެ. އެކަމު މިހާރު އިވެން ފަށާފައިވަނީ އާ އެކްޓަރެއް ބޮންޑްގެ ރޯލަށް ހަމަޖައްސަން އުޅޭ ކަމުގެ ވާހަކައެވެ. ޑިޒްނީގެ "މުފާސާ" އަށް އަޑު އަޅާފައިވާ އެކްޓަރު އެރަން އަކީ މި ދެ އަހަރުގެ ތެރޭގައި ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަރިއެކެވެ. އެރަންއަށް މި ރޯލު ކަށަވަރު ވެފައިވާ ކަމެއް އަދި ނޭނގެއެވެ. ޕްރޮޑަކްޝަނުންވެސް އަދި އޭނާގެ ޓީމުންވެސް މިކަމަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ޕްރޮޑަކްޝަނުގައި މަސައްކަތް ކުރާ މުވައްޒަފެއް ބޭރުގެ ނޫހަކަށް މައުލޫމާތު ދިން ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަނީ ޕިއޭ އެ ރޯލަށް ހޮވުމުގެ މަސައްކަތެވެ. ޖޭމްސް ބޮންޑްގެ ފްރެންޗައިޒް އެންމެ ކުރިން ފެށި ހިސާބުން ވެސް އެ ފްރެންޗައިޒް އޮތީ "އެމްޖީއެމް" ޕްރޮޑަކްޝަންގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް ދާދި ފަހުން ލީކުވި ކުންފުނީގެ ކަރުދާސްތަކަކުން އެނގުނު ގޮތުގައި ކުރިއަށް އޮތް ތަނުގައި ޖޭމްސް ބޮންޑަށް ހަދާނެ ގޮތެއް ކުންފުންޏަށް ވެސް ނޭނގެއެވެ. ގިނަ ދުވަސްތަކެއް ވަންދެއް ފިލްމަށް ހަދާނެ ގޮތެއް ނޭނގި އޮއްވައި އެންމެ ފަހުން މިދިޔަ އަހަރު ކުންފުނިން ވަނީ އިންޓާނަލްކޮށް ފްރެންޗައިޒް ވިއްކާލުމަށް މަސައްކަތް ކޮށްފައެވެ. އެންމެފަހުން މި ފްރެންޗައިޒް ނަން ގަނެފައިވަނީ އެމޭޒަންއިން ދާދިފަހުންނެވެ. އެމޭޒަންއިން ފްރެންޗައިޒް ގަތް ނަމަވެސް އަލަށް ފްރެންޗައިޒް ފެށުމަށް ހަމަޖެހިފައިވާ ގޮތެއް ނޭނގެއެވެ. އެކަމާ ގުޅޭގޮތުން އެމޭޒަން އިން ވެސް ގޮތެއް ނިންމާފައެއް ނުވެއެވެ. އެންމެފަހުން ފްރެންޗައިޒް ނިމިފައިވަނީ މަޝްހޫރު އެކްޓަރު ޑެނިއެލް ކްރެއިގްގެ ޖޭމްސް ބޮންޑުންނެވެ. ދެން އަނެއްކާ ވެސް އާ ޖޭމްސް ބޮންޑެއް ހޯދަމުން އަންނަ ކަމަށް އިއުލާނު ކޮށްފައިވާތާ މިހާރު ދެތިން އަހަރެއް ވެއްޖެއެވެ. އަދިވެސް އެ ރޯލަށް އެކްޓަރެއް ހަމަޖެހިފައި ނުވާތީ ފޭނުންގެ މެދުގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ