ކަލާ ފެނިލުމުން... 57
"ލައްބަ ބައްޕާ. މިކަމާ މެދު އަޅުގަނޑު ވަރަށް ވިސްނައިފިން، މިއީ މިހާރު އަޅުގަނޑަށް ފެނުނު އެންމެ ރަނގަޅު ގޮތް." އަފްނާން ބުނެލިއެވެ. "އެކަމަކު މިހާރު ދަރިފުޅު މަންމައާ ދުރަށް ފޮނުވާކަށް މަންމަ ބޭނުމެއް ނޫން. " ރިސާމާގެ އަޑުގައި ވަނީ ކަންބޮޑުވެފައިވާ އަސަރެވެ. އަފްނާން މާސްޓާރސް ނުނިންމާ ރާއްޖެ އައުމުން އަނބުރާ ފޮނުވާލަން ރިސާމާ އުޅުނީ ދުނިޔޭގެ ފެންވަރުގެ ރަނގަޅު ޔުނިވާސިޓީތަކުން އަފްނާން ތައުލީމު ހާސިލްކުރަން ބޭނުންވާތީއެވެ. އެހެންނަމަވެސް، މިއަދު އަނބުރާ އަފްނާން ރާއްޖޭން ބޭރަށް ދާ ވާހަކަ ބުނުމުން އޭނާގެ ހިތަށް ވެރިވީ ނުތަނަވަސްކަމެވެ. ފަހަރެއްގައި އަފްނާން އެ ހުރި ޙާލަތުން އޭނާ އަފްނާން ފޮނުވަން ބޭނުންނުވާތީކަމަށް ވެސް ވެދާނެއެވެ. މިހާރުވެސް އެ ދަރިފުޅު އެ އުޅެނީ ހާދަ އެކަހެރިކޮށެވެ. ވީއިރު ބޭރަށް ގޮސްފިނަމަ އެ އެކަނިވެރިކަން ދެގުނަވެގެން ދާނެއެވެ. އަފްނާންގެ އެ މާޔޫސްކަމާއި ހިތްދަތިކަން އެގޮތަށް ބަލަހައްޓައިގެން ކަމެއް ނުކޮށް ހުންނަން ރިސާމާގެ ޒަމީރު އުޒުރުވެރިވާން ފެށިއެވެ. ދަރިފުޅު ދާނެކަމެއް ނެތޭ. ކިހާ ބޭނުންވެގެންތަ ރާއްޖެ އައީވެސް." ރިސާމާއަށް ބުނެވުނެވެ. "އެ ތެދެއް ދަރިފުޅާ! އަލުން އަނބުރާ ރާއްޖޭން ބޭރަށް ދާނެކަމެއް ނެތެއްނު ދެން.." އަނބިމީހާގެ ހާސްކަން ގުޅިފައިވާ ސަަބަބުތައް އޭނާއަށް ރަނގަޅަަށް އެނގޭތީ، ނަޖީބުވެސް އެކަމާ ދެކޮޅުކަން އަންގައިލިއެވެ. ޚުދު އޭނާވެސް އަފްނާން އެކަނި ފޮނުވަން ބޭނުންނުވާތީއެވެ. "ބައްޕާ… އަޅުގަނޑު އަލުން އެކޮޅަށް ޖޮއިން ކުރަންވެގެން އެޕްލިކޭޝަންވެސް ފޮނުވައިފިން މިހާރު. އެހެންވީމަ އިތުރަށް މިކޮޅުގައި މަޑުކުރާކަށް ބޭނުމެއް ނޫން." އަފްނާން އޭނާގެ ފަހުގެ ނިންމުން ހާމަކޮށްލިއެވެ. ރިސާމާ އެކަމާ ވިއްދައިގެން ވާހަކަ ދައްކަންވެގެން އަނގަ ހުޅުވައިލި ނަމަވެސް ނަޖީބު ކުޑަކޮށް ދެފަރާތަށް ބޯ ހޫރައިލަމުން އެގޮތަށް ކަންތައް ނުކުރުމަށް ރިސާމާއަށް ނަސޭޙަތްތެރިވިއެވެ. "ދަރިފުޅު ތިގޮތް ބޭނުންވަންޏާ، މިކޮޅުގައި ހުންނަން މަޖުބޫރެއް ނުކުރާނަން… " ނަޖީބު އޭނާގެ ވާހަކަ ކުރިއަށް ގެންދަމުން ދަނިކޮށް ރިސާމާއަށް ވާހަކަ ދެކެވުނެވެ. "އެކަމަކު ނަޖީބު. އޭރުން ކިހިނެއްވާނީ؟" ރިސާމާއަށް ބުނެވުނެވެ. އޭނާއަށް އަފްނާންއާ ދިމާލަށް ބަލައިލެވުނީ އާދޭހުގެ ބެލުމަކުންނެވެ. އެހެންނަމަވެސް އަފްނާން އޭނާގެ ޚިޔާލު އިތުރަށް ބަދަލުނުކުރާނެކަން ރަމްޒުކޮށްދިނީ އޭނާގެ މޫނުމައްޗަށް އަރާ ފޭބި ކުލަވަރުތަކެވެ. އަދި އޭނާ އިސްޖަހައިލި ގޮތުންނެވެ. "އެންމެ ރަނގަޅު." ރިސާމާއަށް ބަލައިލުމަށްފަހު، ނަޖީބު އެހެން ބުނެލުމާއެކު ރިސާމާ ހިތްހަމަނުޖެހޭ ގޮތްވިނަމަވެސް، އެ ހިސާބުން ނަޖީބާ ދެބަސްނުވެ އޭނާ ހިމޭންކަން ޚިޔާރުކުރިއެވެ. އޭނާ ގަސްތުކުރީ ނަޖީބާ ވަކީން ވާހަކަ ދައްކާށެވެ. ދަރީންގެ ކުރިމަތީގައި ޚިޔާލު ތަފާތުވާ ފަހަރުތަކުގައި އެ ދެމީހުންވެސް އިސްކަން ދެނީ ވަކިން ވާހަކަ ދައްކާށެވެ. ސަބަބަކީ އާއިލީ މަސްލަހަތު ދަރިންގެ ކުރިމަތީގައި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަބަދުވެސް އެ ދެމީހުން އިސްކަން ދޭތީއެވެ. ދަރިންނަށް އެ ދެމީހުންނަކީ އަބަދުވެސް ނަމޫނާ ދެމަފިރިންކަމުގައި ދައްކަން އިސްކަން ދޭތީއެވެ. އެ ދެމީހުން އަބަދުވެސް ދުށުމަށް ބޭނުންވަނީ އެމީހުންގެ ދަރީންވެސް އެމީހުން ފަދަ ހަމަޖެހޭ ދިރިއުޅުމެއް އުޅޭތަން ދުށުމެވެ. އެކަކު އަނެކަކަށް ކުރާ އިޙްތިރާމާ ދޭ ޤަދަރަކީ ކިހާ މުހިންމު އެއްޗެއްކަން ދަރިންނަށް އިޙްސާސްކޮށްލަދޭށެވެ. ދިރިއުޅުމަކީ ކުރާ ހަނގުރާމައެކޭ މުސްކުޅިން ބުނެ އުޅެނީ ސަބަބުތަކެއް ނެތިއެެއް ނޫނެވެ. ދެމަފިރިން ވެއްޖެއްޔާ ހުރިހާ ކަމެއްގައި އެއް ގަލަކަށް ނޭރޭ ފަހަރުވެސް އަތުވެދާނެކަން ދަންނަން ޖެހެއެވެ. ދެބަސްވާ ފަހަރުތައްވެސް އަތުވެދާނެއެވެ. އެހެންނަމަވެސް ދިރިއުޅުމެއްގެ ރީތިކަން ފެނިގެންދާނީ ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ދެމަފިރިން ގެންގުޅޭ އުސޫލުތަކާއި ޖެހޭ ހަަމަނުޖެހުންތަކުގައި ވެސް އެކަކު އަނެކަކަށް ކުރާ އިޙްތިރާމުންނެވެ. އަދި ވާހަކަ ދައްކައިގެން އެކަމެއް ހައްލުކުރާނަމައެވެ. ނަޖީބާ ރިސާމާ އަކީ އެ ދެމީހުންގެ ވިސްނުންތޫނު ސިކުނޑިން އެހުރިހާ ކަމަކާ މެދުވެސް ވަރަށް ފުންކޮށް ވިސްނާ ދެމަފިރިންނެވެ. "އަޅުގަނޑު ދެން ގޮސްލީ…" އަފްނާން އެހެން ބުނެލާފައި ސޯފާއިން ތެދުވިއެވެ. އަދި ލިފްޓާ ދިމާލަށް ހިނގައިގަތީ މައްޗަށް އެރުމުގެ ބޭނުމުގައެވެ. އަފްނާން ގޮސް ލޯމަތިން ގެއްލުމާއެކު ރިސާމާ އެކަމާ ބެހޭގޮތުން، ނަޖީބާ ސުވާލު ކުރިއެވެ. "ކީއްވެތަ އަފޫ ދާން ތި އާބަސް ދިނީ؟" ރިސާމާއަށް ބުނެވުނެވެ. ހިތްހަަމަނުޖެހުމުގެ އިތުރުން އޭނާގެ އަޑުން ފާޅުވަމުން ދިޔައީ، ހިތާމައިގެ އަސަރެވެ. "އަފްނާން ދާން ބޭނުންވަންޏާ މަޖުބޫރުކުރުމަކީ ރަނގަޅު ގޮތެއްކަމަށް ނުފެންނާނީ. އެހެން ނޫނަސް ރިސާމާއަށް އެނގެއެއްނު އަހަރެން އެއްވެސް ކަމެއްގައި ދަރިންނަށް މަޖުބޫރުނުކުރާނެކަން." ނަޖީބު ބުނެލިއެވެ. "ތިކަން އެނގޭ. އެކަމަކު އަފްނާން މިހާރު އެހުރި ޙާލަތުގެ ސަބަބުން އޭނަ ފޮނުވަން ބޭނުންނުވަނީ. ވީހުރިހާކަމެއް ނަޖީބަށް ވެސް އެނގެއެއްނު. އޭނަ ދާން އެ އުޅޭ ސަބަބުވެސް އެނގެއެއްނު. ދެން ކީއްވެ؟" ރިސާމާއަށް ޝަކުވާ ކޮށްލެވުނެވެ. "އަފްނާން އެކަނި ވަގުތު ހޭދަކޮށްލަން ބޭނުންވެގެން އުޅޭހެން އަހަންނަށް ހީވަނީ. އެހެންވެ އެކަމާ ކޮންމެހެން ދެކޮޅު ހަދަން ބޭނުންނުވީ. މިހާރު އެ ހުރި ޙާލަތުން އަހަރެންގެ ލޯމަތިންވެސް އަފްނާން ދުރަށް ދިޔުމަކީ ޚުދު އަހަރެންވެސް ބޭނުންވާ ގޮތެއް ނޫނޭ. ރިސާމާ ކަންބޮޑު ނުވޭ. ޔޫކޭގައި އަހަރެން ދަންނަ މީހުން ވެސް ތިބޭނެ. އަހަންނަށް އަފްނާން އުޅޭ ނޫޅޭ ގޮތް ބެލޭނެ." ނަޖީބު ބުނެލިއެވެ. "އެކަމަކުވެސް އަހަރެން ތިކަމަކަށް ޤަބޫލެއް ނޫން ނަޖީބު!." ރިސާމާ ބުނެލިއެވެ. ނަޖީބާ ވާހަކަ ދެއްކި ނަމަވެސް، އޭނާ އެކަމާ އެއްބަސް ނުވާނެތީ އެހެން ގޮތަށް ހޯދަން ރިސާމާގެ ސިކުނޑި އޭނާއަށް ގޮވައިލިއެވެ. ***** ރޭގަނޑު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ލުޔޫނާއާއެކު ވަގުތު ކޮޅެއް ހޭދަކޮށްލާފައި، ގެއަށް އައިސް ވަތް އަޒްލަފްގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. އޭނާގެ ހިތް އެދުނު ޙަޔާތުގެ ބައިވެރިޔާ އޭނާއަށް ލިބުން މާ ގިނަ މަސައްކަތްތަކެއް ކުރަން ނުޖެހިއެވެ. އޭނާއެކޭ އެއްގޮތަށް ލުޔޫނާގެ ހިތުގައިވެސް އޭނާއާ މެދު އިޙްސާސްތަކެއް ހުރުން ވެގެންދިޔައީ އަޒްލަފްއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަށެވެ. ގެއަށް ވަދެގެން މައްޗަށް އަރަން ހިނގައިގަނެފައިވެސް އޭނާ މަޑުޖެހިލީ ގޭތެރޭގައި ހުރި އޮރެންޖު އަލިކަމުގެ ތެރެއިންވެސް ސޯފާގައި އިށީނދެގެން އިން ރިސާމާ ފެނުމުންނެވެ. އެހާ ދަންވަންދެން މަންމައަކީ ދުވަހަކުވެސް އެހެން އިންނަ މީހަކަށް ނުވާތީ، އަޒްލަފް ގޮސް ރިސާމާގެ ކައިރިއަށް މަޑުކޮށްލިއެވެ. ރަނގަޅަށް ބަލައިލުމުން ރިސާމާއަށް އެ އިނީ ކުޑަކޮށް ނިދިޖެހިފައިކަން އަޒްލަފްއަށް އެނގުނެވެ. އެއާއެކު އޭނާ އިތުރަށް ހައިރާންވުން ނޫންކަމެއް ނުވިއެވެ. "މަންމާ…" އަޒްލަފް ރިސާމާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އެއާއެކު ރިސާމާ ސިހިފައި ލޯ ހުޅުވައިލިއެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި، ފެނުނު އަޒްލަފްއާއެކު މޫނުމަތީގައި އަތް ހާކާލަމުން ނިދީގެ އަސަރު އެ މޫނުމަތިން ފިލުވައިލަން މަސައްކަތްކުރިއެވެ. "ކިހިނެއްވެތަ މިތާ ތީނީ މަންމާ… ބައްޕަ ކޮބާތޯ؟" އަޒްލަފް ދެވަނަ ފަހަރަށް ސުވާލުކޮށްލިއެވެ. "ބައްޕައަށް ނިދިފަ އޮތީ. މަންމައަށް ނުނިދިގެން މި ނުުކުތީ." ރިސާމާ އެހެން ބުނެލިއިރު އެ އަޑުން ކަންބޮޑުވުން ފާޅުވަމުން ދިޔައެވެ. އެހެންކަމުން ބޮޑުކަމެއްވެއްޖެކަން އިޙްސާސްވެ އަޒްލަފްއަށް ސުވާލުނުކޮށް ދާކަށް ނުކެރުނެވެ. "ދަރިފުޅު ބިޒީތަ؟" އަޒްލަފް ސުވާލުކޮށްލުމުގެ ކުރިން ރިސާމާ އޭނާ ގާތުން އަހައިލިއެވެ. "ނޫން."ނިކަން އަވަސް އަވަހަށް އަޒްލަފް ބުނެލިއެވެ. "އެހެންވިއްޔާ މިތާ އިށީނދެބަލަ. މަންމަ މީނީ އަފޫއާ ދޭތެރޭ ވަރަށް ކަންބޮޑުވެފަ." ރިސާމާ ދިނީ އަޒްލަފް ހީކުރި ފަދަ ޖަވާބެކެވެ. މަންމަގެ އެ ހާސްކަން ގުޅިފައިވާނީ އަފްނާންއާއޭ މަންމަ ފެނުނު ފުރަތަމަ ސިކުންތުކޮޅުވެސް އޭނާއަށް ހީވިއެވެ. "އަފޫ ކިހިނެއްވީ؟ މަންމާ." ސޯފާގައި އިށީންނަމުން، އަޒްލަފް ސުވާލުކޮށްލިއެވެ. މަންމަގެ ކަންބޮޑުވުން އަޑު އަހަން އޭނާ ތައްޔާރަށް އިންކަން އަޒްލަފް ޔަޤީންކޮށްދިނީ އޭނާ ރިސާމާއަށް "މަންމާއޭ" ކިޔާފައި ގޮވައިލި ގޮތުންނެވެ. "އަފޫ ރާއްޖޭން ބޭރަށް ދާންވެގެން ހުރިހާކަމެއް ހަމަޖައްސައިފި." ރިސާމާ ހާމަކޮށްލިއެވެ. "މެލޭޝިޔާއަށްތަ؟" އަޒްލަފް އަހައިލިއެވެ. "ނޫން. ޔޫކޭއަށް. އަޒްލަފް އަފޫއަށް ވިސްނައިދީބަލަ. ނުދާށޭ ބުނެބަލަ." ފެންކަޅިވެފައިވާ ޙާލު އަޒްލަފްއަށް ބަލައިލަމުން ރިސާމާ އެހެން ބުނެލުމާއެކު އަޒްލަފްއަށް މަންމައަށް ކޮށްފައި އަސަރު ދެނެގަނެވުނެވެ. އަފްނާން އެމީހުންގެ ލޯމަތިން މި ދަނޑިވަޅު ފޮނުވަން ބޭނުންނުވަނީކަން އަޒްލަފްއަށް ރޭކާލިއެވެ. "ބައްޕަ އެއްޗެއް ނުބުނޭތޯ؟" އަޒްލަފްއަށް ވެސް އަހައިލެވުނީ އެންމެ ފުރަތަމަވެސް ނަޖީބުގެ ވާހަކައެވެ. މަންމަ އެވަރުވެފައި އިންނާނީ އެކަމަށް ބައްޕަ ހުއްދަ ދިނީމަކަން އަޒްލަފްއަށް ވިސްނުނު ނަމަވެސް، އޭނާއަށް އެހެން އަހައިލެވުނީ އެކަމުގައި އޭނާއަށް ވަކި ކުރޭވޭނެކަމެއް ނެތޭ ހީވާތީއެވެ. އަފްނާން ގޮތް ނިންމައިފިނަމަ އޭނާ އެ ނިންމުން ބަދަލެއް ނުކުރާނެއެވެ. އަނެއްކޮޅުން ބައްޕައަކީ ކަންކަމަށް މަޖުބޫރުކުރާ މީހެއް ނޫނެވެ. "ބައްޕަ ހުރީ އަފޫ ފޮނުވާގޮތަށޭ. މަންމައޭ ބޭނުންނުވަނީ އޭނަ ދާން. މިހާރުވެސް އޭނާއަށް ވަމުންދާ ގޮތް އަޒްލަފްއަށް ނުފެނޭތަ؟" ރިސާމާ އޭނާަގެ ހިތުގެ އުދާސްތައް ހިއްސާކުރިއެވެ. މީގެ ކުރިން ބައްޕަގެ ނިންމުމެއްގެ ސަބަބުން މަންމަ އެހާ ދެރަވެފައި އިންތަން ދުވަހަކުވެސް އަޒްލަފްއަށް ނުފެންނާތީ އޭނާގެ ހިތަށް ވެސް އަސަރުކުރިއެވެ. އެހެންނަމަވެސް އެކަމަށް ބުނާނެ އެއްޗެއް ނޭނގުނީތީ އޭނާއަށް ހިމޭންކަން ޚިޔާރުކުރެވުނީއެވެ. މަންމަގެ ހިތާމަޔަށް ލުޔެއް ދެވޭނެ ގޮތެއް ނޭނގޭތީ އަމިއްލަ ނަފްސަށް އަޑުވެސް ލެވުނެވެ. އެންމެ ފުރަަތަމަ މަންމަ އެހާ ކަންބޮޑުވެފައި އިނީ އޭނާއާ ޝައުފާއާ ދެމީހުން މައްސަލަޖެހުނު އިރުގައެެވެ. އޭގެފަހުން މިހާ ކަންބޮޑުވެފައި އިންދާ އޭނާއަށް ރިސާމާ މި ފެނުނީ އަލަށް ވިއްޔާއެވެ. އަޒްލަފް!. މަންމައަށް ވަރަށް ބޮޑު ކަމެއް ކޮށްދީފާނަންތަ؟" ކުއްލިއަކަށް ރިސާމާ އެހެން ބުނެލުމާއެކު، އަޒްލަފްއަށް ބަލައިލިއެވެ. އޭރު އެމޫނުމަތިން ފެންނަނީ އުންމީދުގެ ކުލަވަރެވެ. "ކޮންކަމެއް މަންމާ." މަންމަގެ ކޮންމެ އެދުމެއް ފުއްދައިދޭން ބޭނުންވާ ހާލު އަޒްލަފް ބުނެލިއެވެ. އެއާއެކު ރިސާމާ ހާމަކޮށްލި ވާހަކައަކާއެކު އަޒްލަފްއަށް ޝޮކެއް ލިބިގެން ދިޔައެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގި އިންދާ، ރިސާމާ އަނެއްކާވެސް ވާހަަކަ ދެއްކިއެވެ. މިފަހަރުވެސް ހަމަ އާދޭހުގެ ރާގެއްގައެވެ. "ދަރިފުޅު މިކަންތައް މަންމައަށް ކޮށްދީ. ހެޔޮނުވާނެ." ރިސާމާ ބުނެލިއެވެ. މަންމަ އެ އެދެނީ ކިހާ ބޮޑުކަމެއްކަމުގައި އެނގޭހިނދުވެސް އަޒްލަފް އެންމެފަހުން އެއްބަސްވިއެވެ. ރިސާމާ އެދޭގޮތަށް ކަންތައްކޮށްދޭން އޭނާ އާބަސް ދިނެވެ. އެހެންނަމަވެސް، އޭރު އޭނާގެ ހިތުގައި ވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. ކަންތައް ކުރެވެން މިއުޅެނީ ރަނގަޅަކަށް ނުވަތަ ނޫންކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އަޒްލަފްގެ ޖަވާބުން ރިސާމާ ހިތްހަމަޖެހުނެވެ. އޭނާ ހިނިތުންވެލާފައި އަޒްލަފްއަށް ބަލައިލިއެވެ. އަޒްލަފްވެސް ގަދަކަމުން ހިނިތުންވެލި ނަމަވެސް ބައްޕައަށް ނޭނގި އެގޮތަށް ކަންތައް ކުރުމަކީ ރަނގަޅުކަމަކަށް ވެދާނެބާއޭ އޭނާގެ ހިތަށް އެރިއެވެ. ރިސާމާ ސޯފާއިން ތެދުވީ ދެނެވެ. އަޒްލަފްވެސް ތެދުވެ ރިސާމާއާ އެކީގައި ކަހަލަ ގޮތަކަށް ހިނގައިގަތެވެ. އަޒްލަފް މައްޗަށް އެރުމަށްފަހު ކޮޓަރިއަށް ވަދެފައި އެންމެ ފުރަތަމަވެސް ލުޔޫނާއަށް މެސެޖެއްކޮށްލިއެވެ. އެއަށްފަހު ފެންވަރާލައިގެން އެނދުގައި ޖައްސައިލިއެވެ. ވިސްނަން އޭނާއަށް އެތަކެއް އިރަކު އޮވެވުނެވެ. ***** ޖެހިގެން އައި ދުވަހު އަޒްލަފް ޑިއުޓީއަށް ދިޔައީ ހެނދުނެވެ. ތިންގަޑި ބައިވީއިރު ޑިއުޓީ ނިމުނު ނަމަވެސް، އޭނާ ހަތަރެއްޖަހަން ދެން ކެބިންގައި މަޑުކޮށްލައިގެން އިނެވެ. ގަޑިން ހަތަރެއް ޖެހުމާއެކު، އޭނާ ފޯނު ނަގާ ކޮންމެވެސް މީހަކަށް ގުޅައިލިއެވެ. އެކޮޅުން ފޯނު ނެގުމާއެކު ފަސްވަރަކަށް މިނެޓް އޭނާ ފޯނުގައި އިނެވެ. އެއަށްފަހު ފޯނު ބޭއްވުމަށްފަހު، ގޮނޑިން ތެދުވެގެން އޭނާ ހިނގައިގަތީ ފިޒިއޯ ތެރަޕީ ޑިޕާރޓްމެންޓާ ދިމާލަށެވެ. އެ ޑިޕާރޓްމެންޓަށް އެރުމަށްފަހު، ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އޭރު އެތަނުގައި އޭނާއާ ދެންމެ ފޯނުން ވާހަކަ ދެއްކި ޒުވާނާ ހުއްޓެވެ. "ކޮބާ؟" އަޒްލަފް ސުވާލުކޮށްލުމުން އޭނާ އަތުން އިޝާރާތްކޮށްލީ އަޒްލަފްގެ ފަހަތަށެވެ. އެއާއެކު އަޒްލަފްއަށް ހައިރާންކަމެއް ލިބުނެވެ. ވާރޑް ބޯއީ މައުވާގެ ގޮނޑި ދުއްވަމުން ދިޔައިރު، މައުވާގެ އެއްފަރާތުގައި ހުރީ ރައްޔާއެވެ. ކުޑަކޮށް ސިހުނު ނަމަވެސް، އަޒްލަފް އޭނާގެ އިޙްސާސްތައް ކޮންޓްރޯލްކޮށްލިއެވެ. ރައްޔާ ކައިރިވީ ކައުންޓަރާއެވެ. އޭނާ މައުވާގެ ފައިލް ދިއްކޮށްލާފައި ދެން ފިޒިއޯއަށް އަންނަން ޖެހޭ ދުވަހުގެ އެޕޮއިންޓްމެންޓެއް ހެއްދިއެވެ. އަދި، އެ ފައިލް ގެންގޮސް މައުވާގެ އަތަށް ދީފައި އެނބުރިލިއެވެ. އެއާއެކު އޭނާގެ ލޮލުގައި އަޒްލަފް އަޅައިގަތެވެ. ރައްޔާ ލުއިކޮށް ހީނލިއެވެ. އޭރު އަޒްލަފް ހުރި ޑޮކްޓަރު ކޯޓުގައިކަމުން އަޒްލަފް އެ އުޅެނީ ޑިއުޓީގައިކަންވެސް އޭނާއަށް އެނގުނެވެ. އިތުރު އެއްޗެއް ނުބުނެ ރައްޔާ ގޮސް، އެތެރެއަށް ވަނުމާއެކު އަޒްލަފް ލަސް ފިޔަވަޅުތަކެއްގައި ގޮސް މައުވާގެ ކައިރީގައި ހުއްޓުނެވެ. އޭރު މައުވާ އިނީ ފޯނުން ކޮންމެވެސް ކަމެއް ކުރާށެވެ. އަޒްލަފް މައުވާއަށް ގޮވައިލުމާއެކު މައުވާ އިސްއުފުލައިލިއެވެ. އޭނާއަށް އަޒްލަފް ފެނުމުން ހިނިތުންވުން ފުޅާކޮށްލެވުނެވެ. "ޑޮކްޓަރ…" މައުވާއަށް ބުނެވުނެވެ. އޭރު ފޯނުން އޭނާ ކުރަމުން ދިޔަ މަސައްކަތްވެސް މަޑުޖައްސައިލެވިއްޖެއެވެ. "ރަނގަޅުތަ؟ ކޮބާ މަންމަ؟" އޭނާ އެތެރެއަށް ވަތްއިރު ބޭރުގައި ހުންނަ ވެއިޓިން އޭރިޔާއިންވެސް މައުވާގެ މަންމަ ނުފެންނާތީ އަޒްލަފްއަށް ސުވާލުކޮށްލެވުނެވެ. "މަންމަ މިއަދު ބޮލުގަ ރިއްސާތީ ނާދޭ. ބޭބެއާއެކީ މިއައީ. ބަލާ އަންނަންވެގެން މިގުޅަނީ މިހާރު." މައުވާ ބުނެލިއެވެ. ޖާވިދު އޭނާ ހޮސްޕިޓަލަށް ލާފައި ދިޔައީ ނިމުމުން ގުޅަށް އެދިފައިކަމަށްވާތީ މައުވާ އެކަން އޮޅުން ފިލުވައިދިނެވެ. "އެހެންތަ؟ އެހެންވިއްޔާ ވަގުތު ކޮޅެއް އެބަ އޮތްދޯ. މައުވާއާ ކުޑަ ވާހަކައެއް ދައްކާލަން ބޭނުންވެފަ އެބަ އޮތޭ. މިގަޑީގައި ދެވޭނެތަ؟ ނިންމާލާފަ ދެން ބޭބެއަށް ގުޅާލާނީ. އޯކޭތަ؟" އަޒްލަފް އޯގާތެރިކަމާއެކު ބުނެލިއެވެ. އޭނާ ހުރީ ހާސްވެފައި ނަމަވެސް އެކަން ފާޅުނުކޮށްވޭތޯ އަޒްލަފް މަސައްކަތްކުރިއެވެ. "ޝުއަރ…" މައުވާ ބުނެލިއެވެ. ވާން މިއުޅެނީ ކިހިނެއްކަން އޭނާއަށް ނޭނގޭ ޙާލުގައެވެ. އަޒްލަފް ވާރޑް ބޯއީއަށް އިޝާރާތްކުރީ، އޭނާއާއެކު އައުމަށެވެ. އެއާއެކު ވޯރޑް ބޯއީވެސް މައުވާގެ ގޮނޑި ދުއްވައިލިއެވެ. އަދި އަޒްލަފްގެ ފަހަތުން ދިޔައެވެ. އަޒްލަފް މައުވާ ގޮވައިގެން ދިޔައީ، އެ ފްލޯއިން މައްޗަށެވެ. އަދި ގޮސް އެތަނުން ކޮޓަރިއަކަށް ވަދެލިއެވެ. އެއީ ޑޮކްޓަރުންނަށް ބަލިމީހާގެ އާއިލާގެ މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކައިލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކޮޓަރިއެކެވެ. ސޯފާ ސެޓެއް ބަހައްޓާފައި، ކުރިމަތީގައި ބިއްލޫއި ކުޑަ މޭޒެއް ހުއްޓެވެ. އެއްފަރާތުގައި ބަހައްޓާަފައި ހުރި ރެކްތަކުގައި ބައެއް ލީފްލެޓްތައް ހުރިއިރު، އިންސާނާގެ ހަށީގަނޑުގެ އެކި އެކި ބައިތަކުގެ މޮޑެލްތައްވެސް އެތަނުގައި ބަހައްޓާފައި ހުއްޓެވެ. "އޯކޭ ސޯފާގައި އިށީނދެލިޔަސް." އަޒްލަފް ބުނެލިއެވެ. ވަގުތުކޮޅެއް ނަގާނެކަން އޭނާއަށް އެގޭތީއާވެސް އެކުގައެވެ. މައުވާ ލަސްލަހުން ތެދުވެލިއެވެ. އަދި އޭނާ ސޯފާގައި އިށީނދެލިއެވެ. "މިހާރު ވަރަށް ބޮޑަށް ރަނގަޅު ވެއްޖެ ދޯ." މައުވާގެ ހަރަކާތްތަކަށް ބަލަން ހުރެފައި އަޒްލަފް ބުނެލިއެވެ. އެއާއެކު މައުވާ ހިނިތުންވެފައި އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ވަށައިގެން އެތަނަށް ބަލައިލަމުން އޭނާ ސުވާލުގެ ނަޒަރަކުން އަޒްލަފްއަށް ބަލައިލީ އަޒްލަފް އޭނާ އެތަނަށް ގެންނަން ޖެހުނު ސަބަބެއް ނުވިސްނުމުންނެވެ. މައުވާގެ ނަޒަރުގެ މާނަ އަޒްލަފްއަށް އެނގުނު ނަމަވެސް ބުނާނީ ކީކޭކަން ނޭނގި އޭނާގެ ސިކުނޑިއަށް ހުސްކަމެއް ވެރިވެފައި ވެއެވެ. ފޯނު ރިންގުވީ އެވަގުތެވެ. ނަސީބެކޭ ހިތަށް އަރަމުން، މައުވާ ގާތު މަޑުކޮށްލަން ބުނެފައި އަޒްލަފް އެތަނުން ނުކުމެލިއެވެ. މައުވާ ބިއްލޫރި މޭޒުމަތީގައި އޮތް، ލީފްލެޓެއް ނަގާ ހުޅޫވާލާފައި އެ ކިޔަން ފެށިއެވެ. އެހެން އިންނަތާ އިރުކޮޅެއް ވީފަހުން އޭނާ ފޯނު ނަގާ ގަޑި ބަލައިލިއެވެ. އަޒްލަފް ނުކުތްފަހުން ފަސް މިނެޓް ފާއިތުވެގެން ހިނގައްޖެއެވެ. އަޒްލަފްގެ އިންތިޒާރުގައި މައުވާ އެހެން އިންދާ އެންމެފަހުން ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ