ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ތުރުކީގެ ވިޔަފާރިވެރިންނާ އިސްތަންބުލުގައި މިއަދު ބައްދަލުކުރައްވައިފި އެވެ.
ތަފްސީލް - ފޮރިން މިނިސްޓްރީން ބުނިގޮތުގައި ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީއީއައިކޭ) އިން އިންތިޒާމުކޮށްގެން ޑީއީއައިކޭގެ ޗެއާމަން އަދި ތުރުކީ-އޭޝިއާ ޕެސިފިކް ބިޒްނަސް ކައުންސިލްގެ ރައީސް ނާއިލް އޮލްޕަކް އިސްވެ ހުންނަވައި ކުރިއަށް ގެންދެއްވި މި ބައްދަލުވުމުގައި ތުރުކީގެ ފާހަގަކޮށްލެވޭ އެކި ދާއިރާތަކުގެ ވިޔަފާރިވެރިން ބައިވެރިވި އެވެ.
އެ މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ، އިންވެސްޓްމަންޓް، ދަނޑުވެރިކަމާއި ގެދޮރުވެރިކަމާއި ރިއަލް އެސްޓޭޓް، ވިޔަފާރި ބަނދަރު ތަރައްގީކުރުން އަދި ޓެކްނޮލޮޖީގެ ދާއިރާ ހިމެނޭނެހެން ރާއްޖެ އާއި ތުރުކީއާ ދެމެދު އިގްތިސާދީ ގުޅުން ބަދަހިކުރުމަށާއި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާ އިން އާ ގުޅުންތައް ގާއިމުކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި:
ރާއްޖޭގެ ވިޔަފާރީގެ މާހައުލު ކުރިއެރުވުމަށްޓަކައި ރާއްޖޭގެ ސްޓްރެޓީޖިކް މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލި
ދެ ގައުމުގެ ދެމެދުގައި ނޮވެންބަރު 2023ގައި ސޮއިކުރި އިގްތިސާދީ އެއްބާރުލުމުގެ އެއްބަސްވުމާއި މިދިޔަ އަހަރުގެ ނޮވެންބަރު މަހު ސޮއިކުރި ޕްރިފަރެންޝަލް ޓްރޭޑް އެއްބަސްވުމަކީ ދެ ގައުމުގެ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުން ކުރިއަރަމުން އަންނަކަމުގެ ހެކިތަކެއްކަން ފާހަގަކުރި
ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ރާއްޖެއިން ދިން
ރާއްޖެ އާއި ތުރުކީ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަދެއްކި
ދެ ވަޒީރުންގެ ވާހަކަފުޅަށް ފަހު އިންވެސްޓް މޯލްޑިވްސްގެ ސީއީއޯ ނުހާ މުހައްމަދު ރިޒާ ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭގޮތުން ތަފްސީލީ ޕްރެޒެންޓޭޝަނެއް ދެއްވާފަ އެވެ. މި ޕްރެޒެންޓޭޝަންގައި ރާއްޖެ އަކީ ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ގޮތުން ކުރިއަރަމުން އަންނަ މަންޒިލެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއީ ކުރިއަށް އޮތް އަހަރުތަކުގައި ތުރުކީ އާއި ރާއްޖެއާ ދެމެދު އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ.
ހަލީލު އާއި ސައީދު ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ