އަހަރެން ހިތަށް އަރަ އެވެ. އިންސާނަކަށް ނުވީ ނަމަ އެއްވެސް ޒިންމާއެއް ނަގާކަށް ނުޖެހުނީ އެވެ. ދުނިޔެއަށް އުފަން ނުވި ނަމަ އެއްވެސް ކަމަކާ ފިކުރުބޮޑުކޮށް ވިސްނާކަށް ނުޖެހުނީހެވެ. ހަޔާތުގައި ދިމާވާ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރަން ޖެހުނަސް އެކަމެއް ޖެހެނީ ކުރާށެވެ. ހިތާ ދެކޮޅަށް ވެސް ޖެހެނީ ކުރާށެވެ. ބޭނުން ނުވިޔަސް، ފޫހިވިޔަސް، ރުޅިއަޔަސް ޖެހެނީ ކުރާށެވެ.
އަހަރެންގެ ނަމަކީ ނަސްފާ އެވެ. އަހަރެންގެ އުމުރުން އަދި ވީ އެންމެ އަށާރަ އަހަރެވެ. މަންމަ ބޭނުންވަނީ އަހަރެން މީހަކާ ކައިވެނި ކުރާށެވެ. ޒަމާނަކީ 90ގެ އަހަރުތަކެވެ. އަށާރަ އަހަރަކީ ޒަމާނަށް ބަލާއިރު ކައިވެނި ކުރަން ރަނގަޅު އުމުރެއް ކަމުގައި މަންމަ ބުންޏެވެ. ނަމަވެސް އަހަރެންނަކަށް އެ ގޮތް ކަމަކު ނުދިޔަ އެވެ. އެކަމަކު ފިރިޔެއްގެ އެހީތެރިކަމާ ނުލައި މަންމަ އަހަރެން ބަލާބޮޑުކުރީ ވަރަށް ހާލުންނެވެ. ވަރަށް ގިނަ ގުރުބާނީތައް ވެގެންނެވެ. މިހާރު މަންމައަކީ ދުވަސްކޮޅެއްގެ މެހުމާނެކެވެ. ދުންގުޑުގުޑާގެ ނުބައި އަމަލުގެ ސަބަބުން މަންމަގެ ދެ ކިޑްނީ ވަނީ ފެއިލްވެފަ އެވެ. ބޭސް ކުރަން ރަށުން ބޭރަށް ދާކަށް އެ ވަރަކަށް ފައިސާއެއް ނެތެވެ. އަހަރެންނަށް އުނގެނިފައި ހުރި އެއްޗެއްގެ ނިސްބަތުން ރަށު އޮފީހުން ވަޒީފާ ލިބުނެވެ. ލިބެނީ 500 ރުފިޔާ އެވެ. އެއީ ދުވަސްވަރަށް ބަލާއިރު ރަނގަޅު އެއްޗެކެވެ. ނަމަވެސް މަންމަގެ ފަރުވާއަށް އެ ވަރު މާ ބޮޑަށް ވެސް މަދެވެ.
އަހަރެން ވަރަށް ކުޑަ އިރު ވަނީ ބައްޕަ ނިޔާވެފަ އެވެ. ބައްޕައަކީ ރާވެރިއެކެވެ. ރާއަރަން ރުކަށް އެރުމުގެ ތެރޭގައި ވެއްޓުނީ އެވެ. ބަލިވެ އެތައް ދުވަހަކު ތަންމަތީގައި އޮވެފައި ނިޔާވީ އަހަރެންގެ އުމުރުން އެންމެ ދެ އަހަރުގަ އެވެ. ބައްޕަ ފަރާތުގެ އާއިލާ ކިތަންމެހާ ވެސް ބޮޑެވެ. ނަމަވެސް އެއީ އެކަކު އަނެކަކަށް މާ ބޮޑު އެހީތެރިކަމެއް ދެވިގެން އުޅޭ ޒަމާނެއް ނޫނެވެ. އެހެންކަމުން އެއްވެސް މީހަކު އަނެކާއަށް ބަރޯސާވުމެއް ނޯވެ އެވެ.
އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ހަދަން މަންމަ ބޭނުންވަނީ ރަށު ކަތީބުގެ ދަރި އެވެ. ކަތީބު ވެސް އެކަމާ ރުހި ގަބޫލުކަމަށް މަންމަ ބުނެ އެވެ. ކޮންމެ ދުވަހަކު ވެސް އޮފީހަށް ދާ އިރު އަހަރެންނަށް ކަތީބު ފެނެ އެވެ. އޭނަ ފެނުމުން އަހަރެން ވަރަށް ޖެހިލުންވެ އެވެ. އޭނައަކީ އިސްކޮޅުން ބިޔަކޮށް ހުންނަ މީހަކެވެ. މުޅި ބޮލާއި ތުނބުޅި ހުންނަނީ ނުރަ ޖަހާފަ އެވެ. ނަމަކީ ހަސަން ނާޒިމް އެވެ. ނާޒިމްގެ ދަރިފުޅުގެ ނަމަކީ ފައިސަލެވެ. ފައިސަލް އުޅެނީ ރިސޯޓެއްގަ އެވެ. ރަށަށް އަންނާނީ ހަ މަހުން ނުވަތަ އަހަރަކު އެއް ފަހަރު އެވެ. ކަތީބުގެ ދަރިއަކާ ކައިވެނި ކުރުމަށް ރަށުގެ ޒުވާން ކިތަންމެ އަންހެންކުދިންނެއް ބޭނުންވާނެ އެވެ. ނަމަވެސް ނާޒިމަށް އަހަރެން ކަމުދިޔަ ސަބަބެއް ނުވިސްނުނެވެ. އެ ސުވާލު މަންމައާ ކުރާކަށް ވެސް ބޭނުމެއް ނުވި އެވެ. ކިތަންމެ ބޭނުން ނުވި ނަމަވެސް ކައިވެނި ކުރެވުނެވެ. ފައިސަލްގެ އާއިލާއިން ވެސް އަހަރެންނަށް ކިއީ ހޫނު މަރުހަބާއެކެވެ. ނަމަވެސް މަންމަ ބަލިކަމުން އަހަރެމެން އުޅުނީ މަންމަ ކައިރީގަ އެވެ.
ކައިވެނީގެ ކުރީކޮޅަކީ ކޮންމެ ދެމަފިރިއަކަށް ވެސް ވަރަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވައިދޭ ދުވަސްތަކެކެވެ. މާމުއި ހަނދުގެ ފޮނިކަން އިހުސާސްކޮށް ރީތި ބަގީޗާތަކުގައި އުދުހޭ ދުވަސްތަކެކެވެ. އަހަރެންނަށް ވެސް ވީ އެހެންނެވެ. އަހަރެން ހީކުރި ވަރަށް ވުރެ ފައިސަލް މާ ރަނގަޅެވެ. މާ ހިތްހެވެވެ. އެއްވެސް ކަމަކު ބުނާކަށް ނުޖެހެ އެވެ. ކޮންމެ ކަމެއް ބުނުމުގެ ކުރިން ހުންނަނީ ކޮށްދީ ނިންމާފަ އެވެ. ކައިވެނިކޮށްގެން އަހަރުމެންގެ ގޭގައި ފައިސަލް އުޅުނު އިރުގައި ވެސް އޭނަގެ ކިބައިން އެއްވެސް ބޮޑާކަމެއް ނުފެނެ އެވެ. ފައިސަލްގެ ހިތްތިރިކަމާއި މަޑުމައިތިރިކަމުގެ ސިފައަކީ އަހަރެންނަށް އެންމެ ކަމުދިޔަ ދެ ސިފަ އެވެ. ކޮންމެ މީހަކާ ވެސް ވާހަކަ ދައްކަނީ އިހުތިރާމާއެކުގަ އެވެ. އަހަރެންގެ މަންމައަށް ވެސް އެހާ ގަދަރު ކުރެ އެވެ.
އެއް ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ނިދާހޭލައިގެން ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށްޓަކައި އަހަރެން އުޅުނީމެވެ. ދުވަހަކީ ހޯމަ ދުވަހެވެ. ގަޑިން އޭރު ހަތެއް ޖެހީ އެވެ. ރޭގަނޑު ވެހުނު ވާރޭގެ ފިނިކަން ފަޒާގައި ހަރުލާފައި ހުއްޓެވެ. ޝަބްނަމްގެ ފެން ތިކިތައް ގަސްތަކުގެ ފަތްތަކުގައި ބަބުޅަމުން ދިޔަ އެވެ. ބިންމަތި ތެމިފައިވީ ނަމަވެސް ވިލާތަކުން އުޑުމަތި ސާފުވި އެވެ. އަދި ބަނަވެފައިވާ މޫސުމުގެ ތެރެއަށް އިރުގެ އަލިކަން ފާއްދާލި އެވެ. އެއާއެކު މަޑު ހޫނެއް އަހަރެންގެ ހަށިގަނޑުގައި ބީހިލި އެވެ. ބޮލުގައި އޮޅާފައިވާ ތުވާލި އޭރު ވެސް ނަގާކަށް ހަނދާނެއް ނެތެވެ. ދެ ފަހަރަކު ގަޑިއަށް ބަލާލެވުނެވެ. އޭރު ވެސް ހަތެއް ޖަހަނީ އެވެ. އަހަރެން ހިތަށް އެރި އެވެ. އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ ރަނގަޅަށް ގަޑި ބަލާލީމެވެ. ހުރީ ހުއްޓިފަ އެވެ. ބޮލުގައި އޮތް ތުވާލި ރޯނުގައި ހިއްކަން އަޅާފައި މަންމަގެ ކޮޓަރިއަށް ވަނީމެވެ. މަންމަގެ މޫނުމަތި އެހެން ދުވަސް ދުވަހާ ތަފާތުހެން އަހަރެންނަށް ހީވި އެވެ. އަތުގައި އަތްލާފައި ދެތިން ފަހަރު ގޮވައިލީމެވެ. އެ ވަގުތު ކަމެއް ފާހަގަވި އެވެ. މަންމަގެ އަތް ވަރަށް ފިންޏެވެ. އަވަހަށް ގޮސް ފަންކާ ނިވައިލީމެވެ. އަނެއްކާވެސް ގޮވާލީމެވެ. މަންމަ ލޮލެއް ނުހުޅުވި އެވެ. އަހަރެންނަށް ރޮވޭ ގޮތް ވި އެވެ. ހިތުގައި އޮތް ބިރުވެރިކަން ކަރުނަތަކެއްގެ ސިފައިގައި ފައިބައިގަތެވެ.
މަންމަ ނިޔާވީ އެވެ. ގަބޫލު ކުރަން ބޭނުން ނުވިޔަސް އެ ހިތި ހަގީގަތް ގަބޫލުކުރަން އަހަރެންނަށް މަޖުބޫރުވި އެވެ. ފައިސަލަށް ގޮވީމެވެ. ވަރަށް ގިނަ ފަހަރު ގޮވުމުން ވެސް ފައިސަލެއް ނަ އެވެ. އަހަރެންގެ ކޮޓަރިއަށް ދިޔައީމެވެ. ފައިސަލް އޮތީ ނިދާފަ އެވެ. ފާރާ ދިމާލަށް އެނބުރިއެވެ. މޫނެއް ނުފެނެ އެވެ. އަހަރެން އަނެއްކާވެސް ފައިސަލަށް ގޮވީމެވެ. އެނދުގެ ގާތް ފަރާތަށް ފުރޮޅާލީމެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފައިސަލްގެ އަނގައިން ހުރީ ފޮނުތަކެއް ނުކުމެފަ އެވެ. އަޑުންއަޑުނަގައި ރޮއިގަނެވުނެވެ. އެ އަޑަށް އަވައްޓެރިން އަ އެވެ. ކިޔޭ ނުކިޔޭ އެއްޗެއް ވެސް އަހަރެންނަކަށް ނޭނގެ އެވެ. ހަތަރު އުދަރެސް ފެނުޖެހުނު ކަހަލަ އެވެ. އެއްފަހަރާ މިހާ ބޮޑު ހިތާމައެއް އިންސާނަކަށް ދެއްވީ ކީއްވެ ހެއްޔެވެ؟ އެކަން އަހަރެންނަށް އުފުލައިގަނެވޭނެތީ ހެއްޔެވެ؟ ނަމަވެސް ދުނިޔޭގައި އުޅޭ ހިތް އަހަރެން ކެނޑިއްޖެ އެވެ. ދިރިއުޅެން ވީ ކާކަށްޓަކައި ހެއްޔެވެ؟ ދުނިޔޭގައި ހުރީ އަހަރެންގެ ކާކު ހެއްޔެވެ؟
މަންމަ އާއި ފިރިމީހާގެ ކަށުކަމާކެމީގެ ކަންކަން ނިމުނެވެ. ދުވަހަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ ދިގު ދުވަހެވެ. ލޮލުން ކަރުނައެއް ނުހިކެ އެވެ. އަރު ބެދޭ ގޮތްވެ މީހާ ވަނީ މާޔޫސްވެފަ އެވެ. މޫނުމަތީގައި ވަނީ ހިތާމައިގެ ސާލެއް ފެތުރިފަ އެވެ. އިރުއޮއްސުނު އިރު ވެސް އަހަރެންގެ އަރުން އެއްޗެއް ނުދިރެ އެވެ. އަހަރެންގެ ހާލު ބަލާލަން އައީ އެންމެ މީހެކެވެ. އެއީ އެކުވެރި ޝަހުދާ އެވެ. ޝަހުދާ ވަރަށް ނަސޭހަތްދިނެވެ. ހިތްވަރުދިނެވެ. ނަމަވެސް ސުވާލެއް ކުރިމަތި ކުރި އެވެ. ފައިސަލްއާ އަހަރެން ކައިވެނި ކުރުވީ ކީއްވެކަން އަހަރެންނަށް އެނގޭ ހެއްޔެވެ؟ ޝަހުދާ އެ ބުނި އެއްޗެއް ނުވިސްނުނެވެ. ނޫނެކެވެ. ވިސްނުނުކަމަށް ނުހެދީ އެވެ. އެއީ މާ ކުރިން އަހަރެންގެ ހިތުގައި އުފެދުނު ސުވާލެކެވެ.
އޭގެ ހަގީގަތް އެނގުނީ ޝަހުދާގެ މަންމަ ފަރާތުންނެވެ. އެ ވާހަކަތައް ކިޔައިދޭން އެންމެ އެކަށޭނަ ވަގުތު ނޫން ނަމަވެސް ޝަހުދާއަށް އެނގުމުން އެންމެ ދުވަހެއް ވެސް ލަސްކުރުމުގެ ބޭނުމެއް ނެތްކަމުގައި ބުންޏެވެ. ފައިސަލަކީ ކެންސަރު ޖެހިފައިވާ މީހެކެވެ. ޑޮކްޓަރުން ބުނާ ގޮތުގައި އޭރު އޭނާ ހުރީ ސަލާމަތް ކުރެވޭނެ ހާލަތުގަ އެވެ. ނަމަވެސް އެ އާއިލާއަކީ ވަރަށް ދަހި ބައެކެވެ. ފައިސަލަކީ ނާޒިމަށް އެހެން މީހަކަށް ލިބިފައިވާ ދަރިއެކެވެ. ފައިސަލްގެ ދޮންމަންމަގެ ނުފޫޒުން އޭނައަށް ބޭސް ނުކުރެވުނީ އެވެ. އަދި މަރުވާން ދޫކޮށްލީ އެވެ. އެކަން އެނގެނީ ވަރަށް މަދު މީހަކަށް ކަމުގައި ޝަހުދާ ބުންޏެވެ. ނާޒިމް އަހަރެން އިހުތިޔާރު ކުރީ އަހަރެންގެ އަހުލާގާއި ރަނގަޅު ސިފަތަކުގެ ސަބަބުން ކަމަށް ވެސް ބުންޏެވެ. ހަގީގަތް އެނގުމުން ވެސް އަހަރެން އެކަމާ އަޑު ނުއުފުލާނެކަމަށް އޭނައަށް ގަބޫލު ކުރެވޭތީ އެވެ. ނަމަވެސް އެކަން ގަބޫލުކުރަން އަހަރެންނަށް އުނދަގޫވި އެވެ. އަނެއްކޮޅުން އެހާ ބޮޑު އޮޅުވާލުމެއް ފައިސަލް އަހަރެންނަށް އޮޅުވާލަފާނެ ހެއްޔެވެ؟ އެކަހަލަ އެއްވެސް އަލާމާތެއް އޭނަގެ ކިބައިން ނުވެސް ފެނެ އެވެ. އަހަރެން ދުވެފައި ގޮސް އަލަމާރީގެ އެތަންމިތަން ހޭވީމެވެ. ޝަހުދާ ބުނީ ތެދެކެވެ. ފައިސަލަކީ ފުއްޕާމެއަށް ކެންސަރު ޖެހިފައިވީ މީހެކެވެ. އަހަރެންގެ އަތުން ގަނޑުތައް ބުރަބުރައިގެން ދިޔަ އެވެ. ލޮލުގެ އެސްފިޔައެއްހާ ހިސާބު ވެސް ހަރަކާތެއް ނުކުރި އެވެ. ޖަހާފައިވާ ބުދެއްހެން އަހަރެންނަށް ހުރެވުނީ އެވެ.
އޭގެ ދެތިން މަސް ފަހުން އަހަރެންނަށް އެނގުނީ އަހަރެން މާބަނޑުކަމެވެ. ވީ އުފަލާ އެއްވަރަށް ދެރަ ވެސް ވި އެވެ. އަހަރެންގެ ހިތުގައި ފައިސަލަށްޓަކައި ވަނީ ހަމްދަރުދީ އެވެ. ނަފުރަތާއި ރުޅިއަކީ އަހަރެންގެ ކިބައިގައި ނެތް ސިފަތަކެވެ. ފައިސަލަށްޓަކައި ވެސް އަހަރެން ހެޔޮ ދުއާ ކުރަމެވެ. ލޯބިވި ފިރިމީހާއަށް ވީތީ އެވެ.
ދުވަސްތައް މާޒީ ވަމުން ގޮސް އަހަރެންނަށް ލިބުނު ދަރިފުޅަށް ހަތަރު އަހަރު ފުރުނެވެ. ނަމަކަށް ކިއީ ފައިރޫޝާ އެވެ. ލޯބިން ކިޔަނީ ރޫޝާ އެވެ. ރޫޝާއަކީ ވަރަށް ބޯހަރު ކުއްޖެކެވެ. އެހާ ޅަ އުމުރުގައި ވެސް ބޮޑާހާކަ އެވެ. ބޭނުންވާ އެއްޗެއް ނުލިބިއްޖެ ނަމަ އެތަނަކަށް ވެއްޓިގަނެގެން ރޮއި ހަދަ އެވެ. އަހަރެން ކުރިން ހިތަށް އެރީ އެއީ ކުޑަކުދިން އުޅޭ ގޮތް ކަމަށެވެ. ނަމަވެސް ރޫޝާގެ އެ ބައި ތަންކޮޅެއް ބޮޑެވެ. ކިތަންމެ ފަހަރަކު އަހަރެންނަށް އުނދަގޫވެ އެވެ. ލަދުގަންނަ ފަހަރު ވެސް އާދެ އެވެ. މީހުން ގިނަ ކިތަންމެ ތަނެއްގައި ރޫޝާގެ އެ ބަހަނާތައް އަހަރެން ބަލަން ޖެހެ އެވެ. ކޮންމެ މީހަކު ވެސް އިނގިލި ދިއްކުރަނީ އަހަރެންގެ ތަރުބިއްޔަތަށެވެ. ކޮންމެ މީހަކު ވެސް ބުނަނީ އެއީ އަހަރެން ގެންގުޅޭ ގޮތް ކަމުގަ އެވެ. އެކަމަކު ގެއަށް އައިސް އަހަރެން ދޭ ނަސޭހަތް މީހަކަށް ނޭނގޭނެ އެވެ. ވިސްނައިދޭން ކުރާ މަސައްކަތެއް މީހަކަށް ނުފެންނާނެ އެވެ. ރޫޝާގެ އުމުރު މައްޗަށް ދިޔަ ވަރަކަށް ދިޔައީ ގޮތްދޫނުކުރުމާއި ބޮޑާހޭކުމުގެ ބައި ބޮޑު ވަމުންނެވެ. ފުރާވަރަށް އެޅި އިރު ހުރީ އަހަރެންގެ އަތްމަތިން ކައްސާލައިގެން ދާ ވަރު ވެފަ އެވެ. ކިޔަވަން ސުކޫލަށް ދަނީ ހިތަށް އެރިއްޔާ އެވެ. ނަމާދެއް ނުކުރެ އެވެ. ގުރުއާނެއް ނުކިޔަވަ އެވެ. އަބަދުވެސް އުޅެނީ މަގުމަތީގަ އެވެ. ދެން ބޭނުންވީ ރިޒޯޓަކަށް ދާށެވެ. ވަޒީފާ އަދާ ކުރާށެވެ. ބޯމަތި ވަމުން އަންނަ ކަޅު ވިލާގަނޑަށް އަހަރެން ލޯ މެރީމެވެ. ނުފެންނަ ކަމަށް ހެދުނީ އެވެ. އިވުނު އަޑުތަކަށް ބީރު ކަންފަތެއް ދިނީމެވެ. ހަގީގަތް ނޭނގޭތީއެއް ނޫނެވެ. އަމިއްލަ ދަރިފުޅު ވީމަ އެވެ. އޭގެ ނަތީޖާ ކިހާ ހިތިވާނެކަން ވިސްނާ ނުލަ އެވެ. އެ ފާރުގަނޑުގެ ރިހުން ކިހާ ގަދަވާނެކަން ވެސް އަހަރެންނަކަށް ނުވިސްނުނެވެ.
-ނުނިމޭ-
ވާހަކަ: މަޖުބޫރު - ފުރަތަމަ ބައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ