އިންޑިއާއިން ފެނުގެ މުއާހަދާ މެދުކަނޑާލުމުން އެކަމާ ކުރިމަތިލުމަށް ޕާކިސްތާނުން ނިންމައިފި

ކޯރުތަކުގެ ފެން ބެހުމުގެ މުއާހަދާއަށް އަމަލުކުރުން އިންޑިއާއިން މެދުކަނޑާލުމާ ގުޅިގެން ބައިނަލްއަގްވާމީ ގޮތުން ގާނޫނީ ފިޔަވަޅު އެޅުމަށް ޕާކިސްތާނުން ތައްޔާރުވަމުން އަންނަ ކަމަށް އެ ގައުމުގެ ވަޒީރަކު ވިދާޅުވެއްޖެ އެވެ.
އިންޑިއާ ފަޅީގެ ކަޝްމީރުގައި ޓޫރިސްޓުންނަށް ދިން ހަމަލާއާ ގުޅިގެން އަވަށްޓެރި ދެ ގައުމުތަކުގެ ދެމެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.
މިނިސްޓަރު އޮފް ސްޓޭޓް ފޯ ލޯ އެންޑް ޖަސްޓިސް އަކީލް މަލިކް ހޯމަ ދުވަހުގެ ރޭ ރޮއިޓާސްއަށް ވިދާޅުވީ އިސްލާމްއާބާދުން މަސައްކަތް ކުރަމުން އަންނަނީ އެ މައްސަލާގައި މަދުވެގެން ތަފާތު ތިން ގާނޫނީ ހަމައެއް ހޯދުމަށް ޕްލޭންތަކެއް އެކުލަވާލުމަށް ކަމަށެވެ. އޭގެ ތެރޭގައި އެ މުއާހަދާގެ ފެސިލިޓޭޓަރު ވޯލްޑް ބޭންކާ މަޝްވަރާ ކުރުން ހިމެނެ އެވެ.
މީގެ އިތުރުން، ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންގައި ނުވަތަ ހޭގްގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ވެސް ފިޔަވަޅު އެޅުމަށް ވިސްނަމުންދާ ކަމަށާއި ކޯޓް އޮފް ޖަސްޓިސް އިން 1969 ވަނަ އަހަރުގެ ވިއެނާ ކޮންވެންޝަން އޮން ދަ ލޯ އޮފް ޓްރީޓީސްއާ އިންޑިއާ އިން ހިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނީ ބައްދަލުވުންތައް ގާތްގަނޑަކަށް ނިމިއްޖެ،" މަލިކް ވިދާޅުވި އެވެ.
ދެން ކުރިއަށް ދާނީ ކޮން މައްސަލަތަކެއްތޯ ވަރަށް އަވަހަށް ނިންމާނެ ކަމަށާއި އޭގެ ތެރޭގައި އެއް މަގަށް ވުރެ ގިނަ މަގު ކުރިއަށް ގެންދިއުން ހިމެނޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އިންޑިއާގެ ފެނުގެ ވަސީލަތްތަކާ ބެހޭ އޮފިޝަލުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ކަޝްމީރަށް ދިން ހަމަލާއަށް ފަހު 1960 ވަނަ އަހަރުގެ ވޯލްޑް ބޭންކުން މެދުވެރިވެގެން އެކުލަވާލި އިންޑަސް ވޯޓާސް ޓްރީޓީ އިންޑިއާ އިން މިދިޔަ ހަފުތާގައި ސަސްޕެންޑްކުރީ "ޕާކިސްތާނުން ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމަށް ކުރާ ތާއީދު ގަބޫލުނުކުރެވޭ ގޮތަށް ދޫކޮށްލަންދެން" ދެމިއޮންނާނެ ކަމަށް ބުނެ އެވެ.
ޕާކިސްތާނުން ވަނީ 26 މީހުން މަރުވި ހަމަލާގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފަ އެވެ.
އިންޑިއާ އިން ބުނީ ހަމަލާދިން ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުން ކަމަށެވެ. ޕާކިސްތާނުން ބުނެފައި ވަނީ "ޕާކިސްތާނަށް ނިސްބަތްވާ ފެން ދައުރުވުން ހުއްޓުވަން ނުވަތަ އެހެން ދިމާއަކަށް ބަދަލުކުރަން ކުރާ ކޮންމެ މަސައްކަތެއް އެއީ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި ބެލެވޭނެ" ކަމަށެވެ.
ޕާކިސްތާނުން ވަނީ އިންޑިއާއާ އެކު ކުރާ ހުރިހާ ވިޔަފާރިއެއް މެދުކަނޑާލައި އިންޑިއާގެ އެއާލައިންތަކަށް އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.
ނިއުކްލިއާ ހަތިޔާރު ލިބިފައިވާ އަވަށްޓެރި ދެ ގައުމު 1947 ވަނަ އަހަރު މިނިވަންވި ފަހުން ކުރި ތިން ހަނގުރާމާގައިގެ ތެރެއިން ދެ ހަނގުރާމައެއްކޮށްފައިވަނީ ކަޝްމީރުގެ މައްސަލައިގަ އެވެ.
ފެނާ ބެހޭ މުއާހަދާއަކީ ޕާކިސްތާނުގެ ދަނޑުވެރިކަމުގެ %80 ކޯރުގެ ހައިޑްރޯޕަވާއަށް ކާންދޭ އިންޑަސް ކޯރާއި އެ ކޯރުގެ އަވަށްތަކުގެ ފެން ބެހުމާއި ބޭނުންކުރުމުގެ އެއްބަސްވުމެކެވެ. ދެ ގައުމުގެ ދެމެދުގައި ހިނގަމުން އަންނަ ނުތަނަވަސްކަމާ އެކު މިހާތަނަށް އެ މުއާހަދާއަށް އައީ ދެ ފަރާތުން ވެސް އަމަލު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ