ސިޓީބިޓީ: އެ މީހެއްގެ އަމަލަކަށް އެމީހަކު ޒިންމާ އުފުލުމުގެ ޝަރުއީ އުސޫލު ސިޓީބިޓީ: އެ މީހެއްގެ އަމަލަކަށް އެމީހަކު ޒިންމާ އުފުލުމުގެ ޝަރުއީ އުސޫލު

ގިޔާމަތް ދުވަހުގައި ހިސާބު ބައްލަވަނީ އެމީހަކު ކުރި އަމަލަކަށެވެ. އެހެން މީހުންގެ އަމަލަކަށެއް ނޫނެވެ. ކީރިތި ޤުރުއާނުގައި މީގެ ހިކުމަތަކީ ކޮންމެ އިންސާނަކަށް ހެޔޮ މަގު ދެއްކެވުމާއެކު، އިހުތިޔާރީ މިނިވަންކަން މާތް ﷲ ދެއްވާފައި އޮތުމެވެ. މީހެއްގެ ހަޔާތުގައި ހިނގާ މަގު ބިނާވަނީ މި އިހުތިޔާރީ މިނިވަންކަމުގެ މައްޗަށެވެ. އަދި މަހުޝަރުގައި އެމީހަކަށް ސަވާބާއި އަޒާބު މިންވަރު ކުރައްވާނީ ދުނިޔޭގައި އެމީހަކު ކުރި އަމަލުތަކުގެ މައްޗަށެވެ.
ކޮންމެ މީހަކުވެސް ޒިންމާ ނަގާނީ އެމީހަކު ކުރި އަމަލުތަކަށްކަން އަންގައިދޭ އެތައް އާޔަތެއް ކީރިތި ޤުރުއާނުގައިވެއެވެ. އައްނަޖުމު ސޫރަތުގެ 38 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވަނީ "އަދި ފާފަވެރި އެއްވެސް ނަފުސެއް، އެހެން ނަފުސެއްގެ ފާފައެއް ނުއުފުލާނެތެވެ." އަންޢާމް ސޫރަތުގެ 164 ވަނަ އާޔަތުގެ މާނައިގައި "...ކޮންމެ ނަފުސެއްމެ އެ ނަފުސެއް ހޯދައިގަތް ކަމެއް މެނުވީ، އެ ނަފުސެއްގެ މައްޗަކަށްނުވެއެވެ. އަދި ފާފަވެރި އެއްވެސް ނަފުސެއް، އެހެން ނަފުސެއްގެ ފާފައެއް ނުއުފުލާނެތެވެ...". ހަމަ އެފަދައިން، އަލްއިސްރާ ސޫރަތުގެ 15 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވަނީ "ތެދުމަގު ލިބިގެންފި މީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެ ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އެމީހާގެ އަމިއްލަ ނަފުސުގެ ލާބައަށެވެ. އަދި މަގު ފުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެ މަގުފުރެދޭކަން ކަށަވަރީ އެ ނަފުސުގެ ހަލާކަށެވެ. އަދި ފާފަވެރި އެއްވެސް ނަފުސެއް، އެހެން ނަފުސެއްގެ ފާފަ ނުއުފުލާނެތެވެ. އަދި ތިމަން ރަސްކަލާނގެ ރަސޫލަކު ފޮނުއްވައިފުމަށް ދާންދެން (އެއްވެސް ބަޔަކަށް) އަޒާބު ދެއްވުމަކަށް ތިމަން ރަސްކަލާނގެ ކަނޑައެއް ނާޅުއްވާނަމެވެ".
ފާޠިރު ސޫރަތުގެ 18 ވަނަ އާޔަތުގެ މާނައިގައި މާތް ﷲ ވަހީ ކުރައްވާފައިވަނީ "އަދި ފާފަވެރި އެއްވެސް ނަފުސެއް، އެހެން ނަފުސެއްގެ ފާފައެއް ނުއުފުލާނެތެވެ. އަދި ފާފައިން ބަރުވެފައިވާ ނަފުސެއް، އެ އުފުލުމަށް (އެހެން ފަރާތަކަށް) ގޮވިޔަސް، އެއީ ގާތްތިމާގެ ކަމުގެ އަހުލުވެރިއެއް ކަމުގައި ވިޔަސް، އެއިން ހަމަ އެކައްޗެއްވެސް ނުއުފުލޭނެތެވެ. ކަލޭގެފާނު އިންޒާރު ކުރައްވާކަން ކަށަވަރީ، ނުފެންނަތާނގައި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވެ، ނަމާދު ގާއިމުކޮށް އުޅޭ މީހުންނަށެވެ. އަދި (ކާފިރުކަމުން) ޠާހިރުވެގަންނަ މީހާ، ފަހެ، އެމީހާ ތާހިރުވެގަންނަކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފުސަށްޓަކައެވެ. އަދި އެނބުރި ދިޔުންވަނީ ﷲގެ ހަޟުރަތަށެވެ".
މި އުސޫލަކީ އާއިލީ ގޮތުން ކިތަންމެ ގާތް ގުޅުމެއް ދެ މީހެއްގެ ދެމެދުގައި އޮތްނަމަވެސް ހިނގާނެ އުސޫލެކެވެ. މިސާލަކަށް ހެޔޮ އަމަލެއްގެވެސް ނުވަތަ ނުބައި އަމަލެއްގެވެސް ބުރަ ބައްޕައަކަށް ދަރިއެއްގެ ފަރާތުން ނުއުފުލޭނެއެވެ. ހަމަ އެފަދައިން ބައްޕައަކު ކުރާ ހެޔޮ ނުވަތަ ނުބައި އަމަލެއްގެ ބުރަ ދަރިއަކަށް ނުއުފުލޭނެއެވެ. އެމީހެއް ކުރާ އަމަލެއްގެ ސަބަބުން ލިބޭ ފާފައާއި ސަވާބު ލިބޭނީ އެމީހަކަށެވެ.
ދިވެހިރާއްޖޭގެ އެއްވެސް ގާނޫނެއް އިސްލާމީ ޝަރީއަތާ ހިލާފަށް ނުހެދޭނެއެވެ. ޒަމާނުއްސުރެއް ދިވެހިރާއްޖޭގެ ގާނޫނުތަކުގައިވެސް ކުށްކުށަށް ޒިންމާ އުފުލުމުގެ މަފްހޫމް އޮންނަނީ ދެންނެވުނު ގޮތަށެވެ. އަދަބު ލިބެނީ ކުށް ކުރާ މީހާއަށެވެ. ކުށް ކުރާ މީހާގެ ތިމާގެ މީހާއާއި އަވަށްޓެރިންނަކަށް ނޫނެވެ. މިއީ ދިވެހިންގެ އާންމު ދިރިއުޅުމުގައިވެސް އަށަގަނެފައިވާ އަސާސީ އުސޫލެކެވެ. މީހަކު ކުރާ ކަމެއްގެ ޒިންމާ އެހެން މީހުން އުފުލާކަށް ނުޖެހެއެވެ.
މިއަދުވެސް މުޖްތަމައު ދެކޭ ގޮތަކީ މިއެވެ. ނަމަވެސް ހައިރާންވާ ކަމަކީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަޒީފާއިން ވަކިކުރުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އަމަލުތައް ބަހައްޓާފައިވާ ގޮތެވެ. އެގޮތުން، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއާ ދެކޮޅަށް ހުށަހަޅާފައިވާ ޝަކުވާތައް ފާހަގަކޮށްލެވެއެވެ.
ފަނޑިޔާރު އަޒްމިރާލްދާ އެންމެ ފުރަތަމަ ކުށްވެރިވަނީ އޭނާގެ ފިރިކަލުން، ޑރ. އިސްމާއީލް ލަތީފް، ސަރުކާރުގެ ކަމާބެހޭ އިދާރާގެ ހުއްދަ އޮތް ސްޕާއަކަށް މަސާޖަކަށް ވަޑައިގަތުމެވެ. މިއީ އަޒްމިރާލްދާގެ ވަޒީފާ ގެއްލޭވަރު ކަމެއް ކަމުގައި ނިމިއްޖެއެވެ.
ފަނޑިޔާރު އަޒްމިރާލްދާގެ ދެވަނަ ކުށަކީ ފުލުހުން އޭނާގެ ފިރިކަލުން ބަންދުކޮށް މުއްދަތު ޖަހަން ގެންދިޔުމުން، ފުލުހުންގެ ބަހުންވެސް ޑރ. އިސްމާއީލް ކުށެއް ކޮށްފައި ނުވާކަން އެނގޭތީ، އޭނާ ބަންދުން ދޫކޮށްލުމަށް ގާޒީ އިބްރާހީމް ޒިހުނީ ނިންމެވުމެވެ. މި މައްސަލައިގައި ޑރ. އިސްމާއީލްގެ މައްސަލަ ޕްރޮސިކިއުޓަ ޖެނެރަލް އިސްތިއުނާފު ނުކޮށް އޮތުމާއި، އޭނާގެ މައްޗަށް ދައުވާކުރާނެ ހެއްކެއް ނެތުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ކޮންމެހެން މުހިންމުވި މައުލޫމާތެއް ނޫނެވެ.
ފަނޑިޔާރު އަޒްމިރާލްދާގެ ތިންވަނަ ކުށަކީ، އަޒްމިރާލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލިތާ އެއް ގަޑިއިރު ފަހުން އޭނާގެ ފިރިކަލުން ކްރިމިނަލް ކޯޓަށް ގެންދިޔަތޯ ސާފު ކުރައްވަން އަޒްމިރާލްދާއަށް ނުވެސް އެނގި ސުޕްރީމް ކޯޓުގައި އުޅުއްވާ އެހެން ފަނޑިޔާރަކު ކްރިމިނަލް ކޯޓުގެ ގާޒީއަކާ ގުޅުއްވުމެވެ. މި ފޯނު ކޯލަކީ ފަނޑިޔާރު އަޒްމިރާލްދާގެ އެދުމަކަށް ފަނޑިޔާރު މަހާޒު އަލީ ޒާހިރު ނުފޫޒު ފޯރުވުމަށް ކުރެއްވި ފޯނު ކޯލެއްކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ހަރު އަޑުން ބުނާއިރު، ނުފޫޒުގެ މަންފާ ލިބޭ ފަރާތްކަމަށް ބުނާ ޑރ. އިސްމާއީލް، އޭގެ އެއް ގަޑިއިރު ކުރިން މިނިވަންވެފައިވާކަން ފަނޑިޔާރު އަޒްމިރާލްދާއަށް ވަކީލުގެ ފަރާތުން އެ ވަގުތު އެނގިފައިވާކަން އެއީ މުހިންމުކަމަކަށް ކޮމިޝަނަކަށް ނުވިއެވެ.
ފަނޑިޔާރު އަޒްމިރާލްދާގެ ހަތަރުވަނަ ކުށަކީ އޭނާގެ ހާޒިރުގައި ފަނޑިޔާރު ހުސްނުއް ސުއޫދު ތަންކޮޅެއް ހަރުކަށިކޮށް ހައިކޯޓުގެ އެސިސްޓެންޓު ރެޖިސްޓްރާ އަށް މުއާމަލާތް ކުރެއްވި ކަމަށް ބުނާ ބުނުމެވެ. މުޅި ޝަކުވާ އެންމެ ފުރަތަމަ އަމާޒުވީ ފަނޑިޔާރު ސުއޫދުއަށް ކަމަށް ވިޔަސް، އެ ފަނޑިޔާރު މަގާމުން އިސްތިއުފާ ދެއްވުމުން، އެތަނުގައި ހާޒިރުވެ ހުންނަވައި ނޭވާލީތީ އަޒްމިރާލްދާ ކުށްވެރިވެއެވެ.
ފަނޑިޔާރު އަޒްމިރާލްދާގެ ފަސްވަނަ ކުށަކީ އޭނާގެ ގާނޫނީ ވަކީލު އޭނާގެ މައްސަލައާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރި ތަހުގީގުތަކާ ގުޅިގެންހުރި ކަންބޮޑުވުން ހާމަކުރެއްވުމަށްޓަކައި ނޫސް ބަޔާން ނެރުއްވުމެވެ. ނޫސް ބަޔާންތައްވެސް ނެރެފައިވަނީ ސީދާ ގާނޫނީ ވަކީލު އަމިއްލައަށް ކަމުގައި ވީނަމަވެސް، އެއީވެސް ފަނޑިޔާރު އަޒްމިރާލްދާގެ ސުލޫކީ މައްސަލައެއް ކަމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ދެކެއެވެ.
ދިވެހިރާއްޖޭގައި މިހާރުވެސް އަމަލުކުރަމުންދާ އެންމެހައި ގާނޫނުތަކުގެ ދަށުންވެސް ކުށެއް ނުވަތަ އަމަލެއްގެ ޒިންމާ އުފުލަނީ އެކަމެއް ކުރާ މީހާއެވެ. ތިމާގެ ކުށެއް ނެތްނަމަ، އެހެން މީހެއްގެ އަމަލަކަށް ޒިންމާ އުފުލާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ.
ފަނޑިޔާރު އަޒްމިރާލްދާގެ ސުލޫކީ މައްސަލަތައްކަމަށް ބުނާ މައްސަލަތަކުގައި ކަންހިނގާފައިވާ ގޮތަކީ އިސްލާމީ މުޖްތަމައެއްގައި ފެންނަން ލަދުވެތި މަންޒަރެކެވެ. އިސްލާމީ އަސާސީ އުސޫލުތައް މުގުރައި، އިންސާފުން އެއްކިބާވުމެވެ. އަދި މިހައިތަނަށް ސީދާ ފަނޑިޔާރު އަޒްމިރާލްދާ ކުރެއްވި އަމަލަކަށް އޭނާ ޒިންމާ ކުރުވާކަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަކުން ނާދެއެވެ.
ރަޖިސްޓްރީ ނުކޮށް ހިންގާ ބައެއް ނޫސްތަކާއި، ސަރުކާރުގެ އެކްޓިވިސްޓުން ހިންގާ ބައެއް ސޯޝަލް މީޑިއާ އެކައުންޓްތަކުން އެމީހުންގެ ނެރޭޓިވް ކުރިއަރުވަން ވަރަށް މަސައްކަތް ކުރެއެވެ. "ކަސްބީ އަންހެނެއް ކައިރީގައި ބަރަހަނާކޮށް އޮތް" ފިރިއަކު ސަލާމަތް ކުރަން ފަނޑިޔާރު އަޒްމިރާލްދާ ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ކުރެއެވެ. ބުއްދީގެ ހަމަތަކުން ވިސްނާނަމަ، އެއް ކަމަކަށް، ޖޭއެސްސީ އިން އެބުނާ ފަދަ ގޮތަކަށް އޮތް ބޭވަފާތެރި ފިރިއަކު ސަލާމަތްކުރަން އަޒްމިރާލްދާ އުޅެންޖެހޭ ސަބަބެއް ނެތެވެ.
މިއީ އަޒްމިރާލްދާގެ ވަކީލު، އަލްއުސްތާޒު އިބްރާހީމް ޝަމީލް ދެއްވި ޕްރެސް ބްރީފިންގގައިވެސް ފާހަގަކުރެއްވި ކަމެކެވެ. އަންހެނަކަށްވީތީ އަޒްމިރާލްދާ މިއަދު ދިފާއު ކުރައްވަން ޖެހިވަޑައިގަންނަވަނީ ފިރިހެން ނެރޭޓިވްކަމެވެ. އަމިއްލަ ފައި މައްޗަށް ތެދުވެވޭ މިނިވަންކަމާއެކު ދިރިއުޅުމުގެ އެންމެހައި ކަންކަން ބެލެހެއްޓޭ ގާބިލު އަންހެނެއްގެ ހައިސިއްޔަތުން ނޫންކަމެވެ.
ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ މިއަށްވުރެ ރީތި، ގާނޫނު ހުއްދަކުރާ ގޮތްތައް އެބަހުއްޓެވެ. އެހެންނަމަވެސް، ލަފާކުރެވެނީ "އިއްތިފާގަކުން" ކަމުގައި ވިޔަސް، ދިވެހިރާއްޖޭގެ ތާރީހުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެހެން ބައެއްގެ އަމަލުތަކެއްގެ މައްޗަށް ބިނާކޮށް، މަޖިލިހުގެ ތަޅުމުގައި ދެމަފިރިއެއްގެ އަބުރު ކަތިލައި، ވަޒީފާއިން ވަކިކުރާނެކަމެވެ. ރާއްޖޭގައި ކަން ހިނގާ ގޮތަށް ބަލާއިރު، އަދި މިހާރުގެ މަޖިލީހަކީ ރަބަރު ސްޓޭމްޕް ޖަހައިދޭ މަޖިލީހަކަށްވާތީ މި ނޫން ނަތީޖާއެއް ފެނުމަކީ ދުރުކަމެކެވެ.
ގާނޫނީ ވަކީލެއް
---
ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟
ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް [email protected] އަށް އީމެއިލްކޮށްލާށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ