ޖަލު ހުކުމުގެ މުއްދަތު ހަމަވި ފަހުން އެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

މީހަކު ޖަލަށްލާން ކުރި ހުކުމުގެ މުއްދަތު ހަމަވި ފަހުން އެ ހުކުމަށް ހައި ކޯޓުން އިއްޔެ ތާއީދުކޮށްފި އެވެ.
ހައި ކޯޓުން އިއްޔެ ތާއީދުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގައި ޅ. ނައިފަރު ނޫވިލާގޭ އީސާ ރުސްތުމް ފަސް އަހަރަށް ޖަލަށްލާން ޖެނުއަރީ، 2010 ގައި ކްރިމިނަލް ކޯޓުން ކުރި ހުކުމަށެވެ. އެ މައްސަލަ ޖެނުއަރީ، 2010 ގައި ދަށު ކޯޓުން ނިންމުމުން ރުސްތުމްގެ ފަރާތުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ މެއި، 2010 ގަ އެވެ.
އޭގެ ފަސް އަހަރުވެ، ހުކުމުގެ މުއްދަތު ހަމަވި ފަހުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ފެބްރުއަރީ، 2008 ގައި ރުސްތުމްގެ ގަމީހެއްގެ ޖީބުން ފެނުނު ގްރާމެއް ހަމަނުވާ އެ މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއްކަން ސާބިތުވާ ކަމަށާއި އެހެންވެ އެ ހުކުމަށް ބަދަލު ގެންނަން ޖެހޭނެ ތަނެއް ނެތް ކަމަށެވެ.
މީގެ ކުރިން ބަންދު އަމުރުގެ މައްސަލަތަކުގައި ބަންދު މުއްދަތު ހަމަވާ ފަހުން އެ އަމުރު ބާތިލްކޮށްފައިވެ އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް 2010 ގައި ފެށި ނަމަވެސް ފަނޑިޔާރުން މަދުވުމާއި އެހެނިހެން ސަބަބުތަކާ ހެދި ގިނަ ދުވަސްތަކެއް ވަނީ ހުއްޓިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ