ސީޕީ ކަމަށް ކުރިމަތިލެއްވި 3 ބޭފުޅުންގެ ވެސް ޝަރުތު ހަމަވާ ކަމަށް ޕޮލިސް ބޯޑުން ނިންމައިފި
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުން ވެސް އެ މަގާމަށް ޝަރުތު ހަމަވާ ކަމަށް ޕޮލިސް ބޯޑުން ނިންމައިފިއެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް މިދިޔަ އޭޕްރީލް 26ގައި އިސްތިއުފާ ދެއްވުމުންނެވެ. އެއާއެކު ސީޕީގެ މަގާމަށް ކުރިމަތިލާން ހުޅުވައިލި މުއްދަތުގައި، އެ މަގާމަށް ކުރިމަތިލެއްވީ ތިން ބޭފުޅުންނެވެ. އެއީ: މިހާރު ވަގުތީގޮތުން ފުލުހުންގެ އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވައިލީ، މެއި 27ގައެވެ. ހޯމް މިނިސްޓްރީން ކުރި އިންޓާނަލް އިއުލާނެއްގައި ވަނީ، މި މަގާމަށް ކުރިމަތި ލެވޭނީ ފުލުހުންގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް ކަމަށެވެ. ޕޮލިސް ކޮމިޝަނަރު ކަނޑައެޅުމުގެ ކުރިން، އެ މަގާމަށް ކުރިމަތިލާ މީހުންނާ ޕޮލިސް ބޯޑުން އިންޓަވިއުކުރެއެވެ. އެއަށް ފަހު ކޮމިޝަނަރަކު އައްޔަން ކުރާނީ މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މި ތިން ބޭފުޅުން ވެސް މަގާމަށް ޝަރުތު ހަމަވާކަމަށް ޕޮލިސް ބޯޑުގެ އޮފިޝަލަކު "ސަން"އަށް ވަނީ ކަށަވަރުކޮށްދީފައެވެ. https://sun.mv/205245 ސީޕީގެ މަގާމުގައި ހުންނެވި ޝުޖާއު އިސްތިއުފާދެއްވީ، މިދިޔަ މާޗު މަހުގެ 18ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތަށް ފާޑުކިޔުން އަމާޒުވެ، ޝުޖާއުގެ އިސްތިއުފާއަށް ޒުވާނުން ގޮވައިލަމުން ދަނިކޮށެވެ. ޝުޖާއު އިސްތިއުފާ ދެއްވުމުން އެންމެ ފުރަތަމަ އެކްޓިން ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ ފަރުހާދު ފިކުރީއެވެ. ނަމަވެސް, އޭގެ ގަޑިއިރެއް ފަހުން ވަނީ އޭނާގެ އަތުން މަގާމު ނަގައި އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އައްޔަން ކުރައްވައިފައެވެ. މި ސަރުކާރުން އެންމެ ފުރަތަމަ ޕޮލިސް ކޮމިޝަނަރަކަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ވާދަ ކުރެއްވީ ވެސް ޝުޖާއުއާއި ނަވީންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ