ކެރެލާ ކައިރިން ސިންގަޕޫރުގެ ކޮންޓެއިނަރު ބޯޓެއްގައި ރޯވެ، 4 މީހަކު ގެއްލިއްޖެ

އިންޑިއާގެ ކެރެލާގެ އައްސޭރިފަށުން ދަތުރު ކުރި ސިންގަޕޫރުގެ ކޮންޓެއިނަރު އާގު ބޯޓެއްގައި ރޯވެ، ހަތަރު މީހަކު ގެއްލިފައިވާ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
އެ ހާސިގާއި އެ ބޯޓުގެ ފަޅުވެރިންގެ ތެރެއިން 18 މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ. އެ ހާދިސާ ހިނގާފައިވަނީ ކެރެލާގެ ކަންނޫރު ޑިސްޓްރިކްޓާ ގާތްގަނޑަކަށް 44 މޭލު ދުރުން އަދި ކޮޗިންގެ ހުޅަނގު އުތުރުން 130 މޭލު ބޭރުގައި އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ.
އިންޑިއާގެ ދިފާއީ މަސްދަރުތަކުން ބުނީ ސިންގަޕޫރުގެ ދިދަ ޖަހާފައިވާ ކޮންޓެއިނަރު ބޯޓު، އެމްވީ ވަން ހޭ 503ގައި ތިބި 22 ފަޅުވެރިންގެ ތެރެއިން 18 ފަޅުވެރިން ސަލާމަތްކުރީ އިންޑިއާގެ ނޭވީ އާއި ކޯސްޓްގާޑުގެ އުޅަނދުތަކުން ކަމަށެވެ. ސަލާމަތް ކުރި މީހުން ވަނީ މެންގަލޫރު ބަނދަރަށް ގެންގޮސްފަ އެވެ.
އެ ބޯޓު ދަތުރު ކުރީ ސްރީ ލަންކާގެ ކޮލަމްބޯއިން މުމްބާއީގެ ނަހަވާ ޝެވާއަށް އަށެވެ. އެ ބޯޓު ޝެވާގައި ބަނދަރު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. 
އެ ބޯޓުގައި ތިބި ފަޅުވެރިންގެ ތެރޭގައި ހިމެނެނީ ޗައިނާގެ އަށް މީހަކާއި ޓައިވާނުގެ ހަ މީހަކާއި މިޔަންމާގެ ފަސް މީހަކާއި އިންޑޮނޭޝިއާގެ ތިން މީހެކެވެ.
މެރިޓައިމް ސެކިއުރިޓީ އެޖެންސީތަކުން ބުނާ ގޮތުގައި 270 މީޓަރު ދިގު އަދި 12.5 މީޓަރުގެ ކޮންޓެއިނާ ބޯޓުގައި އަލިފާން ރޯވީ އެ ބޯޓުގެ މެދުތެރޭގަ އެވެ.
އިންޑިއާގެ ބަނދަރެއްގެ އިސް އޮފިޝަލަކު ވިދާޅުވީ ބޯޓުގައި ހުރި ކޮންޓެއިނަރުތަކުގައި އަލިފާން ރޯވާ ސޮލިޑްސް، ލިކުއިޑްސް އަދި ވިހަ މާއްދާތައް ފަދަ ނުރައްކާތެރި ތަކެތި ހުރި ކަމަށެވެ.
މިއީ މަހެއްހާ ދުވަހުގެ ތެރޭގައި ކެރެލާގެ ގޮނޑުދޮށް ކައިރީގައި މުދާ އުފުލާ އުޅަނދުފަހަރަށް ދިމާވި ދެވަނަ ހާދިސާ އެވެ. މިދިޔަ މަހުގެ 24 ވަނަ ދުވަހު ވެސް ވަނީ މުދާ އުފުލާ ބޯޓެއް ކެރެލާގެ އައްސޭރި ފަށަށް އަޑިއަށް ގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ