މަނީ ލޯންޑަރ ކޮށް ޤާނޫނާ ޚިލާފަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކަށް ދައުވާކުރަން ފޮނުވައިފި

ޤާނޫނާ ޚިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގ ކުރި ކަމުގެ ތުހުމަތުގައި ބަނގްލަދޭޝްގެ 34 އަހަރުގެ ޝަހާދަތު ހުސެއިން ހައްޔަރުކޮށް، މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުންގެ ބުނެފައިވަނީ 2014 އިން ފެށިގެން ރާއްޖޭގައި އުޅެމުންދާ ޝަހާދަތު ހުސެއިން، 2019 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގައި 6 އެކައުންޓް ހުޅުވާފައިވާކަމަށާއި މި އެކައުންޓުތަކުން މިހާތަނަށް 8 މިލިއަން ރުފިޔާ ދައުރުވެފައިވާކަމަށެވެ.
ފުލުހުންގެ ތަހުގީގުގައި އޭނާގެ ފޯނާއި ލެޕްޓޮޕް ބަލައި ފާސްކުރުމުން، އެކި ކުންފުނިތަކުގެ ލޯގޯ، ރެޖިސްޓްރީ، ބިދޭސީންގެ ޕާސްޕޯޓް އަދި އީފާސް އައިޑީތައް ފެނިފައިވެއެވެ. އަދި މީގެ އިތުރުން 500 އަށްވުރެ ގިނަ އެކައުންޓުގެ އައިޑީ އަދި ޕާސްވޯޑް ވެސް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައިގައި އިމިގްރޭޝަންގެ މުވައްޒަފުންނާއި އާންމު ދިވެހިން ޝާމިލްވާކަން ފުލުހުންގެ ތަހުގީގަށް ހާމަވެފައިވެއެވެ. މި ފަރާތްތަކުން ކުންފުނިތަކުގެ ކޯޓާ ނަގައި، ބިދޭސީން އެތެރެކޮށް، ވަޒީފާ ނުދީ މާލެތެރެއަށް ދޫކޮށްލައި، މާލީ މަންފާ ހޯދަމުންދާކަމަށް ބެލެވެއެވެ.
ފުލުހުންގެ ތަހުގީގުން އިތުރަށް ހާމަވެފައިވާ ގޮތުގައި، މި ވިޔަފާރީގައި ސައްހަނޫން ވޯކް ޕާމިޓް ލިޔެކިޔުންތައް ބޭނުންކޮށް، ބަނގްލަދޭޝްގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރަމުންދާކަންވެސް ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލައިގައި އިތުރު ތަހުގީގުތައް ކުރިއަށްދާއިރު، މައްސަލައިގައި ޝާމިލުވާ އެހެން ފަރާތްތަކާމެދުވެސް ޤާނޫނީ ފިޔަވަޅު އެޅޭނެކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ