އެމްޑީޕީ ސަރުކާރުން ވެސް ޖުޑީޝަރީއަށް އިސްލާހު ގެނައީ ރަނގަޅަށް ކަމަށް މެންބަރު ދީދީ ވިދާޅުވެއްޖެ އެމްޑީޕީ ސަރުކާރުން ވެސް ޖުޑީޝަރީއަށް އިސްލާހު ގެނައީ ރަނގަޅަށް ކަމަށް މެންބަރު ދީދީ ވިދާޅުވެއްޖެ

ނިމިދިޔަ އެމްޑީޕީ ސަރުކާރު ހިމެނޭހެން، ހުރިހާ ސަރުކާރަކުން ވެސް ޖުޑީޝަރީއަށް އިސްލާހު ގެނެސް ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނައީ ރަނގަޅަށް ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން، މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރަން ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ފޮނުވި ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ކުރަމުންދާ ބަހުސްގެ ތެރެއިން ދީދީ ވިދާޅުވީ، ކޮންމެ ބަޔަކު ކުރިޔަސް ރަނގަޅު ކަންކަން ވާނީ ރަނގަޅު ކަންކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މީގެ ކުރިންވެސް، ހުރިހާ ސަރުކާރުތަކުންވެސް، ޖުޑީޝަރީއަށް އިސްލާހު ގެންނަނީ ރަނގަޅަށް. އެހެންވީމަ އަޅުގަނޑުމެން ވެސް ގެންނަނީ ރަނގަޅަށް،" އޭނާ ވިދާޅުވި އެވެ.
އަދި، މިހާރު ގެންނަ ބަދަލު ގޯސް ނަމަ، 19 ވަނަ މަޖިލީހުގައި ހިމެނުނު އެމްޑީޕީ މެންބަރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ ގޯސްކޮށް ކަމަށް ބުނުމަށް އޭނާ ގޮވާލެއްވި އެވެ. ސަރުކާރުތަކުން ކަންކަން ކުރަނީ އެބަޔަކަށް ފެންނަ ގޮތެއްގެ މަތިން ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށް ވެސް ދީދީ މިއަދު ވިދާޅުވި އެވެ.
"މީގަ ނެތް އެއްވެސް މައްސަލައެއް. ހަމައެކަނި މައްސަލައަކީ އޭރު އެކަން ކުރި މީހުން ނޫން އެހެން ބަޔަކު އެކަން ކުރާތީ. ތަފާތު ވިސްނުމުގެ ބަޔަކު ތިބީމަ،" ދީދީ ވިދާޅުވި އެވެ.
ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައާ މެދު މިއަދު މަޖިލީހުގެ ތަޅުމުގައި ވޯޓު ނަގާނެ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް, ސުލޫކީ މައްސަލަތަކެއް ބަލަން ފެށީ ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރި ދުވަހު އެވެ.
މަހާޒް އާއި އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ޖޭއެސްސީން ސަސްޕެންޑު ކުރި އެވެ. ސަސްޕެންޑު ކުރުމާއެކު ހުސްނުއްސުއޫދު ވަނީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީން ފެބްރުއަރީ 27، ގައި ބިލެއް ވެސް ފާސްކުރި އެވެ. ނަމަވެސް އެ ބިލަށް ފާޑުކިޔުން އަމާޒުވުމުން ތަސްދީގު ނުކުރައްވައި ރައީސް މުއިއްޒު އަނބުރާ މަޖިލީހަށް ފޮނުވީ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލަ ހުސްނުއްސުއޫދުގެ އިތުރުން އަޒްމިރާލްދާ ވަނީ އދ. އަށް ހުށަހަޅުއްވާފަ އެވެ. އަޒްމިރަލްދާ މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލުންނާއި ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ އދ. ގެ ރެޕަޓުއާއަށެވެ. ހުސްނުއްސުއޫދު މައްސަލަ ހުށަހެޅުއްވީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށެވެ.
ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސެއިން ޝަހީދު ވަނީ އައްޔަނުކޮށްފަ އެވެ. އަދި ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލުކުރާ މެންބަރަކަށް ވެސް އޭނާ ވަނީ ހަމަޖައްސާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ