"ހަވީރު"ގެ މައްސަލަ އިން ހަވީރު މީޑިއާ ގުރޫޕު ބޭރުވެއްޖެ

"ހަވީރު" ނޫހުގެ އާމްދަނީގެ ފައިދާ އިން ބައެއް ހޯދުމަށް ހަވީރު ނިއުސް އޭޖެންސީގެ ތިން ހިއްސާދާރުން، ސިވިލް ކޯޓަށް ހުށަހެޅުމުން މިހާރު ބަލަމުންދާ މައްސަލަ އަށް ތަދައްޚުލުވި ހަވީރު މީޑިއާ ގުރޫޕު އެ މައްސަލަ އިން މިއަދު ބޭރުވެއްޖެ އެވެ.
ހަވީރު މީޑިއާ ގުރޫޕްގެ މެނޭޖިން ޑިރެކްޓަރު ވާއިލް މުހައްމަދު ޒާހިރު ހުސައިން ސޮއިކުރައްވައި މިއަދު ނެރުއްވި ބަޔާނުގައި ބުނެފައިވާ ގޮތުން، އެ މައްސަލަ އަށް ތަދަައްޚުލްވުމަށް ފަހުގައި، އެ މައްސަލަ އިން ބޭރުވީ، ހައްލެއް ނުހޯދި މައްސަލަ ދިގުލައިގެން ދާތީ އެ ކުންފުނި ބަނގުރޫޓުވުމާ ގާތްވެފައިވާތީ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ މައްސަލަ އަށް "ހަވީރު މީޑިއާ ގުރޫޕުން ތަދައްޚުލުވީ، އެ މައްސަލައިގެ ވަކި ހިސާބަކުން، މި ކުންފުނީގެ މުދާތަކާއި ބޭންކު އެކައުންޓުތަކާއި ފިކުރީ މުދާތައް ވެސް ހަވީރު ނިއުސް އޭޖެންސީގެ ބައިވެރިވުން ނެތް ގޮތެއްގައި ބޭނުން ނުކުރުމަށް، ސިވިލް ކޯޓުން ނެރުނު ނަންބަރު: B3-CR3/VA/2016/03 ވަގުތީ އަމުރާއި އެޕްރީލް 2، 2016ގައި ނެރުނު އެންގުމާ ގުޅިގެން، މި ކުންފުނީގެ އެންމެހައި މުދާތަކާއި ފައިސާ ބޭނުން ނުކުރެވި ހިފެހެއްޓިފައިވާތީ" އެވެ.
ނަމަވެސް އެ ކުންފުނިން އެ މައްސަލަ އަށް ތަދައްޚުލުވި ސަބަބަށް ކޯޓުން ރިއާޔަތްކުރުމެއް ނެތި، އަދި އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުންގެ ހައްގުތަކަށް ރިއާޔަތް ކުރުމެއް ނެތި އަދި މި ކުންފުނިން ތަދައްޚުލުވި ސަބަބާ މެދު ސިވިލް ކޯޓުން އެއްވެސް ޖަވާބެއް ދިނުމެއް ނެތި، މައްސަލަ ދިގުލައިގެން ދިއުމުގެ ސަބަބުން "މި ކުންފުނީގެ އެއްވެސް މުދަލަކުން ވިޔަފާރިއެއް ނުކުރެވި، އަދި އެއްވެސް އެކައުންޓެއްގައި ހުރި ފައިސާއެއް ބޭނުން ނުކުރެވި ގިނަ ދުވަސްތަކެއް ވަމުންދާތީ މި ކުންފުނި މިހާރު ވަނީ ބަނގުރޫޓުވުމާ ގާތްވެފަ" ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އަދި ހަވީރު މީޑިއާ ގުރޫޕްގެ މުދަލާއި ބޭންކު އެކައުންޓުތައް ހިފެހެއްޓިފައި ހުރުމުން، މުވައްޒަފުންނަށް މުސާރަ ނުދެވުމުންނާއި ކުންފުނި އަލުން ހިންގަން ފެށޭނެ ދުވަހެއް ނޭނގޭތީ، މުވައްޒަފުންނާއި ހަވީރު މީޑިއާ ގުރޫޕާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފުން ވަކިވެފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"މި ދެންނެވި ހަގީގަތްތައް މިހެން ހުރުމާ އެކު، ހަވީރު ނިއުސް އޭޖެންސީގެ ތިން ހިއްސާދާރުންގެ ފަރާތުން، ހަވީރު ނޫހުގެ ކުރީގެ މަސްއޫލުވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސައިންގެ މައްޗަށް ސިވިލް ކޯޓުގައި ކޮށްފައިވާ ދަޢުވާ އަށް، ހަވީރު މީޑިއާ ގުރޫޕުން ތަދައްޚުލުވެފައިވާ ތަދައްޚުލުވުން އަނބުރާ ގެނެސް، އެ މައްސަލައިން މި ކުންފުނި ބޭރުވެފައިވާ ވާހަކަ ދަންނަވަމެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ